މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ދައުލަތާ ހަވާލުވިއިރު މަސްވެރިން ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި ސިނާއަތުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ނެތްކަމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ މަސްވެރިކަން ސަބްސިޑީއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް އަބަދުވެސް ފެންނަނީ ދެމެހެއްޓެނިވި އެއްވެސް ވިސްނުމެއްނެތި، ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށްޓަކައި މަސްވެރިންނަށް އެއްވެސް ހަގީގަތެއް ނުވާނެ އުންމީދުތަކެއް ދެމުންދާތަން ކަމަށެވެ. މިކަމުގެ ސަބަބުން މިސަރުކާރު، ދައުލަތާ ހަވާލުވިއިރު މަސްވެރިން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން މިނިސްޓަރ ފާހަގަކުރެއްވީ ކުރީ ސަރުކާރުން ރިޔާސީ އިންހާބުގެ ފުރަތަމަބުރުވެސް ނިމިފައިވަނިކޮށް ކުއްލިއަކަށް މަސް ގަންނަ އަގަށް ގެނައި ބަދަލެވެ. މިނިސްޓަރ ވިދާޅުވީ އެއްވެސް ދިރާސާއެއްނެތި ގެނައި މިބަދަލާއި ގުޅިގެން މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށާއި، މިސަރުކާރުން އެންމެ އިސްކަމެއްދިނީ މިފައިސާ މަސްވެރިންނަށް ރައްދުކޮށްދިނުމަށް ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތް މިއަދުއޮތް ހާލަތު ސިފަކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރު ތަރައްގީވަމުން އައިސް ކުރިން އެއްދަތުރުން ދޯނީގައި ރައްކާކުރެވުނު 5-6- ޓަނުގެ މަސް، މިހާރު 40-50 ޓަނަށް ބަދަލުވެއްޖެ ކަމަށެވެ. އެހެންކަމުން މިހުރިހާ މަހެއް ލަސްނުކޮށް ކިރޭނެ އިންތިޒާޟުވެސް ހަމަޖެހިފައި ހުންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ ފަންސާހަކަށް އަހަރު ތެރޭގައިވެސް މަސްވެރިން އަތުން މަސްގަންނަ ދައުލަތުގެ ކުންފުނީގެ ވަސީލަތްތައް ތަރައްގީއެއް ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ "މަސްވެރި ސިނާއަތުގެ ތަރައްގީއަށް ސަރުކާރެއްގައި އެވޭލަބަލްކޮށް ހުންނަންޖެހޭ ފައިސާ އެވޭލަބަލްކޮށެއް ނެތް" ކަމަށާއި، މިސިނާއަތަކީ ސަބްސިޑީއަށް ބަރޯސާވެފައި އޮންނަ އޮތުމުގެ ސަބަބުންވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އަދުގެ ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވަމުން ގެންދަވަނީ މަސްވެރިކަން ސަބްސިޑީއަށް ބުރަވެފައޮތް އޮތުން ނިމުމަކަށް ގެންނަވާ، އަމިއްލަ ފައިމައްޗަށް ތެދުވެއޮތް ސިނާއަތަކަށް މަސްވެރިކަން ހެއްދެވުމަށް ކަމަށެވެ.