މި އަހަރު ޕީއެސްއައިޕީއަށް 8.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މިހާތަނަށް 9.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މި އަހަރުގެ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއު ހިންގަން ކަނޑައެޅި ބަޖެޓުން އެއް މަޝްރޫއަކަށް އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބްރިޖު މަޝްރޫއަށާއި އެއާޕޯޓްތައް ތަރައްގީ ކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.
މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޕީއެސްއައިޕީ އަށް ކޮށްފައިވާ ހަރަދު ދައްކާ ގޮތުން މި އަހަރުގެ ބަޖެޓުގައި ބިން ހިއްކަން 769.7 މިލިއަން ރުފިޔާ ކަނޑައެޅިނަމަވެސް މިހާތަނަށް މި ބަޔަކަށް ދެ ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިދިޔަ އަހަރު މިބަޔަކަށް 1.8 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ދައްކަ އެވެ.
މި އަހަރު ޕީއެސްއައިޕީއަށް 8.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މިހާތަނަށް 9.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ ބަޖެޓުން 10 ބިލިއަން ހަރަދުކޮށްފައިވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މި އަހަރު ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައިވަނީ 8.9 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ 8.5 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ އަށް ބަޖެޓުގައި ހިމަނާފައިވާ އަދަދު އިތުރުވެފައިވާއިރު މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އައު މަޝްރޫއުތައް ފެށުމަށާއި މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިލުމަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ޕީއެސްއައިޕީއަށް ހިމަނާފައިވާ 12.4 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ތެރެއިން 5 ބިލިއަނެއްހަައި ރުފިޔާއަކީ ބޭރުގެ ފަރާތްތަކުން ފަންޑު ހަމަޖެހިގެން ހިންގަން ނިންމާފައިވާ މަޝްރޫއުތައްކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.