ޔޫއޭއީން އިމްޕޯޓުކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 49 އިންސައްތަ އިތުރުވިއިރު އިންޑިޔާއިން އިމްޕޯޓުކުރި މިންވަރު ނިމުނު އަހަރާ އަޅާބަލާއިރު 5.5 އިންސައްތަ ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
ފާއިތުވި އަހަރު ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ މުދާ އިމްޕޯޓުކުރި އިންޑިޔާއިން މި އަހަރު އިމްޕޯޓުކުރި މިންވަރު ދަށްވިއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކުރި މިންވަރު ފާއިތުވި އަހަރަށްވުރެ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވި 2023 ވަނަ އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ އިންޑިޔާއިންނެވެ. ނަމަވެސް މި އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޔޫއޭއީންނެވެ.
އެގޮތުން ނިމުނު އަހަަރުގެ އޮކްޓޯބަރުގެ ނިޔަލަށް އެމިރޭޓްސްއިން 375.9 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ މުދާ އެތެރެކުރި އެވެ. މި އަހަރު އެ އަދަދުވަނީ 560.5 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ)އަށް އަރާފަ އެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 49.1 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރު ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިޔާއިންނެވެ. އެ ގައުމުން 432.9 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރި އެވެ. ނަމަވެސް އެއީ ފާއިތުވި އަހަރު އެތެރެކުރި 458.3 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 5.5 އިންސައްތައިގެ ދަށްވުމެކެވެ.
ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ފާއިތުވި އަހަރު އިމްޕޯޓުކުރީ 327.4 މިލިއަން ޑޮލަަރުގެ މުދަލެވެ. މި އަހަރު އެ އަދަދުވަނީ 391.4 މިލިއަން ޑޮލަރަށް އަރައި 19.5 އިންސައްތަ އިތުރުވެފަ އެވެ.
އޭގެ އިތުރަށް ސިންގަޕޫރުން ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަދަދުވެސްވަނީ އިތުރުވެފަ އެވެ. އެގޮތުން ނިމުނު އަހަރު އެ ގައުމުން އިމްޕޯޓުކުރީ 247 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރު އެ އަދަދުވަނީ 298.5 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
އަދި އަވައްޓެރި ސްރީލަންކާއިން އިމްޕޯޓުކުރި މިންވަރުވެސްވަނީ އިތުރުވެފަ އެވެ. އެގޮތުން 2023 ގެ އޮކްޓޯބަރުގެ ނިޔަލަށް އެ ގައުމުން 133 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކުރިއިރު މި އަހަރުގެ އެ މުހުލަތުގައި 137 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް މެލޭޝިޔާއިން އިމްޕޯޓުކުރި މުދަލުގެ ނިސްބަތްވަނީ ފާއިތުވި އަހަަރާ އަޅާބަލާއިރު ދަށްވެފަ އެވެ. އެގޮތުން ފާއިތުވި އަހަރު މެލޭޝިޔާއިން 175 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފަައިވީ ނަމަވެސް މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އެ ގައުމުން އިމްޕޯޓުކުރީ 138 މިލިއަން ޑޮލަރުގެ މުދަލެވެ.
ނިމުނު އަހަރާ އަޅާބަލާއިރު ޖުމްލަ އިމްޕޯޓުވަނީ 4.1 އިންސައްތަ އިތުރުވެފަ އެވެ. ނިމުނު އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކުރިއިރު މި އަހަރުގެ އެ މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާކަން ހިސާބުތަކުން ދައްކަ އެވެ.