އެއާޕޯޓުގެ ކުނިއުކުން ވެމްކޯއާ ހަވާލުކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ މިމައްސަލައާ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުމެއްވާކަމަށް ތުހުމަތު ކުރައްވާފަ

އެމްއޭސީއެލް މުވައްޒަފުން ވީއައިއޭގައި މަސައްކަތް ކުރަނީ -- ވީއައިއޭ

ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓުގެ ކުނިއުކުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، އެމަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކުރަން މާލީ ވުޒާރާއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަންގައިފިއެވެ.

އެމްއޭސީއެލް އިން މިމަސައްކަތް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް މާލީ ވުޒާރާގެ މި އެންގުމާއެކުވަނީ އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ. 

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމްއޭސީއެލް އިން އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ވެމްކޯއިން މި މަސައްކަތަށް ހުށަހެޅި އަގު މާބޮޑުކަމަށް ބުނެ ނަމަވެސް، އެއަގަށްވުރެ ބޮޑު އަގަކަށް ކަމެވެ. އަދި އެއެއްބަސްވުމުގައިވާ ފަދައިން ދޮޅުމަސްދުވަހުގެ ކުނި އުކައިދިނުމަށް 14 މިލިޔަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް އެމްއޭސީއެލް އިން ދައްކާފައިވާ މައްސަލައެއްވެސް ތިލަވެފައިވެއެވެ. 

މި މައްސަލައާ ގުޅިގެން "މިރާ"އަށް މައުލޫމާތު ދެއްވި އެމްއޭސީއެލްގެ އޮފިޝަލެއް ވިދާޅުވީ ވެމްކޯއާއެކު ކުނި ނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާކުރަމުން ގޮސް އެންމެ ފަހުން މަޝްވަރާތައް މަޑުޖެހުނީ އަގާއި ބައެއް ކަންކަމަށް އެއްބަސްނުވެވިގެން ކަމަށެވެ. 

އަދި ވެމްކޯއިން ހުށަހަޅަމުންއައީ އެ ކުންފުނީގެ އުޅަނދުތައް އެއާޕޯޓަށް ވެއްދުމަށް ނަމަވެސް އެއީ އެއާޕޯޓުގެ ސަލާމަތީ އިންތިޒާމުތައް ހުންނަ ގޮތުން ދެވެން އޮތް ފުރުސަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެއިރު އެހެން ކުންފުންޏަކާ އެއާޕޯޓުގެ ކުނި ތިލަފުއްޓަށް ގެންދިއުން ހަވާލުކުރީ އެ ސަބަބާހުރެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީއާއެކު މިކަމުގައި މަޝްވަރާތަކެއް ކުރެވި އެ ވުޒާރާއިން އެ މަސައްކަތް ވެމްކޯއާ ހަވާލުކުރަން އެދުމުން އެކަމާމެދު ދެކެވުނު ވާހަކަތަކަށްފަހު އެގޮތަށް އަމަލުކުރުމަށް އެމްއޭސީއެލުން ނިންމީ އެވެ. 

މީގެއިތުރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު މަސްތުވާތަކެތީގެ ގާނޫނު އިސްލާހުކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ މިމައްސަލައާ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުމެއްވާކަމަށް ތުހުމަތު ކުރައްވާފައެވެ. 

"ދާދި ފަހުން އަޅުގަނޑުމެންނަށް އިވިގެން އެބަދޭ އެއާޕޯޓުގެ ކުނި އުކައިލުމުގެ މައްސަލައެއްގެ ވާހަކަ ވެސް އާދެ، އެ ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ ޑްރަގްސްގެ މައްސަލަ އާ، ޑްރަގްސް އެތެރެ ކުރަން ބޭނުންވާ މީހުން ބޭނުންވަނީ އެއާޕޯޓުގެ ކުނި އުކައިލުމާ ވެސް މިހާރު ހަވާލުވާން،" ނާޒިމު ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.