ވައިޑް ބޮޑީ މަތިންދާބޯޓާއެކު ގައުމީ އެއާލައިނުން ޗައިނާގެ ތިން ސިޓީއަކަށް ސީދާ ދަތުރުތައް ފަށާއިރު ފަހުން އެހެނިހެން ބައްރުތަކަށްވެސް ދަތުރުތައް ފަށަންވަނީ ހަމަޖެހިފަ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން އަންނަ ޖަނަވަރީން ފެށިގެން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިނަށް ވައިޑް ބޮޑީ މަތިންދާބޯޓު ހޯދައި ދުނިޔޭގެ އެކި މަންޒިލުތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ގައުމީ އެއާލައިނުގެ ހިދުމަތް ފުޅާކޮށް ދަތުކުރާ މަންޒިލުތައް އިތުރުކުރުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ދެމެހެއްޓުމަށް މުހިއްމު ކަމެއްގެ ގޮތުގައި އެ ސިނާއަތުގެ މާހިރުން ފާހަގަކުރައްވަ އެވެ.
މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ މެދުގައި ވައިގެ މަގުން ސީދާ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތު މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާފައިވާ ކަމަށެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފައްޓަވަން ރައީސް ދެއްވި ޔަގީންކަމާ އެއްގޮތަށް އެމަނިކުފާނު އަމަލުކުރެއްވީތީ މިނިސްޓަރު އަމީނުވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ ޖަނަވަރީން ފެށިގެން ބެއިޖިން، ޝަންހާއީ ޗެންޑޫ އަދި ޝިއާނަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެ ކަމަށެވެ. އަދި މި ދަތުރުތަކާއެކު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
އަމީނު ކުރިން ވިދާޅުވި ގޮތުގައި މޯލްޑިވިއަންއަށް ހޯދާ ވައިޑް ބޮޑީ މަތިންދާބޯޓުތައް ހަމަވުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިއްމު މަންޒިލުތަކަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެ އެވެ. އޭގެ ތެރޭގައި ޗައިނާގެ އިތުރަށް ސައުތު އެފުރިކާއާއި ޔޫރަޕުގެ މަންޒިލުތައް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ދަތުރުތައް ފެށުމަށް ބޭނުންވާ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް މޯލްޑިވިއަންއަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދިނުމަށް ކެބިނެޓުން ނިންމީ ފާއިތުވި އަހަރުގެ ޑިސެންބަރު މަހު އެވެ. އަދި އެ ފައިސާ ފިނޭންސްއިން އެ ކުންފުންޏަށް ދިނުމާއެކު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ފެށި އެވެ.
ފުރަމަ ގެންނަނީ އޭ 330-200 ގެ އެއާބަސް މަރުކާގެ ބޯޓެކެވެ. އެ ބޯޓަކީ އެއްވެސް ތަނެއްގައި މަޑުނުކޮށް 13،000 ކިލޯމީޓަރަށް ދަތުރުކުރެވޭ، 264 ގޮނޑި އެކުލެވޭ ބޯޓެކެވެ. އެބޯޓުގައި ބިޒްނަސް ކުލާހުގެ 18 ގޮނޑިއާއި، ޕްރިމިއަމް އިކޮނޮމީ ކުލާހުގެ 36 ގޮނޑިއާއ އިކޮނޮމީ ކުލާހުގެ 210 ގޮނޑި ހުންނާނެ އެވެ.