ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރާތީ އެވެ. އެކަމަށް ހައްލެއް ނުލިބުމުން މިހާރު ނިންމާފައި ވަނީ ސީދާ ހަރަކާތަށް ނިކުންނާ ށެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށާ ރައީސުލްޖުމްހޫރިއްޔާއަށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ބުނެ ސީދާ ހަރަކާތަށް ނިކުންނަން ނިންމައިފި އެވެ.
އިހުތިޖާޖަށް ނިކުންނަކަން ހާމަކޮށްފައި ވަނީ މިއަދު ޑްރައިވާސް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގަ އެވެ. ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރާތީ އެވެ. އެ މީހުން ބުނީ އެ ކަންބޮޑުވުންތަކާ އެކު ޓްރާސްޕޯޓްގެ އިސްވެރީންނާ އެކު އެތައް ފަހަރަކު ބައްދަލްކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރުމުން ލިބޭނެ ގެއްލުމާއި އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރި ނަމަވެސް މިހާތަނަށް އެކަށީގެންވާ އެއްވެސް ޖަވާބެއް ލިބިފައި ނެތް ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރުމަށް ސިޓީއަކުން އެދިފައިވާ ކަމަށާ ނަމަވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.
އެހެން ކަމުން ޑްރައިވަރުންގެ ކަންބޮޑުވުންްތަކަށް ހައްލެއް ހޯދުމަށް ސީދާ ހަރަކާތަށް ނިކުންނަން ނިންމާފައިވާ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އެކަމަށް އަދި ތާރީހެއް ކަނޑަނާޅަ އެވެ.
ޓެކްސީ ލައިނެއް ތައާރަފު ކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައިދޭން ޓެކްސީ އެސޯސިއޭޝަނުން މަޖިލީހުގައި ވެސް ވަނީ އެދިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ލައިނެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރަނީ 300 ކާރެވެ. މީގެތޭގައި ތިމާވެއްޓާ ރަހުމަތްތެރި ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހިދުމަތް ފެށުމަށްފަހު ޑްރައިވަރުންނަށް ވެސް މި ޓެކްސީ ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޓެކްސީގެ މައްސަލައަކީ ދާއިމީ ބޮޑު މައްސަލައެކެވެ. ޓެކްސީގެ ހިދުމަތް ދިނުމުގައި ހަރުދަނާ އުސޫލެއް ނެތުމާއި ޓެކްސީ ނުލިބުމުގެ މައްސަލައާ ޑްރައިވަރުންނާ ގުޅުން ހުރި މައްސަލަތައް ވެސް ވަރަށް ގިނަ އެވެ. މި މައްސަލަ ހައްލުކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން މިކަން ހައްލުވެފައެއް ނެތެވެ.