ކުންފުންޏެއް ފެއިލްވާނީ މިވަރަކަށް؛ 164 މިލިއަނުގެ ގެއްލުން، ނިންމުނު މަޝްރޫއެއް ނެތް

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެމްއައިޓީޑީސީއަށް އެއްވެސް މަޝްރޫއެއް ހިންގިފައި ނެތްއިރު، 164.2 މިލިއަން ރުފިޔާގެ ގެއްލުން ވެ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 137.8 މިލިއަން ރުފިޔާ ދައްކަންޖެހިފައި އެބައޮތެވެ.

އެމްއައިޓީޑީސީން ބަރެސްދޫ މަޝްރޫއު އިއުލާނުކުރުން، ފޮޓޯ: އަވަސް

ރާއްޖޭގައި މެދުފަންތީގެ ޓޫރިޒަމް ތައާރަފުކޮށް ކުރިއެރުވުމަށް 2016 ވަނަ އަހަރު އުފެއްދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން މިހާތަނަށް ހިންގި އެއްވެސް މަޝްރޫއެއް ކާމިޔާބުނުކުރެވި 164.2 މިލިއަން ރުފިޔާގެ ގެއްލުންވެ 137.8 މިލިއަނުން ދަރަނިވެރިވެފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.  

އެގޮތުން އެ ކުންފުނިން ހިންގި ތިން މަޝްރޫއަކަށް 52 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިއިރު އެއިން އެއްވެސް މަޝްރޫއެއް ނުނިންމޭކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށް އެ މަޝްރޫއުތަައް ހަވާލުކުރުމާއި ހަރަދުކުރުމުގައިވެސް އުސޫލުން ބޭރުން އެތައް ކަމެއް ހިންގާފައިވާކަން ފާހަގަކޮށްފައިވެ އެވެ. 

މެދު ފަންތީގެ ޓޫރިޒަމް ތަރައްގީކުރުމަށް ކަމަށް ބުނެ ހިންގަން ފެށި ތިން މަޝްރޫއަކީ ލ.ބަރެސްދޫގައި އިންޓަގްރޭޓެޑް ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއާއި ކ.ކާށިދޫގައި ޓޫރިސްޓު ވިލެޖެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރަށް ކޮމާޝަލް ބޭންކުތަކަށް ދޫކުރަން ކ.އަތޮޅުގެ ތިން ފަޅެއް ހިއްކަން ފެށި މަޝްރޫއެވެ. މި މަޝްރޫއުތަކަށް ހަރަދު ކުރި ފައިސާގެ ތަފުސީލު އޮޑިޓު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެއީ: 

  •  ބަރެސްދޫ އިންޓެގްރޭޓެޑް ރިސޯޓު މަޝްރޫއު: 22.02 މިލިއަން
  •  ކ.ކާށިދޫ ޓޫރިސްޓު ވިލެޖު މަޝްރޫއު: 26.7 މިލިއަން
  •  ކ.އަތޮޅު ތިން ފަޅު ހިއްކުން: 3.6 މިލިއަން ރުފިޔާ

ބަރެސްދޫ މަޝްރޫއު

އޮޑިޓު ރިޕޯޓުގައި ބުނި ގޮތުގައި ބަަރެސްދޫ މަޝްރޫއަށް ހަރަދުކުރީ އެ ރަށުގައި އިންޓަގްރޭޓެޑް ރިސޯޓު ތަރައްގީކުރަން ބިން ކުއްޔަށް ދޫކުރުމަށް ހެދި އެއްބަސްވުންތަކުން ލިބުނު ފައިސާއިންނާއި، ފިނޭންސް މިނިސްޓްރީން ލޯނުގެ ގޮތުގައި ދޫކުރި އެއް މިލިއަން ޑޮލަރު -- 15.4 މިލިއަން ރުފިޔާއިންނެވެ. 

ބަރެސްދޫ މަޝްރޫއަކީ 2015 މާޗު 30 ގައި އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީން ހެދި އެއްބަސްވުމެއްގެ ދަށުން ހިންގި މަޝްރޫއެކވެ. 2016 ވަނަ އަހަރު އެމްއައިޓީޑީސީ އުފެއްދުމާއެކު އެ ކުންފުނީގެ ދަށަށް މި މަޝްރޫއު ބަދަލުކުރި އެވެ. އެމްއެމްޕީއާރުސީއަށް ލިބިފައިވާ ހައްގުތަކާއި އެއްބަސްވުންތަަކުގެ ދަށުން އެ ކުންފުނިން އުފުލަންޖެހޭ އިލްތިޒާމުތައް އެމްއައިޓީޑީސީ ދަށަށް ބަދަލުކުރި އެވެ. 

އެ މަޝްރޫއު ހަވާލުކުރިއިރު އެމްއެމްޕީއާރުސީންވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ލ. މަހަކަންފުށީގައި ބަނދަރު ހަދައި އެ ބަނދަރަށް ވަންނަ ނެރު ކޮނެ، އެ ރަށާއި ބަރަސްދޫގެ މެދުގައި ކޯސްވޭއަކުން ގުޅުވައިލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެ. އެ މަޝްރޫއަށް 18.55 މިލިއަން ރުފިޔާ ހަރަދުވި އެވެ. 

މި މަޝްރޫއުގެ ދަށުން އެމްއައިޓީޑީސީން ގާއިމުކުރުމަށް ކަނޑައެޅި ގެސްޓުހައުސް/ ހޮޓާ، ރެސްޓޯރެންޓު ބީޗް ކްލަބުތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި ރެކްރިއޭޝަނަަލް ހަރަކާތްތައް ހިންގާ ތަންތަނާއި ސްޓާފް އެކޮމަޑޭޝަނާއި ކެންޓީނު އިމާރާތްކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން 2017 ޖަނަވަރީގައި އިއުލާނުކުރުމުން، ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. 

އެ ތިން ކުންފުނީގެ ތެރެއިން މަސައްކަތް ހަވާލުކުރީ ޖައުސާ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 22.8 މިލިއަން ޑޮލަރަށެވެ. އެ އެއްބަސްވުން ހެދީ 24 އޭޕްރީލު 2017 ވަނަ ދުވަހު އެވެ. 

  •  އެއްބަސްވީ ހަދަންޖެހޭ ތަންތަން ދެ އަހަރު ތެރޭ އިމާރާތްކޮށް ނިންމައި އެމްޓީޑީސީއާ ހަވާލުކުރަން.
  •  2017 ގައި މަސައްކަތް ފަށައި 2019 އޯގަސްޓު 18 ގެ ކުރިން މަސައްކަތް ނިންމަން ތާވަލުކުރި
  •  އެއްބަސްވި ތާރީހަށް އެއިން އެއްވެސް ތަަނެއްގެ މަސައްކަތް ނިންމައިނުލެވޭ

މި މަޝްރޫއު ހިންގަން ހަވާލުކުރި ޖައުސާއަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދޭންޖެހޭ 1.81 މިލިއަން ޑޮލަރުގެ ތެރެއިން 975،000 ޑޮލަރު ދޫކުރި އެވެ. އެއްބަސްވުމާ އެއްގޮތަށް ޖައުޒާއިން އަމަލުނުކުރި ނަމަވެސް އެ ފައިސާ އަނބުރާ ހޯދާފައިނުވެ އެވެ. 

އެޑްވާންސް ފައިސާ ދޫކުރިއިރު އެއްބަސްވުމުގެ ދަށުން ހޯދަންޖެހޭ ޕާފޯމަންސް ގެރެންޓީކަމަށްވާ 910،000 ޑޮލަރު ވެސް ހޯދާފައިނުވެ އެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އިންވެސްޓަރުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލި 39 ފަރާތުގެ ތެރެއިން 35 ފަރާތެއްގެ ހުށަހެޅުން އެމްއައިޓީޑީސީން ގަބޫލުކުރިއިރު، 39 ހުށަހެޅުމުގެ ތެރެއިން ދެ ހުށަހެޅުމެއް ފިޔަވައި އެހެނިހެން ހުށަހެޅުންތަކުގައި ލިޔެކިޔުން ހަމަނުވެ އެވެ. 

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓު

އިތުރަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރީ ބަރެސްދޫ މަޝްރޫއަަށް 55.3 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާއިރު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 18 އިންވެސްޓަރަކަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ. ނަމަވެސް އެއިން 22 ފަރާތަކަށް ދޭންޖެހޭ 36 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުދީ ހުރިކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ކާށިދޫ ޓޫރިސްޓު ވިލެޖު މަޝްރޫއު

ކ.ކާށިދޫގައި ޓޫރިސްޓު ވިލެޖުގެ ނަމުގައި 54 އެނދުގެ ޓޫރިސްޓު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްއައިޓީޑީސީން ފެށީ 2018 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަން ހަވާލުކުރީ ޗައިނާގެ ނިންގަބޯ ޑީޕްބްލޫ ސްމާޓްހައުސް ކޯޕަރޭޝަނާ އެވެ. އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ: 

  •  ތިން ޕްރިފެބްރިކޭޓެޑް ގެސްޓު ހޮޓާ އެޅުން
  •  ރެސްޓޯރެންޓާއި ސްޕާއާއި ވެލްނެސް ސެންޓަރު އެޅުން
  •  ވޯޓާ ސްޕޯޓްސް އަދި ޑައިވެސް ސެންޓާ
  •  މުނިސިޕަލް އިމާރާތްތަކައި ވެސްޓު މެނޭޖުމެންޓު އިމާރާތެއް އެޅުން
  •  މަޝްރޫއު ހިންގާ ސަރަހައްދުގެ މަގުތައް ހެދުން

އެ އެއްބަސްވުމުގައި އޮތީ 230 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ގެސްޓު ހޮޓަލާއި ވޭސްޓް މެނޭޖުމެންޓު އިމާރާއި މެއިންޓެނެންސް އިމާރާތުގެ މަސައްކަތް ކޮންމެވެސް މިންވަރަކަށް ކުރިއަށްދިޔަސް އެއްވެސް މަސައްކަތެއް ނިންމައިނުލެވެ އެވެ. މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމުނީ އެންމެ %33 މަސައްކަތެވެ. 

އެ މުއްދަތުގައި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވައްސަށް ކަނޑައެޅި ބަޖެޓުގެ %52 އޮތީ ދޫކޮށްފަ އެވެ. 26 ޖަނަވަރީ 2019 ގެ ނިޔަލަށް 26.7 މިލިއަން ރުފިޔާ އެމްއައިޓީޑީސީން މި މަޝްރޫއަށް ހަރަދުކުރި އެވެ. މަޝްރޫއު ހުއްޓައިލަންޖެހުނީ އެ މަޝްރޫއަށް ކާށިދޫން ކަނޑައެޅި 200،000 (ދެލައްކަ) އަކަފޫޓުގެ ބިމުގެ އެކުއިޒިޝަން ކޯސްޓު ދައްކާނެ ފައިސާ ނެތިގެންނެވެ. 

އޮޑިޓުން ފާހަގަކުރި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާނެ ކޮންޓްރެކްޓަރު ކަނޑައެޅުމުގެ މަސައްކަތް އެމްއައިޓީޑީސީން ކުރި ގޮތެއް ލިޔެކިޔުމުން ފެންނަން ނެތެވެ. 

މާލެ އަތޮޅުގެ ތިން ފަޅު މަޝްރޫއު

މި މަޝްރޫއަކީ ޕްރޮޖެކްޓު ފާމުގެ ނަމުގައި މާލެ އަތޮޅުން ދިހަ ފަޅެއް ހިއްކައިގެން އެ ތަންތަން ވިޔަފާރި ބޭންކުތަކަށް ދޫކޮށްގެން ތަރައްގީކުރުމަށް އެމްއައިޓީޑީސީން ފެށި މަޝްރޫއެކެވެ. އެ ދިހަ ފަަޅުން ފުރަތަމަ ތިން ފަޅު ހިއްކަން އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓުގެ މަސައްކަތާއި އެ ތިން ފަޅުގެ މާސްޓަޕްލޭން އެކުލަވައިލުމުގެ މަސައްކަތް ސިންގަޕޫރު ކުންފުންޏަކާ ހަވާލުކުރި އެވެ. 

އެ ކުންފުންޏަށް އެމްއައިޓީޑީސީންވަނީ 3.6 މިލއިަން ރުފިޔާ ދޫކޮށްފަ އެވެ. މިހާރު އެ ކުންފުނިން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވަނީ އެކުއިޒިޝަން ކޯސްޓު ދެއްކެން ނެތުމުން އެ މަޝްރޫއު ކުރިއަށްގެންދަން ދަތިވާ ކަމަށެވެ. 

ނިމުނު ސަރުކާރުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރާއިދު

އެމްއައިޓީޑީސީއަށް ބޮޑު ގެއްލުމެއް، ސަރުކާރަށް ބޮޑު ބުރައެއް

އެމްއައިޓީޑީސީއަށް 2016 އިން ފެށިގެން 2023 ގެ ނިޔަލށް 164.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރި އެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ހަރުމުދާ ނުވަތަ ކަރަންޓް އެސެޓުތަކުގެ އަގަކީ 3.1 މިލިއަން ރުފިޔާ އެވެ. އަދި ކުރު މުއްދަތުގައި އެ ކުންފުނިން އަދާކުރަންޖެހޭ ދަރަނި 137.8 މިލިއަނަށް އަރައެވެ. 

އެ ކުންފުނި އުފެދުނު ފަހުން ހިންގަން ކަނޑައެޅި މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް މިހާތަނަށް ހިންގިފައިނުވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރި އެވެ. ބަރެސްދޫއާއި ކާށިދޫ އަދި މާލެ އަތޮޅުގެ ފަޅުތަކުގެ އިތުރަށް ފުވައްމުލަކާއި އައްޑޫގައި ހިންގަން އެ ކުންފުނިން އިއުލާނުކުރި މަޝްރޫއުތައްވެސް ކުރިއަށްނުގެންދެވެ އެވެ. 

ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 48.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ކެޕިޓަލުގެ ގޮތުގައި ސަރުކާރުން ދޫކުރި އެވެ. އަދި 2018 ވަނަ އަހަރު އެ ކުންފުންޏަށް 8 ޕަސެންޓު އިންޓަރެސްޓުގައި އެއް މިލިއަން ޑޮލަރުގެ ލޯނެއް ފިނޭންސް މިނިސްޓްރީން ދިނެވެ. އެ ފައިސާގެ ތެރެއިން އެންމެ ލޯ ލާރިއެއްވެސް އެ ކުންފުނިން އަނބުރާ ދައްކާފައި ނެތެވެ. 

ތާއަަބަދު ގެއްލުމުގައި ހިންގަމުން ދިޔަ މި ކުންފުނި އުވާލަން މި ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ލަފާ ދެއްވާފަ އެވެ. މި ލަފާ ދީފައިވަނީ އެމްއައިޓީޑީސީ ހިންގޭނެ ގޮތުގެ ޕްލޭނެއް ހުށަހަޅަން އެ ކުންފުންޏަށް ފުރުސަތު ދިން ނަމަވެސް އެފަދަ ފީޒިބަލް ޕްލޭނެއް އެ ކުންފުންޏަށް ހުށަހެޅިފައިނެތުމުންނެވެ. ސަބަބަކީ ތަފާތު ވިޔަފާރީގެ މޮޑެލްއެއްގައި ހިންގައިގެން ނޫނީ ކުންފުނި ކޮޅަށް ޖެހޭނެ ގޮތެއްނެތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.