ގަވާއިދު އިސްލާހުކުރުމުން ކްރޫޒްލައިނާތައް އަންނަނީ؛ ޖަނަވަރީއާ ހަމައަށް 12،000 ޓޫރިސްޓުން

ސަރުކާރުން ގަވާއިދު އިސްލާހުކުރުމާއެކު މި އަހަރު ފުރަތަމަ ކްރޫޒްލައިނާ ރާއްޖެ އައިސްފައިވާއިރު، ޖަނަވަރީއާ ހަމައަށް ޖުމްލަ 12،000 ޓޫރިސްޓުން ކްރޫޒްލައިނާތަކުގައި އަންނާނެކަމަށް މާޔާއިން އަންދާޒާކުރެ އެވެ.

ކުރީ ސަރުކާރުން އެކުލަވައިލި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވާއިދު"ގައި ހުރި ހަމަނުޖެހޭ ކަންކަން އެ ދާއިރާގެ ވިޔަފާރިވެރިން އެދުނު ގޮތަށް ބަދަލުކުރުމާ ގުޅިގެން ކްރޫޒް ލައިނާތައް އަލުން ރާއްޖެއަށް އަންނަން ފަށައިފި އެވެ. 

އެންމެ ފުރަތަމަ މި ގަވާއިދު އެކުލަވައިލިއިރުވެސް ކްރޫޒްލައިންތަކާއި ބޭރުގެ ލަގްޒަރީ ޔޮޓުފަހަރު ރާއްޖެއަށް ގެނައުމުގައި މެދުވެރިންގެ ދައުރު އަދާކުރާ ވިޔަފާރިތައް ތަމްސީލުކުރާ  މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)އިން އެ ގަވާއިދާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރި އެވެ. 

އެގޮތުން އެ ގަވާއިދުގެ ދަށުން ބޭރުގައި ކްރޫޒްލައިނާއިން ވިއްކާ ކޮޓަރިތަކުން ޓީޖީއެސްޓީ ނެގޭ ގޮތަށް އޮތުމާއި، އެ އުޅަނދުގައި ރާއްޖެއަށް އަންނަ އެންމެން ގޮވައިގެން ރާއްޖެއިން ފުރައިގެން ދިއުން ފަދަ ކަންކަން ލާޒިމުކޮށްފައި އޮތުމަކީ ކަންބޮޑުވުންތަކެއްގެ ގޮތުގައި އެއިރު މާޔާއިން ފާހަގަކުރި އެވެ. 

ސަރުކާރު ބަދަލުވުމާއެކު ޖަނަވަރީ މަހުގައި ގަވާއިދުތަކަށް ބަދަލުތަކެއް ގެނެވުނެވެ. މާޔާއާއެކު މަޝްވަރާކުރެވިގެން އެ ގަވާއިދަށް އެންމެ ފަހުން ބަދަލު ގެނެވުނީ ސެޕްޓެންބަރު މަހު އެވެ. އެ މަހުގައި ގެނައި ބަދަލުތަކާއެކު އަލުން ކްރޫޒްލައިނާތައް ރާއްޖެއަށް އަންނަން ފަށާފައިވެ އެވެ. 

މާޔާގެ އޮފިޝަލަކު "މިރާ"އަށް މައުލޫމާތު ދެއްވި ގޮތުގައި ގަވާއިދު އިސްލާހުކުރި ފަހުން އައި ފުރަތަމަ ކްރޫޒްލައިނާ ރާއްޖޭގައި ބަނދަރުކުރީ އިއްޔެ އެވެ. އެ ކްރޫޒްލައިނާގައި 2،000 އެއްހައި ފަތުރުވެރިން ރާއްޖެއަށް އައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއިން ކޮންމެ ކްރޫޒްލައިނާއަކުން ބޮޑު އާމްދަނީއެއް ދައުލަތަށް ވަންނަ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ސެޕްޓެންބަރުގައި ގަވާއިދަށް ގެނައި ބަދަލާއެކު ފުރަތަމަ އައި ކްރޫޒް ލައިނާގަައި 2،000 އެއްހައި ފަތުރުވެރިން އައިސްފައިވާއިރު، އެ ކްރޫޒް ލައިނާގައި ރާއްޖޭގެ ސަގާފީ ކަންކަން ދައްކުވައިދިނުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އަދި ޖަނަވަރީ މަހާ ހަމައަށް އިތުރު އެތައް ކްރޫޒްލައިނާއެއް އައުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނަން ހުރި ކްރޫޒް ލައިނާތަކުގައި ގާތްގަނޑަކަށް 12،000 އެއްހައި ފަތުރުވެރިން އަންނާނެ ކަމުގައި މާޔާގެ އޮފިޝަލު ވިދާޅުވި އެވެ. 

"ރައީސް މުއިއްޒުގެ އިސްނެންގެވުމަށް މިނިސްޓަރު ފައިސަލު ވަރަށް ބުރަ މަސައްކަތްކުރައްވައިގެން ޓޫރިޒަމް މިނިސްޓްރީ އިސްވެ އޮވެ އެހެން މިނިސްޓްރީތަކާއެކު ކުރި މަސައްކަތުން މިހާރު ކްރޫޒްލައިނާތައް އަންނަން ފަށައިފި. މިހާރު އެކުލަވައިލާފައިވާ ގަވާއިދުގައި ކުރިން ހުރި ދެކޮޅުނުޖެހޭ ކަންކަން ނެތުމާއެކު، ކުރިއަށްވުރެ ގިނައިން ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައްވެސް ހުރީ ފަހިވެފައި،" މާޔާ އޮފިޝަލު ވިދާޅުވި އެވެ. 

"ސަރުކާރުން ދައްކުވައިދިނީ ޓޫރިޒަމްގެ މި ކޮމްޕޯނެންޓު ކުރިއަށްގެންދިއުމުގެ އަޒުމާއި ނިޔަތް ސަރުކާރުގައި އޮތްކަން. ދެން އިރާދަކުރެއްވިއްޔާ މިބައިވެސް ރަނގަޅުވަމުންދާނެ." 

ކޮމެންޓް

2
450
ނޮންނި
3 months ago

ގަވާއިދު އެކުލަވާލީ ޓްރާންސްޕޯރޓާ. މީރާ އާ ސަފާރީ ދުއްވާ ފަރާތްތަކާ އެކު. އިސްލާހުގައި ހުރި ގިނަ ބައިތަކަކީ ޓްރާންސްޕޯރޓާ ބެހޭ ބައިތައް. އޭރު އެންމެން ވާހަކަ ދެއްކީ އުޅަނދުގެ ދިގުމިން މިންގަނޑަކަށް ބަލަން. އިސްލާހުގެެެެ މައިގަނޑު އެއްޗަކީ ދިގުމިން ޓަނޭޖަށް ބަދަލު ކުރުން. ރާއްޖޭގައި ޚިދްމަތެއް ފޯރުކޮށްދީފައި ނަގާ އަގުން ޓެކްސް ދެއްކުން ލާޒިމު. އެކަމަކު މި މީހުން ދައްކާކަށެއްނުޖެހޭ. ނޭވާލަނީ މި ޖައްވަށް. ބޮޑު ކަމު/ކުޑަކަމުދަނީ މިވެއްޓަށް. ހެއްވާ

ނަސްރު
3 months ago

މި ޚަބަރު ލިޔެފައި މިވަނީ ނޫސްވެރިޔާެ، މާުޔާ ބުނާ އެއްޗެއް ގަބޫލުކޮށް ވ. ޒިންމާދާރު ކަން ކުޑަގޮތަކަށްގެން ވ. ސާފުކޮށް އެބައެގޭ. ތިރީގައި މިވާ 2 ޕޮއިންޓުން އެކަން ފާހަގަ ކުރެވޭ: 1. ގަވާއިދު ގަވާއިދަކަށްވާނި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމުން. 2. "ދިވެހި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރު ކުރުމާބެހޭ ގަވާއިދު" ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރީ މި ސަރުކާރުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.