ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގެ ލައިވްގައި ގުރުއާނުގެ ކަލިމައެއް އުނިކުރިކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރާ ވީޑިޔޯއަކީ ޕީއެސްއެމްގެ ލައިވް ފީޑަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަޓްވެފައި އޮތް ވީޑިޔޯއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގެ ލައިވް ޕީއެސްއެމްއިން ގެނެސްދިންއިރު އެ ޖަލްސާ ފެށުމުގެ ގޮތުން ކިޔެވި އާޔަތްތަކުގެ ތެރެއިން އާޔަތެއްގެ ކަލިމައެއް އުނިކުރި ވާހަކައަކީ ދޮގެއްކަން ހާމަަވެއްޖެ އެވެ.
ބައެއް ފަރާތްތަކުން މީސްމީޑިޔާގައި ދައުރުކުރަމުންދަނީ ރައީސް ރަސްދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ކިޔެވި އާޔަތްތަކުގެ ތެރެއިން ފާސިގަކު ހަބަރަކާއިގެން އަތުވެއްޖެނަމަ އެކަމުގެ ތެދުދޮގު ބެލުމަށް އަންގަވާފައިވާ އާޔަތުގެ ފާސިގު އެލަފުޒު އުނިކޮށްފައިވާ ވީޑިޔޯއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި ކާކުކަން ނޭނގޭ ގޮތަށް މީސްމީޑިޔާގައި ވާހަކަ ފަތުރާ ބައެއް ފަރާތްތަކުން މިވާހަކަތައް ފަތުރައި މިވީޑިޔޯ މީސްމީޑިޔާ އެކި މަންސަތަކުގައި ދައުރުކުރަމުން އަައި ނަމަވެސް ޕީއެސްއެމްގެ ލައިވް ފީޑު ބަލައިލުމުން ދައުރުކުރާ ވީޑިޔޯއަކީ އަސްލެއް ނޫންކަން އެނގެ އެވެ.
ޕީއެސްއެމްގެ ޓެކްނިކަލް މުވައްޒަފު މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެ މައްސަލަ ކުރިމަތިވީ ޕީއެސްއެމްއިން ލައިވްކުރަމުންދިޔަ ވަގުތު އެ ޓީވީގެ ލައިވް ސްޓްރީމަށް ކުރިމަތިވި މައްސަލައެއްގެ ސަބަބުން އެ ކަލިމަ ވެއްޓިފައި އޮތުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ގަސްތުގައި އެއްވެސް ކަލިމައެއް އެޑިޓުކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރައީސާއި ސަރުކާރާމެދު ނަފުރަތު އުފެއްދުމަށް އެކި ޒާތުގެ އުކުޅުތައް އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކުގެ ހަރަކާތްތެރިން ބޭނުންކުރަމުންދަނީ އެމަނިކުފާނުގެ މަގުބޫލުކަން އިތުރުވެ، ސަރުކާރަށް އޮތް ރައްޔިތުންގެ ތާއީދު އިތުރުވަމުންދާތީކަމަށް ސަރުކާރު ހިންގާ ޕީއެންސީން ގަބޫލުކުރެ އެވެ.
މީގެ ކުރިން ރައީސްގެ ބައެއް ވާހަކަފުޅުތައްވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މަގުސަދު ގެއްލޭ ގޮތަށް އެޑިޓުކޮށްގެން އިދިކޮޅު ފަރާތްތަކުން މީސްމީޑިޔާގައި ފަތުރާފައިވެ އެވެ.
ނޯޓު: ފަތުރަމުންދާ ވީޑިޔޯއަކީ އެޑިޓުކޮށްފައިވާ ވީޑިޔޯއެއްކަމަށް މި ހަބަރުގައި ކުރިން ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ދައުރުކުރަމުންދާ ވީޑިޔޯއަކީ އެޑިޓެއް ނޫނެވެ. އެ ވީޑިޔޯގައި އައި ހުއްޓުމަކީ ނުވަތަ ކަޓަކީ ޓެކްނިކަލް މައްސަލައަކުން ކުރިމަތިވި ކަމެކެވެ.