މަސްވެރިކަމުގެ ހިސާބުތައް | ފެންނަނީ ހީނަރުވަމުންދާ ސިނާއަތެއް

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު މަސް ކިރުވާފައިވަނީ ފާއިތުވި އަހަށްވުރެ 45.8 އިންސައްތަ މަދުންނެވެ. އަދި މަހުގެ އެކްސްޕޯޓުވަނީ 46.1 އިންސައްތަ ދަށްވެފަ އެވެ.

ލޭނު މަސްވެރިކަން ފުރަތަމަ ފެށުމުގެ ގޮތުން ދިވެހިން ތަމްރީން ކުރަނީ -- މިފްކޯ

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު މަސްވެރިން ކިރުވި މަސް މަދުވެ ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރުވެސް ވަރަށް ބޮޑަށް ދަށްވެ، މަސްވެރިކަމުގެ ސިނާއަތުގެ މުސްތަގުބަލާމެދު ސުވާލުތަކެއް އުފެދޭ ހިސާބަށް ސިނާއަތް ހީނަރުވެއްޖެ އެވެ. 

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ މާލީ ހިސާބުތަކށް ބަލާއިރު މަހުގެ ބާވަތްތައް އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 44.3 އިންސައްތަ ދަށްވެފައިވެ އެވެ. އެގޮތުން ނިމުނު އަހަރު 123.4 މިލިއަން ޑޮލަރުގެ މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓުކުރިއިރު މި އަހަރު އެ އަދަދު 68.7 މިލިއަން ޑޮލަރަށްވަނީ މަދުވެފަ އެވެ. 

އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ޖަނަަވަރީން އޮކްޓޯބަރުގެ ނިޔަލަށް ގަނޑުކުރި އަދި ތާޒާ ކަޅުބިލަމަހުގެ ގޮތުގައި ބޭރުކޮށްފަައިވަނީ 40.5 މިލިއަން ޑޮލަރުގެ މަހެވެ. ނިމުނު އަހަރު އެ އަދަދު ހުރީ 87.6 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން މި އަހަރު ގަނޑުކުރި އަދި ތާޒާ ކަޅުބިލަމަސް ބޭރުކުރި މިންވަރު 53.7 އިންސައްތަ ދަށްވެފައިވެ އެވެ. 

ފާއިތުވި އަހަރުތަކުގައި ތާޒާ/ގަނޑުކުރި ކަޅުބިލަމަސް ބޭރުކުރި މިންވަރު

  •  2020: 111.7 މިލިއަން ޑޮލަރުގެ މަސް
  •  2021: 101.8 މިލިއަން ޑޮލަރުގެ މަސް
  •  2022: 109.2 މިލިއަން ޑޮލަރުގެ މަސް
  •  2023: 108.6 މިލިއަން ޑޮލަރުގެ މަސް

އޭގެ އިތުރަށް ޕައުޗާއި ދަޅުގައި ބަންދުކޮށްގެން މަހުގެ ބާވަތްތައް ބޭރުކުރި މިންވަރުވެސްވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ފާއިތުވި އަހަރު ޖުމްލަ 32.4 މިލިއަން ޑޮލަރުގެ މަސް ޕައުޗާއި ދަޅުގައި ބަންދުކޮށްގެން ބޭރުކުރި ނަމަވެސް މި އަހަރު ބޭރުކުރީ 24.8 މިލިއަން ޑޮލަރުގެ މަހެވެ. 

މިހާރު މަސް ބޭރުކުރާ މިންވަރުގެ ޓްރެންޑު ހުރި ގޮތާމެދު "މިރާ"އަށް މައުލޫމާތު ދެއްވި މަސް ބޭރުކުރުމުގެ ދާއިރާގައި ގިނަ ދުވަަސްތަކެއް މަސައްކަތްކުރެއްވި ތަޖުރިބާކާރަކު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ފާއިތުވި އަހަރު ނިމުނުއިރު މަސް ބޭރުކުރި އަދަދުކަމަށްވާ 151.3 މިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށްވެސް ބޭރުކުރެވޭނެ ކަމުގައި މިހާރު ނުބެލެވޭ ކަމަށެވެ. 

މަސް ކިރުވި މިންވަރާއި އަގުވެސް ދަށަށް

ނިމުނު އަހަރުގެ ޖަނަވރީން އޮކްޓޯބަރުގެ ނިޔަލަށް ކަޅުބިލަމަސް ކިލޯއެއް އެވެރެޖުކޮށް 23 ރުފިޔާ ގަންނަމުން އައި ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ގަނެފައިވަނީ 14 ރުފިޔާއަށެވެ. އަދި ގަނޑުކުރި ކަޅުބިލަމަސް ކިލޯއެއް ނިމުނު އަހަރު 25 ރުފިޔާއަށް ގަތްއިރު މި އަހަރު ގަނެފައިވަނީ 16 ރުފިޔާއަށެވެ. 

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މަސް ގަންނަ އަގު ދަށްވިއިރު މަސް ކިރުވި މިންވަރުވެސްވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން ޖަނަވަރީން އޮކްޓޯބަރުގެ ނިޔަލަށް ކިރުވާފައިވަނީ 42،426.6 މެޓްރިކްޓަނުގެ މަހެވެ. އެއީ ފާއިތުވި އަހަރު ކިރުވި 78،266.3 މެޓްރިކްޓަނާ އަޅާބަލާއިރު 45.8 އިންސައްތައިގެ ދަށްވުމެކެވެ. 

ކަޅުބިލަމަސް ގަނެފައިވާ މިންވަރު 65،456 މެޓްރިކް ޓަނުން 32،779 މެޓްރިކްޓަނަށް މި އަހަރު ވެއްޓުނުއިރު ބޮޑުކަންނެލި ކިރުވި މިންވަރު 12،621 މެޓްރިކްޓަނުން 9،408 މެޓްރިކްޓަނަށް ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.