މަސީން ބުނީ އެ ޖަމްއިއްޔާ އޮތީ މިނިސްޓްރީއާއެކު ކަމަށާއި، އަލިފާނުގެ ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ ޖަމްއިއްޔާއިން ފޯރުކޮށްދޭނެ ކަމަށެވެ.
އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް އަނދައި ހުލިވެގެން ދިއުމާ ގުޅިގެން މިނިސްޓްރީއަށް އެހީތެރިވުމަށް ތައްޔާރަށް އޮތްކަމުގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ބުނެފި އެވެ.
މަސީން ނެރުނު ބަޔާނުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި މިނިސްޓްރީ އޮފް ހައުސިން ހިންގަމުން އައި އިމާރާތް އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިއުމާމެދު ހިތާމަކުރާ ކަމަށެވެ. އަދި މިނިސްޓަރާއި މިނިސްޓްރީގެ މުވައްޒަފުނާއި އެހެނިހެން ޑިޕާޓުމެންޓުތަކަށް ހެޔޮ ދުއާ ރައްދުކޮށްފައިވެ އެވެ.
އޭގެ އިތުރަށް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނެތުމުން އެކަމާމެދު ޝުކުރުވެރިވާކަން ފާހަގަކޮށް މަސީންވަނީ އަލިފާން ނިއްވައިލުމަށް އެމަޖެންސީ ސާވިސަސްއިން ކުރި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނަކީ އެ ސިނާއަތަށް ޒިންމާވާ ވުޒާރާކަން ފާހަގަކުރުމާއެކު އެ ޖަމްއިއްޔާއިން ބުނެފައިވަނީ އެ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސިނާއަތް ހިންގުމަށް ކުރިމަަތިވެދާނެ ގޮންޖެހުންތަކާމެދު ސިނާއަތުގެ ހުރެދާނެ ކަންބޮޑުވުންތައް އެ ޖަމްއިއްޔާއަށް އިހުސާސްކުރެވޭ ކަމަށެވެ.
މަސީން ބުނީ އެ ޖަމްއިއްޔާ އޮތީ މިނިސްޓްރީއާއެކު ކަމަށާއި، އަލިފާނުގެ ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ ޖަމްއިއްޔާއިން ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން އެ ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި މިނިސްޓްރީއަށް އެހީތެރިވެވެން ހުރި ހުރިހާ ގޮތަކުން އެހީތެރިވާނެކަމަށް މަސީން ބުންޏެވެ. އެގޮތުން މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަމާއި، މިނިސްޓްރީގެ މުހިއްމު މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭކަން ކަށަވަރުކުރަން ބޭނުންވާ އެހީތެރިކަން ސިނާއަތުގެ މަދަދާއެކު ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
މަސީން ބުނީ މި ހާދިސާއިން ކުރާ އަސަރު ވީހާވެސް ކުޑަކޮށް ދިވެހި މުޖުތަމައުތަކަށް ފައިދާ ލިބެނެވި މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާކަން ކަށަވަރުކުރަން އެ ޖަމްއިއްޔާއިން ބޭނުންވާ ކަމަށެވެ.