"އެއްވެސް މީހެއްގެ އުފަންދުވަހުގެ ސެޓްފިކެޓެއް ގެއްލިއްޖިއްޔާ އަޅުގަނޑުމެންނަށް އޭތި ރިކަވާ ކުރެވޭނެ ގޮތެއް ހުރެދާނެ. އެކަމަކު އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓްރީ ގެއްލިއްޖިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ،"
މިއަދު ހެނދުނު ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން އެތަނުގައި ހުންނަ އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތު ބަލަހައްޓާ، މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުގައި ވެސް އަލިފާން ރޯވެ ގެއްލުން ވެއްޖެ އެވެ.
މިތަނަކީ މާލޭ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓްތަކާއި ގޭގޭގެ ރަޖިސްޓްރީފަދަ މުހިންމު ލިޔެކިޔުންތައް ބަލަހައްޓަމުންދާ އޮފީހެކެވެ. މިތަނުގައި އަލިފާން ރޯވި ނަމަވެސް ފުލުހުންނާއި ސިފައިންގެ އެހީގައި ލިޔެކިޔުންތައް ސަލާމަތް ކުރެވޭތޯ ސިޓީ ކައުންސިލުން ވަނީ މަސައްކަތް ކޮށްފަ އެވެ.
ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ އޮފީހަކީ 1960 ވަނަ އަހަރުން ފެށިގެން މާލޭގައި އުފަންވާ މީހުންގެ ސެޓްފިކެޓްތަކާއި އިމާރަތްތަކުގެ ރަޖިސްޓްރީތައް މިއަދާ ހަމައަށް ބަލަހައްޓަމުންދާ އޮފީސް ކަމަށެވެ.
"މިތަނުން އެއްވެސް ޑޮކިއުމެންޓެއް ގެއްލިއްޖެކަމަށްވަންޏާ އެއީ އެތައް ރައްޔިތުންނަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ. އެއީ އިޔާދަ ކުރެވޭނެ އެއްޗެއް ވެސް ނޫން، އެހެން އެއްވެސް ތަނެއްގަ ހުންނާނެ އެއްޗިއްސެއް ވެސް ނޫން. މިލްކުވެރިކަން ސާބިތުކުރަން ވެސް އަދި ވާރުތަމުދާ ސާބިތުކުރަން ވެސް އެހެން އެއްވެސް ތަނެއްގަ ހުންނާނެ އެއްޗިއްސެއް ނޫން،" ނަރީޝް ވިދާޅުވި އެވެ.
އެހެންކަމުން ހާދިސާ ހިނގުމާއެކު ކައުންސިލުން އެންމެ ފުރަތަމަ ވެސް އިސްނެގީ އެ ލިޔެކިޔުންތައް އެތަނުން ނެރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް ވަރަށް ބައިވަރު ލިޔެކިޔުންތައް އެތަނުން ނެރިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މި ލިޔެކިޔުންތަކަކީ އެ ކައުންސިލުން ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަމުންދާ ލިޔެކިތުންތަކެއްކަން ވެސް ނަރީޝް ފާހަގަކުރެއްވި އެވެ،
ނަރީޝް ވިދާޅުވީ މިހާދިސާގެ ސަބަބުން ތަރައްގީއާއި ޕްލޭނިންއާ ބެހޭ ހުރިހާ ކަމެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
"އެއްވެސް މީހެއްގެ އުފަންދުވަހުގެ ސެޓްފިކެޓެއް ގެއްލިއްޖިއްޔާ އަޅުގަނޑުމެންނަށް އޭތި ރިކަވާ ކުރެވޭނެ ގޮތެއް ހުރެދާނެ. އެކަމަކު އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓްރީ ގެއްލިއްޖިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ،" ނަރީޝް ވިދާޅުވި އެވެ.
ކައުންސިލްގެ އޮފީސް އިމާރާތުން މިފަދަ އެއްވެސް ލިޔެކިޔުމެއް ގެއްލިއްޖެނަމަ އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސީދާ ލިބުނު ގެއްލުން އަންދާޒާ ކުރެވޭނީ އަލިފާން އެއްވެސް ނިއްވާލައި އެސެސްމެންޓް ހެދުމުންނެވެ.