ފުވައްމުލަަކުން އަތުލައިގަނެފައިވާ ޑްރަގުގެ ދެ ބޮޑުން އެމީހުންގެ އެކައުންޓުތައް މެދުވެރިކޮށް 28 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގައި، ޑްރަގު ވިއްކައިގެން ލިބުނު ފައިސާ މަނީލޯންޑާކޮށްފައިވާކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ފުވައްމުލަކު ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޑްރަަގުގެ ވިޔަފާރީގެ ދެ ބޮޑުންކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
"އޮޕަރޭޝަން ވެށި ރައްކަލް"ގެ ނަމުގައި ފުވައްމުލަކު ސިޓީގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި 58 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ މަނީލޯންޑާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ހިމެނެ އެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ފުވައްމުލަކުގައި ނެޓްވޯކެއް ހަދައިގެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޏ.ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29އ.) އަދި ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34އ.) އެވެ.
ފުލުހުން ބުނި ގޮތުގައި ނިއުޝާދުގެ އެކައުންޓު މެދުވެރިކޮށް ފަސް އަހަރު ތެރޭގައި 21 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އަދި އާޒިމްގެ އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްތައް ހިންގާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ދެމީހުން ހައްޔަރުކުރީ ޑިސެންބަރު ހަވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ 21 މީހެއްގެ އެކައުންޓު ހިފަހައްޓާފަ އެވެ. އަދި ދެ ކުންފުންޏެއްގެ އެކައުންޓުތައްވެސް ފުލުހުން ހިފަހައްޓާފައިވެ އެވެ. އެ ފަރާތްތަކާމެދު ކުރެވެނީ މަނީލޯންޑަރިންގެ ތުހުމަތުކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި 4،048 އަށް ހޮޓްސްޕޮޓު ބަލައި، 1،147 މީހަކާ ސުވާލުކުރި އެވެ. އަދި ޖުމްލަ 58 މީހަކު ހައްޔަރުކުރި އެވެ. އެމީހުންގެ މައްޗަށް ތުހުމަތުވާ 75 މައްސަލައެއް ތަހުގީގުކޮށް އެިން 65 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފަައިވާކަމަށް ފުލުހުން ބުންޏެވެ.