މިފްކޯގެ އެކައުންޓު 700 މިލިއަން ރުފިޔާއިން އޮވަޑްރޯކޮށް މަސްވެރިންނަށް ފައިސާ ދިނުމަށް އެކައުންޓުގައި ނެތް ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ވާހަކަ ބޭންކުން ދޮގުކޮށްފައިވެ އެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިފްކޯއަށް އޮވަޑްރާފްޓް ފެސިލިޓީއެއް ހަމަޖައްސައިދިންކަމަށް އޮންލައިން ނޫސް "އަދަދު"އިން ގެނައި ހަބަރަކީ ދޮގެއްކަމަށް އެ ބޭންކުން ބުނެފި އެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ބީއެމްއެލްގައި އެކައުންޓު ހުޅުވާފައިވާ ހުރިހާ އޮޑިވެރިންނަށް 48 ގަޑިއިރު ތެރޭގައި މަސްކިރުވުމުން ދޭންޖެހޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އިއުލާނުކުރައްވާފަ އެވެ. އެ އިންތިޒާމު ހަމަޖެހުނީ ބޭންކާއި މިފްކޯ އަދި ފިނޭންސް މިނިސްޓްރީގެ މެދުގައި ގާއިމުކުރެވުނު އެއްބަސްވުމަކުންނެވެ.
އަދަދު ނޫހުން ރިޕޯޓުކުރި ގޮތުގައި މި އެއްބަސްވުމުގެ ދަށުން މިފްކޯގެ އެކައުންޓު 700 މިލިއަން ރުފިޔާއިން އޮވަޑްރޯކޮށް އެކައުންޓުގައި ނެތް ފައިސާ ބޭނުންކުރަން ބޭންކުން ފުރުސަތު ދީފައިވެ އެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން މަސްވެރިންނަށް ފައިސާ ދިނުމަށްފަހު ޑޮލަރުން އެ ފައިސާ އަނބުރާ ބޭންކަށް ދައްކަންޖެހޭނެ ކަމުގައިވެސް ރިޕޯޓުކުރި އެވެ.
އަދަދުގެ ހަބަރާ ގުޅިގެން ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 700 މިލިރަން ރުފިޔާގެ އޯވަޑްރާފްޓެއް އުސޫލުތަކާ ހިލާފަށް ދޫކުރި ވާހައަކީ ދޮގެއް ކަމަށެވެ. އަދި އެއީ ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ޝާއިއުކޮށްފައިވާ ހަބަރެއް ކަމަށްވާތީ އެކަން ކުށްވެރިކޮށްފަައިވެ އެވެ.
ބޭންކުން އިތުރަށް ބުނީ އެ ބޭންކުން ހިދުމަތް ދެނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ބޭންކުތަކުގައި އަމަލުކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބަލްކް ޓްރާންސްފާގެ ހިދުމަތަކީ ސަރުކާރު އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށާއި ކުންފުނިތަކަށްވެސް އެ ބޭންކުން އާންމު އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުން ނުވަތަ ބޭންކަށް ފައިސާ ޖަމާކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްވާތީ، ބޭންކުން އަބަދުވެސް އަމަލުކުރާނީ ބޭންކުގައި އަމަލުކުރުމަށް އެކުލަވައިލާ ތަންފީޒުކުރަމުންދާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދިނެެވެ.