ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުދޭނެ، ޖެހޭނީ މަސައްކަތުން ހޯދަން: މީކާއީލް

އެމްޑީޕީން މަސައްކަަތް ނުކޮށްފިނަމަ 2028 ވަނަ އަހަރު މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށް މި ސަރުކާރުން ޖާގަނުދޭނެ ކަމުގައި މީކާއީލު ތުހުމަތުކުރެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު

މިހާރުން ފެށިގެން މަސައްކަތް ނުކޮށްފިނަމަ 2028 ވަނަ އަހަރު ދެފުށް ފެންނަ އިންސާފުވެރި ރިޔާސީ އިންތިހާބެއް ނޯންނާނެކަމަށާއި މިއަދު އެމްޑީޕީން ނިކުމެ މަސައްކަތްކުރަންޖެހެނީ 2028 ގެ ރިޔާސީ އިންތިހާބު ހޯދުމަށް ކަަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ. 

"ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި އިިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ މި ސަރުކާރު މިހާރު އޮތީ ނިމިފައި ކަމަށެވެ. ސަރުކާރެއްގެ ދެމިއޮތުން ބިނާވަނީ އެ ސަރުކާރެއްގެ ފަހު އަހަރު ކުރާ ކަންކަމުގެ މައްޗަށް ނޫންކަން ސިޔާސީ ތާރީހު ދިރާސާކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ކަމށާއި، އެކަން ބިނާވަނީ ސަރުކާރުގެ ފުރަތަމަ އަހަރު އެ ސަރުކާރުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަަށް މީކާއީލް ވިދާޅުވި އެވެ. 

އިތުރަށް މީކާއީލް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ކަންކަން ކުރި ގޮތް ދިވެހި ރައްޔިތުންނަށް މިހާރު ތަޖުރިބާކުރެވިފައިވާ ކަމަށެވެ. އަދި އެ ތަޖުރިބާއަށް ބަލާއިރު މި ސަރުކާރު އޮތީ ނިމިފައި ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ. 

"ސިޔާސީ ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވޭ ސަރުކާރެއްގެ ދެމިއޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ އެ ސަރުކާރެއްގެ އެންމެ ފަހު އަހަރު އިންތިހާބާ ދިމާކޮށް ކުރާ ކަންކަމަކުން ނޫން. ސަރުކާރެއްގެ ދެމިއޮތުން ގުޅިފައިވަނީ އެންމެ ބޮޑަށް ސަރުކާރެއްގެ ފުރަތަމަަ އަހަރު ކަންކަަން ކުރާ ގޮތާ،" މީކާއިލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަަށް މި ސަރުކާރުގެ ފުރަތަމަ އަހަރު ފެނިއްޖެ، ތަޖުރިބާކުރެވިއްޖެ. މި ސަރުކާރު ނިމިއްޖެ،" 

އިތުރަށް މީކާއީލު ވިދާޅުވީ ހުދުމުހުތާރު ސަރުކާރެއްގެ ގާނޫނީ ހައިސިއްޔަތު ނިމުނަސް، ދައުރު ފުރިހަމަވިޔަސް، އަދި ލެޖިޓިމަސީ ނިމުމަކަށް އައި ނަމަވެސް، ހުދުމުހުތާަރު ސަރުކާރުތަކަކީ އެހައި ފަސޭހައިން ވެރިކަމުން އަތްދޫކޮށްލާ ބައެއް ނޫންކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި 2028 ވަނަ އަހަރު އިންސާފުވެރި އިންތިހާބެއް ނުދޭނެކަން ޔަގީނެވެ. 

ސަރުކާރުން 2028 ވަނ އަހަރުގެ ރިޔާސީ އިންތިހާބު ނުދޭނެކަމަށް ތުހުމަތުކުރައްވައި މީކާއީލް ވިދާޅުވީ އެމްޑީޕީން ޖެހޭނީ ސަރުކާރު ޖަވާބުދާރީކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެ އިންތިހާބު އަމިއްލައަށް ހޯދަން ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑީޕީން މަސައްކަތް މިހާރުން ފެށިގެން ފަށަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

އަދި ގާނޫނުއަސާސީގެ ދިފާއުގައި ކުރާ މަސައްކަތަކީ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަން އުޅޭ ވަކިވަކި ފަރުދުން ޖަވާބުދާރީކުރުވުމަށް ކަމުގައިވެސް މީކާއީލު ވިދާޅުވި އެވެ. 

" [މިޕާޓީ ނުކުތީ] އަޅުގަނޑުމެން މިއަދު މި ގުރުބާނީ ނުވެއްޖެނަމަ، އަޅުގަނޑުމެން މި ޕާޓީ އެމްޑީޕީ ގާނޫނުއަސާސީގެ ދިފާއުގައި ނުނިކުމެއްޖެނަމަ، މި ސަރުކާރު ޖަވާބުދާރީކުރަން އަޅުގަނޑުމެން ނުކުޅެދިއްޖެނަމަ 2028 ގައި މި ސަރުކާރުން ރިޔާސީ އިންތިހާބެއް ނުދޭނެކަން ޔަގީންވާތީ،" މީކާއީލު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އިންސާނީ ހައްގުތަކުގެ ދުވަހުގައި އައު ހިތްވަަރަކާއި އާ އަޒުމަކާއެކު ނިކުންނަނީ 2028 ގެ އިންތިހާބު ވަގަށް ނެގުމަށް ގަޑުބަޑުކުރަން އިލެކްޝަންސް ކޮމިޝަނަށް ނަގަން ތައްޔާރުވާ ވަކިވަކި ފަރުދުން ޖަވާބުދާރީކުރުވަން،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.