"ސުޕްރީމް ކޯޓުގެ ބެންޗު ބަދަަލުކުރަން ވާހަކަނުދެކެވޭ، އެއީ ބިރު އުފައްދަން ފަތުރާ ވާހަކަ"

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ މަޝްވަރާއެއް ސަރުކާރުގެ ތެރޭގައި ނުހިނގާއިރު އިދިކޮޅުން އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ބިރުވެރިކަން އުފެއްދުމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ސަރުކާރުން އުޅޭކަމަށް އިދިކޮޅު ޕާޓީތަކުން ވާހަކަތައް ފަތުރަނީ ބިރުވެރިކަން އުފެއްދުމަށް ކަމަށާއި، މިހާތަނަށް އެފަދަަ ވާހަކަތަކެއް ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ދެކެވިފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްގެ "ބާބު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މަަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ފެހި ގާނޫނުއަސާސީގެ ފަހުން އައި ކޮންމެ ސަރުކާރަކުންވެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. 

އެގޮތުން ފުރަތަމަ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު އެއިރު އޮތީ ރައީސް މައުމޫނުގެ ވެރިކަން ކަމަށާއި، އެއިރު އޮތީ އިންތިގާލީ ސުޕްރީމް ކޯޓެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 17 ވަނަ މަޖިލީހުން ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލިއިރު އިންތިގާލީ ސުޕްރީމް ކޯޓުގައި ތިއްބެވި ބައެއް ފަނޑިޔާރުން ދާއިމީ ސުޕްރީމް ކޯޓުގައި ނުހިމެނެ އެވެ. 

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި އެއިގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރައްވައި ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރެއްވި އެވެ. އަދި އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި 19 ވަނަ މަޖިލިސް މެދުވެރިކޮށް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކޮށް، ކުރިން ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ބަދަލުކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މި ސަރުކާރުން މިހާތަނަށް ސުޕްރީމް ކޯޓު ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި، އޭނާ ހުންނެވީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާއާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވޭކަން ފާހަގަކުރައްވައި އަބްދުއްރަހީމް ދެއްވި ޔަގީންކަމަކީ މިހާތަނަށް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެންނެވުމާމެދު ރައީސް މަޝްވަރާކުރައްވާފައިނުވާ ކަމަށެވެ. 

އަބްދުއްރަހީމު އިތުރަށް ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެންނަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ ބިރުވެރިކަން ފެތުރުމަށް ދައްކާ ވާހަކައެކެވެ. ނަމަވެސް ބޭނުންވެއްޖެނަމަ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނެވޭނެ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެއީ ކުރަން ބޭނުންޖެހިއްޖެނަމަ ކުރެވިދާނެ ކަމެއް ކަމަށެވެ. 

"މިސަރުކާރަކުން މިހާތަނަށް އައިއިރު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރެއްވުމުގެ އެއްވެސް ވާހަކައެއް ނުދައްކަވާ. ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހާ ހަމައަށް އަައިސްފައެއް ނެތް. އަދި އަޅުގަނޑަކީ ތިވިދާޅުވިހެން ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަންވީމަ ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ ރައީސަށްވީމާ ބައެއް ކަންކަމުގައި ހިޔާލު ބަދަލުކުރެވޭ. މިހާތަނަށް އެފަދަ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާއެއް ނުކުރައްވާ،" މަޖިލިސް ރައީސް ވިދާޅުވި އެވެ. 

"އެވެސް ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން އެ ބޭފުޅުން ފަތުރާ ވާހަކަފުޅެއް. ނަމަވެސް އަޅުގަނޑު މިދަންނަވާ ވާހަކައަކީ އެކަަން ކުރަންޖެހިއްޖެއްޔާ މި ސަރުކާރުންވެސް ކުރައްވާނޭ. އެއީ ކުރެއްވުމުގެ އިހުތިޔާރު އެބައޮތް މަޖިލިސް މެދުވެރިކޮށް ކުރެވޭނެ މަގު ގާނޫނުއަސާސީގައި އެބައޮތް،"

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ވާހަކަ ފެންމަތިވީ އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގަައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ. "ގާނޫނު އަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ އަމާޒު ހުރީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށެވެ. އެކަމަށް މަގު ފަހި ކުުރުމަށް ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ މިހާރު ކުރަމުންދާ ކަންކަން ނިންމުމަށް ފަހު ސުޕްރީމް ކޯޓްގެ ބެންޗާ ވެސް މި ސަރުކާރުން ކުޅޭނެ ކަމަށެވެ. އަދި އޭގެ ފަހުން މި ސަރުކާރުގެ ހަގީގީ ސިފަ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އޭގެ ކުރީން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ބަންޑާރަނައިބު އަހްމަދު އުޝާމު ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި ޖުޑީޝަރީއަށް މިނިވަންކަމާއެކު ކުރިއަށްދިއުމުގެ ފުރުސަތު މި ސަރުކާރުން ދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.