މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން ކްލައިންޓުންނަށް ނުދީ ހުރި ފައިސާގެ އަަދަދު 42 މިލިއަނަށްވުރެ މަތިވެފައިވާއިރު އަންނަ އަހަރު މުވައްޒަފުންނަށް ކުރާ ހަރަދު މި އަހަރަށްވުރެ %15.6 އިތުރުވާނެކަމަށް ލަފާކުރެވެ އެވެ.
ޖޫން މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން އެ ކުންފނީގެ ކްލައިންޓުންނަށް ނުދައްކައި ހުރި ބިލުތައް 42 މިލިއަނަށްވުރެ މަތިކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެދިގެން އެމްއެމްޕީއާރުސީން ހާމަކުރި ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން އެ ކުންފުނީގެ ކްލައިންޓުންނަށް ދައްކަންޖެހޭ ބިލުތައް 42،384،656.20 (ސާޅީސް ދެ މިލިއަން ތިންލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ފަންސާސް ހަ ރުފިޔާ ވިހި ލާރި) އަށް އަރަ އެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މުވައްޒަފުންނަށް ކުރާ ހަރަދު ފާއިތުވި އަހަރަށްވުރެ މި އަހަރު ދެ މިލިއަނެއްހައި ރުފިޔާ އިތުރުވާނެ އެވެ. އަދި އަންނަ އަހަރު މުވައްޒަފުންނަށް ކުރާ ހަރަދަށް އިތުރު ތިން މިލިއަނެއްހައި ރުފިޔާ ހަރަދުވާނެ ކަމށް އެ ކުންފުނިން އަންދާޒާކުރެ އެވެ.
އެމްއެމްޕީއާރުސީން ހާމަކުރި ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހރު އެ ކުންފުނީގެ މުވައްޒަފުންނަށް ހަރަދުވީ ޖުމްލަ 16.7 މިލިއަން ރުފިޔާ އެވެ. ހިނގަމުންދާ 2024 ގައި މުވައްޒަފުންނަށް 18.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި އެ ކުންފުނިން އަންދާޒާކުރެ އެވެ.
އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ކުންފުނީގެ މުވައްޒަފުންނަށް ކުރާ ހަރަދު 11.49 އިންސައްތަ އިތުރުވާނެ އެވެ. އެއީ ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ އެވެ.
އެމްއެމްޕީއާރުސީން އަންދާޒާކުރާ ގޮތުގައި އަންނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް 21،541،718 (އެކާވީސް މިލިއަން ފަސްލައްކަ ސާޅީސް އެއްހާސް ހަތްސަތޭކަ އަށާރަ) ރުފިޔާ ހަރަދުވާނެ އެވެ. އެއީ މި އަހަރު ހަރަދުވާނެކަމަށް ލަފާކުރާ އަދަދަށްވުރެ 2.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރު އެމްއެމްޕީއާރްސީން މުވައްޒަފުންނަށް ކުރާ ހަރަދު %15.6 އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކުރާއިރު އަންނަ އަހަރު އެ ކުންފުނިން މުވައްޒަފުންނަށް ކުރާ ހަރަދު އިތުރުވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ އެ ކުންފުނީގެ ހިންގުމުގެ އެކި ދާއިރާތަކުން ފަންނީ މުވައްޒަފުން އަލަށް ވަޒީފާއަށް ނެގުމެވެ.