ބީސީސީގެ ހިދުމަތްތަކުގެ ތެރެއިން އޮތެންޓިކް މޯލްޑިވްސް، ސީޑް ބައި ބީސީސީއާއި ވިޔަފާރި ކޮންސަލްޓެންސީ އަދި މަހަ ޕޯޓަލްއާއި ކްރިއޭޓިވް އިކޮނޮމީ ފަންޑާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފުތަރުގެ ހިދުމަތް އެ ޕޯޓަލު މެދުވެރިކޮށް ލިބޭނެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާަރިތައް ކުރިއެރުވުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދިނުމަށް "ކުމެވި ޕޯޓަލް"ގެ ނަަމުގައި ވަކި މަންސައެއް އިފުތިތާހުކޮށްފި އެވެ.
މި މަހުގެ ދިހަަވަނަ ދުވަހު ބީސީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑިޖިޓަލްކޮށް އެ ކުންފުނީގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް އެ ޕޯޓަލް އިފުތިތާހުކޮށްފައިވާއިރު، މި ޕޯޓަލުގައި އެ ކުންފުނިން މިހާރު ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހިމަނާފައިވެ އެވެ.
ބީސީސީން ބުނި ގޮތުގައި މި ޕޯޓަލުގެ މަގުސަދަކީ އެ ކުންފުނިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ހޯދަން ފަސޭހަކޮށްދިނުމެވެ. އަދި އެ ޕޯޓަލަކީ ޔޫއެންޑީޕީއާއި ޖަޕާނު ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމާއެކު ތައްޔާރުކުރި ޕޯޓަލެއްކަމަށް އެ ކުންފުނިން ބުންޏެވެ.
ބީސީސީގެ ހިދުމަތްތަކުގެ ތެރެއިން އޮތެންޓިކް މޯލްޑިވްސް، ސީޑް ބައި ބީސީސީއާއި ވިޔަފާރި ކޮންސަލްޓެންސީ އަދި މަހަ ޕޯޓަލްއާއި ކްރިއޭޓިވް އިކޮނޮމީ ފަންޑާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފުތަރުގެ ހިދުމަތް އެ ޕޯޓަލު މެދުވެރިކޮށް ލިބޭނެ އެވެ.
ކުމެވި ޕޯޓަލް ތައްޔާރުކޮށް އެ ޕޯޓަލުގެ ހިދުމަތްތައް ފެށުމުގެ ކުރިން ބީސީސީން މަތީގައިވާ ހިދުމަތްތައް ދެމުން އައީ އެ ކުންފުނީގެ ވެބްސައިޓުގައި ވަަކިވަކި ހިދުމަތްތަކެއްގެ ގޮތުގަ އެވެ. ކުމެވި ޕޯޓަލާއެކު އީފާސް މެދުވެރިކޮށް ޕޯޓަލަށް ވަދެ އެއް މަންސައަކުން މިހުރިހާ ހިދުމަަތެއް ހޯދޭނެ އެވެ.
ބީސީސީން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކްރިއޭޓިވް އިކޮނޮމީގައި ހިމެނޭ ވިޔަފާރިތައް ތަަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.