މި މައްސަލައަކީ ނޮވެމްބަރު 2، 2022 ގައި ހައިކޯޓުން ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައިވާ މައްސަލައެކެވެ.
ގއ. މާމެންދޫގައި މީގެ 18 އަހަރު ކުރިން، 2006 ވަނަ އަހަރު ގއ. ވިލިނގިލީ ކަނޑުއޮޅި، މުހައްމަދު ޝިހާބް މަރާލި މައްސަލައިގެ ޝަރީއަތް އަނެއްކާ ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
މި މައްސަލައަކީ ނޮވެމްބަރު 2، 2022 ގައި ހައިކޯޓުން ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައިވާ މައްސަލައެކެވެ.
ޝިހާބުގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ ގއ. މާމެންދޫ ޖަވާހިރުވާދީ، ފަރިޔާޝް އަހްމަދާއި އެރަށު ތަރިވިދާގޭ މުހައްމަދު ގާސިމާއި ގއ. ވިލިނގިލި ޕިންކްލައިޓް، މުހައްމަދު ޝިފްރާޒު އަދި ގއ. މާމެންދޫ މާމެންދޫ މާސް، އަލީ މަސްއޫދު ސައީދު އެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުވެ، 2008 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވެ އެވެ. ނަމަވެސް ދައުވާ ލިބޭ ހަތަރު މީހުން އެ މައްސަލަ ހައިކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފް ކުރުމުން ހައިކޯޓުން 2013 ވަނަ އަހަރު ވަނީ ޖިނާއީ ކޯޓުގެ ނަމުގައި ކުރިން ހިންގި ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މަސްއޫދު އަދި ޝިފްރާޒްގެ ބައި އަލުން ބެލުމަށް ދަށު ކޯޓަށް އަންގާފަ އެވެ.
އެކަމަކު 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ، ދައުލަތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުން މީގެ ދެ އަހަރު ކުރިން ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ މުޅި މައްސަލަ އަލުން ބެލުމަށް އެންގި ނަމަވެސް، ދަށު ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކަމަށެވެ. އެހެންކަމުން މައްސަލަ އަލުން ބެލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޝިފްރާޒް އަދި މަސްއޫދުގެ ޝަރީއަތް ފެށުމަށް މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމަށް ހާޒިރުވީ ޝިފްރާޒް އެކަންޏެވެ. މަސްއޫދު ހާޒިރުވެފައި ނުވަނީ އޭނާ އުޅޭތަނެއް ނޭންގޭތީ ޗިޓު ރައްދު ނުކުރެވިގެންނެވެ. ދެން އޮންނަ އަޑުއެހުމަކަށް އޭނާ ހާޒިރުކުރެވޭތޯ ބައްލަވާނެ ކަމަށް ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވެފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ވަކީލަކު އައްޔަނު ކުރަން ޝިފްރާޒަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ޝިހާބް މަރާލާފައި ވަނީ މާމެންދޫއަށް އޭނާ ގޮސްގެން އުޅެނިކޮށް، ގުރޫޕަކުން ލަކުޑި ބުރި ތަކަކުން ހަމަލާ ދީގެންނެވެ. މި ހަމަލާތަކުގެ ސަބަބުން ބޮލަށާއި ސިކުނޑިއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ޝިހާބް މަރުވީ ތިން ދުވަހު ކޯމާ އެއްގައި އޮތުމަށް ފަހު އެވެ.