މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާ ބޭރު ފައިސާގެ ބިލުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން މިއަދު ނިންމަަން ފާސްކޮށް، އެ ކޮމިޓީން ރިސޯޓު އޯނަރުންގެ ޖަމްއިއްޔާ މަޓީއާއެކު ކުރިއަށްގެންދާ ބައްދަލުވުން ސިއްރުކުރަން ނިންމައިފި އެވެ.
އެމްއެމްއޭއިން އެކުލަވައިލި ބޭރު ފައިސާގެ ބިލަކީ ރާއްޖޭގެ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ލާޒިމުކުރުމާއެކު، އެ އާމްދަނީގެ ތެރެއިން ވަކި މިންވަރެއް މާރުކުރުން ލާޒިމުކުރުމަށް އެކުލަވައިލާފައިވާ ބިލެކެވެ.
ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން ލާޒިމުކުރުމަށް އެމްއެމްއޭއިން ބޭރު ފައިސާައާ ބެހޭ ގަވާއިދެއް އެކުލަވައިލާ އެއަށް އަމަލުކުރަންވަނީ ފަށާފަ އެވެ. އެ ގަވާއިދަށް ބާރު ދިނުމުގެ ގޮތުން ގާނޫނެއް އެކުލަވައިލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 17 ނޮވެންބަރުގައި އިއުލާނުކުރެއްވި އެވެ.
އެއާއެކު އެމްއެމްއޭއިންވަނީ އެ ގަވާއިދުގައި ހުރި ކަންކަން ހިމެނޭ ބިލެއް އާންމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ. އާންމުންގެ ހިޔާލަށް ހުޅުވައިލިއިރު ބިލުގައި ނުހިމެނޭ ބައެއް ކަންކަން ހިމަނައިގެން ބިލު އެކުލަވައިލުމަށްފަހު މަޖިލީހަށް ހުށަހެޅީ މި ހަފުތާގަ އެވެ. ބިލު މިހާރު އޮތީ މާލިއްޔަތު ކޮމިޓީގަ އެވެ.
މިއަދު ކޮމިޓީގައި އޮތީ ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް ކަނޑައެޅުމާއި ރިސޯޓު އޯނަރުންގެ ޖަމްއިއްޔާ މަޓީއާ ބައްދަލުކުރުމެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ހުށަހަޅުއްވާފައިވަނީ މިރޭ އިރުއޮއްސި 6:00 އަށް ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށެވެ. އެ ހުށަހެޅުއްވުން ކޮމިޓީންވަނީ ފާސްކޮށްފަ އެވެ.
އޭގެ ފަހުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވީ ބިލާ ގުޅިގެން މާޓީއާ ބައްދަލުކުރާ ބައްދަލުވުން ސިއްރުކޮށްދިނުމަށް އެ ޖަމްއިއްޔާއިން އެދިފައިވާތީ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހަޅުއްވާ ކަމަށެވެ. އެގޮތަށް ސިއްރުކުރައްވަން ޝުޖާ ހުށަހެޅުއްވުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވި އެވެ.
މަޖިލީހުގައި މިހާރު އޮތް ބިލުގައި އޮތް ގޮތުން ރިސޯޓުތަކުން މާރުކުރަންޖެހެނީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ އެވެ. އަދި ގެސްޓުހައުސްތަކާއި ހޮޓާތަކާއި ޔޮޓު/ސަފާރީތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސަައްތަ މާރުކުރަންޖެހެ އެވެ.
ހަމައެހެންމެ އަހަރެއްގެ މައްޗަށް ބޭރުފައިސާއިން 15 މިލިއަން ޑޮލަރަށްވުރެ މަދުނޫން އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ.
މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ރިސޯޓުތަކާއި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ހޮޓާތަކާއި ސަފާރީތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހެ އެވެ. އާމްދަނީގެ އިންސައްތައެއް މާރުކުރުމުގެ ހިޔާރު ނޯވެ އެވެ. އަދި ގެސްޓުހައުސްތަކުން 25 ޑޮލަރު މާރުކުރަންޖެހެ އެވެ.
ގަވާައިދުގައި 500 ޑޮލަރު މާރުކުރަންޖެހޭތީ ޓޫރިސްޓު ގިނަ ވިޔަފާރިތަކުންވަނީ ކަންބޮޑުވުން ފާޅުކޮށް އެމްއެމްއޭއަށް ސިޓީތައް ފޮނުވާފަ އެވެ. އެ ވިޔަފާރިތަކުން ބުނެފައިވަނީ އެގޮތަށް ހުރިހާ ރިސޯޓަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ލާޒިމުކުރުމުން އެކަން ނުކުރެވޭނެ ކަމަށެވެ.