ކޮމިޓީން ފާސްކުރީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންނާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފެންނަކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލަފާ އެރުވުމަށެވެ.
ފާއިތުވި ސަރުކާރުގައި 2019 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ނިޔަލަށް އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާއާއި ހަރު މުދާ ދިނުމަށް ނިންމާފައިވާ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެއިރުގެ އިގުތިސާދީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ ސޯލިހާއި ފައްޔާޒުގެ އިތުރަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމަށް ތުހުމަތުކޮށްފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން އެ ބޭފުޅުންނާ މަތިކޮށްފައިވާ ޒިންމާއާ ހިލާފަށް ދައުލަަތުގެ މަތީ މަގާމުތަކުގައި ތިއްބަވައިގެން، ދައުލަތުގެ މުދަލާއި ފައިސާ އޭގެ ހައްގުވެރިން ނޫން ބަޔަކަށް ހޯދައިދިނުމަށް އެބޭފުޅުން މަސައްކަތްކުރެއްވިކަމަށް ތުހުމަތުވާ ކަމަށެވެ.
ކޮމިޓީން ފާސްކުރީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންނާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފެންނަކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލަފާ އެރުވުމަށާއި، އެ ތަހުގީގުން ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެކި ހޯދިއްޖެނަމަ ދައުވާކުރަން ދެންނެވުމަށެވެ.
ކޮމިޓީން އިތުރަށް ބުނެފައިވަނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގައި ކުރީ ސަރުކާރުން ގާއިމުކޮށްފައިވާ ބަދަލުދިނުމުގެ އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ބާތިލު އެއްބަސްވުންތަކެއްކަމަށް ގަބޫލުރާ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލުކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކޮމިޓީން ނިންމާފައިވަނީ އެއިރު ހަދާފައިވާ ބަދަލު ދިނުމުގެ އެއްބަސްވުންތައް ބާތިލުކުރަން ފުރިހަމަކުރަންޖެހޭ ގާނޫނީ ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކޮށް އެ އެއްބަސްވުންތަކުން ދީފައި ހުރި ހުރިހާ މުދަލެއް އަނބުރާ ދައުލަތަށް ހޯދަން ކުރަންޖެހޭ އެންމެހައި ކަންކަމެއް އެކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރެއްވުމަށް ބަންޑާރަނައިބަށް ލަފާ ދިނުމަށެވެ.
ބަންޑާރަނައިބަށް ކޮމިޓީން އަންގާފައިވަނީ ގާނޫނާ ހިލާފަށް ބަދަލުގެ ގޮތުގައި އެއްވެސް ފަރާތަކަށް މުދަލެއް ނުވަތަ ފައިސާއެއް ދީފައި އޮތްކަމަށް ފެނިއްޖެނަމަ އެ މުދަލެއް ނުވަތަ ފައިސާއެއް އަނބުރާ ދައުލަތަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅުގައި އެއްވެސް އުސޫލެއް ނެތި ކޯޓުން ބޭރުން އެއްބަސްވުންތައް ހަދައިގެން ބަދަލު ދޭން ފެށިއެވެ. އެގޮތަށް އުސޫލެއް ނެތި ބަދަލުދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާކަމެއްގެ ގޮތުގައި އޭސީސީ އަދި ބޭރުގެ މާލީ އިދާރާތަކުންވެސް ފާހަގަކުރި އެވެ.
އެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށް ފަހުން ރައީސް އޮފީހުގައި ކޮމިޓީއެއް އެކުލަވައިލާ އުސޫލެއްގެ ދަށުން އެކަން ކުރަން ފެށި އެވެ. ނަމަވެސް އެ އުސޫލުގައިވެސް ބަދަލު ދިނުމުގައި ބަލާނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމުން ހުރިހާ ނިންމުމެއް ނިންމަމުން ދިޔައީ ސެޓްލްމެންޓު ކޮމިޓީންނެވެ.