ހުތުބާގައި ފާހަގަކުރި ގޮތުގައި ކާފަރުން ގުރުއާނާމެދު ޝައްކު އުފައްދަން ކުރާ މަސައްކަތްތަކާމެދު ސަމާލުވެ އެފަދަ ކަންކަމުގައި ނުޖެހި ތިބުމަށް މުސްލިމުން ސަމާލުވާންޖެހެ އެވެ.
ކީރިތި ގުރުއާނަކީ މާތްﷲގެ ކަލާމްފުޅު ކަމުގެ މައްޗަށް ދަލީލުކުރާ ގިނަގުނަ އިލްމީ ހެކިތައް އެބަހުރިކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ކީރިތި ގުރުއާނާމެދު ޝައްކު އުފެއްދުމުގެ މަސައްކަތަކީ އެ ފޮތް ބާވައިލައްވަން ފެއްޓެވި ދުވަހުން ފެށިގެން ހިނގަމުންދާ ކަމެއް ކަމުގައި ފާހަގަކޮށް، ހުތުބާގައި ބުނެފައިވަނީ އެއީ މުސްލިމުން ބައިބައިކޮށް އީމާންކަމާއި މަތިވެރި އަގީދާއިން ދުރުހުލިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއަތާ މުސްލިމުން ބީރައްޓެހިކުރުމަށް ކުރާ ކަމެއް ކަމަށެވެ.
އަދި މި ޒަމާނަކީ މައުލޫމާތު ފެތުރުމުގެ އެކި ވަސީލަތްތައް ގިނަގުނަ ޒަމާނަކަށްވާއިރު، މިއަދު އެފަދަ ޝައްކުތަކުގެ މަޅީގައި ނޭނގި ބަޔަަކު ޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ.
ގުރުއާނާމެދު ޝައްކު އުފެއްދުމަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ އެ ފޮތަކީ މާތްﷲގެ ކަލާމްފުޅު ނޫންކަަން ދެއްކުމަށް ކުރެވުނު މަސައްކަތްތައްކަމަށާއި، އެ މަސައްކަތްތަކުގެ ތެރޭގައި ހަދައިގެން އެތައް ތަފާތު ވާހަކަދެއްކި ކަމަށާއި، ގުރުއާނަކީ ހުވަފެނުގެ ހާސަރުތަކެއް ކަމށް އަދި އެއީ ސަލާމާއި ސަލަވާތް ލެއްވުނު މާތް ނަބިއްޔާ އަމިއްލަފުޅަށް ހެއްދެވި ވާހަކަތަކެއްކަމަށް ނުވަތަ އެއީ ޅެންތަކެއް ކަމަށް ބުނެ ވާހަކަތައް އެކެލޭގެފާނުގެ ޒަމާނުގައި މުޝްރިކުން ފެތިކަމަަށް ހުތުބާގައި ފާހަގަކުރި އެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި ގުރުއާނަކީ ރަސޫލާ އަމިއްލަފުޅަށް އުފެއްދެވި އެއްޗެއްކަމަށް މައްކާގެ މުޝްރިކުން ދައުވާކުރުމުން، އެމީހުންގެ ދައުވާއަކީ ތެދެއްނަމަ، އެ ފޮތާ އެއްގޮތް ފޮތެއް އެމީހުން އަމިއްލައަށް ގެނެސްގަތުމަށް މާތް ގޮންޖައްސަވައި އެމީހުންނަށް އެންގެވި އެވެ. ގުރުއާނާ އެއްފަދަ އެންމެ ސޫރަތެއް ނުވަތަ އެންމެ އާޔަތެއް ގެނައުމަށްވެސް އެބައިމީހުން ނުކުޅެދުނެވެ.
މާތްﷲގެ މިގޮންޖެއްސެވުމާއެކު، އެ ގުރުއާނާ އެއްގޮތް ފޮތެއް ގެނެސްގަތުމުގައި އިންސާނާ ނުކުޅެދި، އެ ފޮތަކީ އިންސާނެއްގެ އުފެއްދުމަށް ކަމުގައި ކުރި ދައުވާތަކުގެ ބާތިލުކަން ސާބިތުވެގެން ގޮސްފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ.
ގުރުއާނުގައި އިންސާނާ އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަނެ އުފެދެމުންދާ ގޮތް ސިފަކުރައްވާފައިވާ ފުރިހަމަކަމާއި، ތަފުސީލުކަން މިސާލެއްގެ ގޮތުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ގުރުއާނަކީ މާތްﷲގެ ކަލާމްފުޅުކަމުގެ މައްޗަށް ދަލީލުކުރާ އެފަދަ އެތައް އިލްމީ ހެކިތަކެއް ގުރުއާނުގައި އެކުލެވިގެންވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތަކީ ވަހީގެ ޒަރީއާއިން ނޫނީ އެ ޒަމާނުގައި އެކަކަށްވެސް އެނގޭނެ ކަންކަން ނޫންކަން ހުތުބާގައި ފާހަގަކުރި އެވެ.
އަދި ގުރުއާނަކީ ނަބިއްޔާ ޝާމަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލުވެވަޑައިގެންނެވި ރާހިބެއް އަރިހުން ދަސްކުރެއްވި ބަސްފުޅުތަކެއް ކަމުގައި ބައެއް މުސްތަޝްރިގުން ބުނާ ވާހަކައަށް ރައްދުދީ ހުތުބާގައި ބުނެފައިވަނީ، ގުރުއާނުގައި ހުރި ވާހަކަތައް ތައުރާތާއި އިންޖީލުގައި ހުރި ވާހަކަތަކާ އެއްގޮތްވަނީ، އެ ދެފޮތުގެ އަަސްލު ގެއްލިފައިވީ ނަމަވެސް އެއީވެސް މާތްﷲ ބާވައިލެއްވި ދެފޮތަށްވާތީ ކަމަށެވެ. އަދި ދަތުރުފުޅެއްގައި ކުޑަ ވަގުުތުކޮޅަކށް ބައްދަލުވެވަޑައިގެންނެވި ރާހިބެއްގެ އަރިހުން ގުރުއާން އުނގެނިވަޑައިގަތުމަކީ މުސްތަހީލު ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ.
އިސްލާމް ދީން ނައްތައިލުމަށް އަދާވަތްތެރިން ކުރާ ކަންކަމާމެދު ފާރަވެރިވެ، ދީން ރަނގަަޅަށް އުނގެނި އެމީހުން ކުރާ މަސައްކަތްތަކާމެދު ހޭލައި ތިބެންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ކާފަރުން އަބަދުވެސް މަސައްކަތްކުރާނީ މުސްލިމުން އިސްލާމްދީނާ ދުރުކުރަން ކަމަށެވެ.