"ވަޓް؟ އަސްލުވެސް ތަ؟" ލީޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
- އެޕިސޯޑް 80 –
ލީޒާ ހައިރާން ކަމާއެކުގައި ދާއިންގެ މޫނަށް ބަލަން ހުއްޓެވެ. ދާއިން ދެއްކި ވާހަކައިން ލީޒާގެ ސިކުނޑީގައި ވެސް ވިސްނުން ތަކެއް އާލާ ވާން ފެށިއެވެ.
"އެހެން ވީމަ ވެދާނެ ދޯ އަޔާޒް އެ އުޅެނީ ހެޕީ ލައިފެއްގަ ނޫން ކަމަށް ވެސް.. އަޔާޒްގެ މަންމަ އަކީ ވަރަށް ނުފޫޒް ގަދަ، ވަރަށް އަމުރު ދަރިންނަށް ހިންގާ މީހެއް.. ޒީމާ ޝަރާ ދެކެ ރުޅި އައިސްގެން އުޅުނީ.. ތިކަމާ ކަމަށް ވުން، ވަރަށް އެކަށީގެން ވޭ.. އެހެން ނޫންތަ؟"
ލީޒާ ބަލަން ހުރީ ސީދާ ދާއިންގެ ދެލޮލަށެވެ. ދާއިން ފުންކޮށް ނޭވާއެއް ދޫކޮށް ލިއެވެ.
"އަހަރެންނަށް ތިއެއް ނޭނގެ! އެކަމު އަހަންނަށް ޔަޤީންވާ ކަމަކީ އަޔާޒްގެ ދިރިއުޅުމުގައި ވެސް ގޮތް ނޭނގޭ ކަންތައް ތަކެއް ހިނގަމުންދާ ކަން.. އަދި ޝަރާ ކަންތަކުގަ އަޔާޒް އަދިވެސް ހިތާމަ ކުރޭ! އަޔާޒް ޤަބޫލު ކުރަނީ ޝަރާ އަސްލު ވެސް އަޔާޒަށް ބޭވަފާތެރިވީ ކަމަށް.. އެއީ ޝަރާ އެއްބަސްވީމަ.. އަދި އޭނާގެ ދެލޮލަށް އެކަންތައް ފެނުނީމަ.."
ދާއިންގެ އަޑުގައި ހާސް ކަމެއް ވެއެވެ.
"އަޅެ ދެން ކިހިނެއް ހަދާނީ؟ އެކަމު ވެސް އަޔާޒަށް ޝަރާ ދަސްނުވި ދޯ؟ އަޔާޒްގެ މަންމަ އެހާ ގޯސް އިރު، އަޔާޒް ވެސް ވާނެ ދޯ ކަންކަމާ ދޭތެރޭ ސަމާލުވާން.. އަސްލުގަ އަޔާޒަށް ވެސް ޝަރާއަށް އެދެވޭ ވަގުތު ދިން ނަމަ، މިހެން މިކަން ނުވާނެ.. ޝަރާ އެހާ ބަލިވެގެން އުޅުން އިރު، އަޔާޒް ޝަރާއާ މެދުގައި ވިސްނަން ޖެހޭ މިންވަރަށް ވިސްނި ނަމަ ވެސް، އެ ހުރިހާ ކަމެއް އެނގުނީހެއެއްނު؟"
ލީޒާ އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ހުރިހާ ކަމެއް ދުލު ކުރިއަށް ގެންނަމުން ދިޔައެވެ.
"ތި ޚިޔާލު ވެސް މުޅިން ރަނގަޅު ނުވެދާނެ! ޝަރާގެ ވާހަކަ ތަކުން ވެސް އެނގޭ އަޔާޒް ޝަރާ ދެކެވާ ޙަޤީޤީ ލޯބި.. އެހެންވެ ދޯ ޝަރާ މި ހުރިހާ ކަމެއް އަޔާޒަށް ސިއްރު ކުރީ.. އަސްލުގަ ޝަރާ ވެސް އުއްމީދެއް ނުކުރޭ ދަރިފުޅުގެ ކަންތަކުގަ އަޔާޒް އެފަދަ ގޮތަކަށް ދެކޭނެ ކަމަކަށް.. ދެން އަނެއް ކޮޅުން އަޔާޒް މާ އަވަސް ގޮތް ނިންމިލެއް ވެސް.. އަހަރެން މީ އަޔާޒް ނަމަ، އަހަރެންނަށް ޝަރާ ދޫކޮށް ނުލުވުނީސް.."
ދާއިންގެ ފަހު ޖުމުލައިން ލީޒާއަށް ލިބުން ހައިރާންކަން ވީ އިތުރެވެ. ދާއިން ބަލައިލީ ލީޒާގެ މޫނަށެވެ. ދާއިންގެ ދެލޮލުން އެވަގުތު ވަނީ ފެން ހިލެން ގާތް ވެފައެވެ.
"އަހަރެންނަށް އެނގޭ! ދާއިން ޝަރާ ދެކެ ވަރަށް ލޯބިވާކަން.. އެކަމު، ތިވަރަށް ލޯބިވާކަށް ޤަބޫލު ކުރަން ބޭނުން ނުވަނީ.. އެއީ މިފަދަ ޒަމާނެއްގަ ތިފަދަ ތެދުވެރި ލޯބިވާ މީހުން އުޅޭނެ ކަމަށް، އަހަންނަށް ޤަބޫލު ނުކުރެވޭތީ.. އެކަމު އެއީ އަސްލު ތެދެއް ނޫންކަން މި ވޭތުވެގެން ދިޔަ ކޮންމެ ދުވަހަކު ދާއިން ތި ގެންދަނީ ޔަޤީން ކޮށްދެމުން.."
ލީޒާ މަޑުމަޑުން ދާއިންގެ އަތުގައި ހިފާލިއެވެ.
"ހިތްވަރު ކުރޭ! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް.. މާތްﷲގެ ނިންމެވުން ގޯހެއް ނުވާނެ.. އެއީ އެންމެ އިހްސާންތެރި އިލާޙު... ދެރަ ގޮތެއް ދާއިން އަކަށް ވެސް ނުވާނެ.."
ލީޒާ ދާއިންއަށް ހިތްވަރު ދެމުން ވާހަކަދެއްކިއެވެ.
***
ނަޒީރާ އާއި ސުހާ އިނީ ކޮޓަރީގައެވެ. މުޅި ކޮޓަރި ތެރެއިން ފެންނަނީ ހިމޭން ކަމެވެ. ދެމީހުން ވެސް ތިބީ އެނދުމަތީގައި އިށީންދެގެންނެވެ. ނަޒީރާ އިސްވެ ވާހަކަދެއްކޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހިތްވަރެއް ނަޒީރާގެ ނެތީއެވެ. ސުހާ އިންތިޒާރު ކުރަމުން ގެންދަނީ ނަޒީރާ ބުނާނެ އެއްޗަކަށެވެ. ދޭތެރެ ދޭތެރެއިން ސުހާ ވައްކަޅިން ނަޒީރާއަށް ބަލާލައެވެ. ނަޒީރާ އިންނަނީ އިސްޖަހައިގެންނެވެ. އެހެން އިނދެފައި ނަޒީރާ އިސްއުފުލާ ސުހާއަށް ބަލާލިއެވެ. އެ ވަގުތަކީ ސުހާ ވައްކަޅިން ރުޅިވެރި ގޮތަކަށް ނަޒީރާއަށް ބަލާލި ވަގުތެވެ.
"ދަރިފުޅާ! ތި ގޮތަށް މަންމައަށް ނުބަލާ! މީ ދަރިފުޅުގެ އުފަން މައިމީހާ.. ތިވަރަށް މަންމަ ދެކެ ރުޅި ނާދޭ!"
ނަޒީރާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. ސުހާ އެއްވެސް އެއްޗެއް ނުބުނު މަޑުން އިނެވެ. ނަޒީރާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
"މި ވޭތުވެގެން ދިޔަ ކޮންމެ އަހަރެއް.. ކޮންމެ ސިކުންތެއް.. މި މަންމަ ދަރިފުޅު ބެލީ ވަރަށް ލޯބި ދީގެން.. ވަރަށް އަޅާލައިގެން.. ދަރިފުޅަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ އެންމެ ފުރިހަމަ ގޮތުގަ މަންމަ އެކަމެއް ކޮށްދެވޭތޯ ބެލިން.. ކައިވެންޏެއް ކޮށްގެން ހުއްޓަސް، މަންމަ އަކީ ވަރަށް އެކަނިވެރިއެއް.. ދަރިފުޅަށް އެކަން އެނގޭނެ.. ބައްޕަ އަބަދު ވިޔަފާރި ކަންތަކުގަ ބޭރުގަ އުޅޭއިރު، މަންމަގެ ޒުވާން އުމުރު މަންމަ ހޭދަ ކުރީ އެކަނި މާއެކަނި.. މީހުން ހީކުރާނީ މަންމަ އަކީ ވަރަށް ފުދިގެން، ވަރަށް އުފަލުން އުޅޭ މީހެކޭ.. އެކަމު ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން.. ލޯބި ވަރަށް މުހިންމު.. އެ ލޯތްބެއް، އެ އޯގާތެރި ކަމެއް މަންމައަށް ނުލިބުން.. މީ މަންމަ ދުވަހަކުވެސް މީހެއް ގާތު ދެއްކި ވާހަކަތަކެއް ނޫން.. އެކަމު ދަރިފުޅަށް އެނގޭނެ.. ދަރިފުޅު ހަނދާން ވާނެ.. ދަރިފުޅަށް ލޯބި ދީ، ދަރިފުޅު ބަލާ ބޮޑު ކުރީ މަންމަކަން.. މަދުން ނޫނީ ބައްޕަގެ އަޅާލުމެއް ލޯތްބެއް ނުލިބޭކަން.." ނަޒީރާ ދަތި ގޮތަކަށް ނޭވާއެއް ލިއެވެ.
"ޚަރަދު ކުރޭ! ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް ދަރިފުޅަށް ހޯދައިދޭ! ދަރިފުޅަށް ދަތިވާ ހަމަ އެންމެ ކަމެއް ވެސް ނޯއްވޭ.. އެކަން މަންމަ ޤަބޫލު ކުރަން.. އެއީ ބައްޕަކަން ޚަރަދު ކުރަނީ.. އެކަމު އެ ފައިސާއަށް ވުރެ މަންމަ ޤަބޫލު ކުރިން ދަރިފުޅަށް ލޯތްބާއި އަޅާލުން މާ އަގުބޮޑު ވާނެ ކަމަށް. މަންމަ ދުވަހަކުވެސް މިފަދަ ވާހަކައެއް ނުދެއްކިޔަސް، ދަރިފުޅު މިހާރު ތިހުރީ މިހުރިހާ ކަމެއް އެނގޭނެހާ ބޮޑުވެފަ.. މަންމަ ގުޅީމަ ފޯނު ނުނަގާ.. މަންމައާ ގުޅުން އެއްކޮށް ހީނަރު ވެގެން ދިޔައިރު، މަންމައަށް އަސްލު ސަބަބެއް ނޭނގުން.. އެކަމު މިހާރު އެނގޭ.. ދަރިފުޅަށް މިހާރު ހުރިހާ ކަމެއް ވެސް އެނގޭނެ.. މަންމަ ކިޔާދޭކަށް ނުޖެހޭނެ.. މަންމަ މިއަދު ދަރިފުޅު ގާތުން މާފަށް އެދެން.."
ނަޒީރާގެ ގިސްލުމުގެ އަޑުން ސުހާގެ ހަރު ހިތް މަޑުވަމުން ދިޔައެވެ. ސުހާ ވެސް ކޮޅަށް ތެދުވެއްޖެއެވެ.
"ދަރިފުޅާ! މަންމަ މިހުރިހާ ކަމެއް ކުރީ ދަރިފުޅުގެ މުސްތަޤުބަލަށްޓަކާ.. ދަރިފުޅަށްޓަކާ.. މަންމަގެ ނަޒަރުގަ އޭރު ވާރިޝްއަކީ އަޚްލާޤު ރަނގަޅު ކުއްޖެއް ނޫން.. ވަޒީފާ އަކަށް ނުދާ، އުޅުމެއް، ޢާއިލާއެއް ހުރި ކުއްޖެއް ނޫން.. އަތުގަ ފައިސާއެއް ހުރި މީހެއް ނޫން.. މަންމަ ބޭނުންވީ ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ހޯދަ ދޭން.. ދަރިފުޅު އުފަލުގަ ބަހައްޓަން.. ފައިސާ އާއި ލޯބި ދަރިފުޅަށް ހޯދަ ދޭން.. އެހެންވެ މަންމަ އެގޮތަށް ކަންތައް ކުރީ.. މަންމަ ހީކުރީ ދެން ދުވަހަކުވެސް، ދުވަހަކު ވެސް، ދަރިފުޅާ ވާރިޝްއާ ދިމާ ނުވާނެކަމަށް.. އެކަމު އެހެނެއް އެކަމެއް ނުވި.. ތަޤުދީރު ނިޔާ ކުރީ މަންމައާ ދެކޮޅަށް.. ހީވެސް ނުކުރާ ގޮތަކަށް.."
ނަޒީރާ މޫނުމަތީގައި އަތް އަޅާ އޭނާ ރޯން ފެށިއެވެ. ކުށްވެރިއެއް ފަދައިންނެވެ.
"މަންމާ.."
ސުހާ ހުއްޓުނީ ނަޒީރާގެ ކުރިމަތީގައެވެ. އެވަގުތު ސުހާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ނަޒީރާ އޭނާގެ މޫނުމަތިން އަތް ނަގާލިއެވެ.
"މަންމާ.. މިއަދު މަންމަ ތިހުރީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާފަ.. އަހަރެން ވާރިޝްއަށް ޓަކާ ވީ ޤުރުބާނީ އެންމެ ގާތުން ބެލި މީހަކީ ތީ.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައިރު މަންމަ އަހަންނަށް އެހީވާން އުޅުން އިރު، އަހަންނަށް ނޭނގެ އެ އަނިޔާ އަހަންނަށް ދިނީ މަންމަ ކަމެއް.. އަހަރެން ވިސްނާ ވިސްނާ، ބަލިކަށިވެގެން.. ދުނިޔެމަތީން ފޫހި ވި އިރު، މަންމަ އިނީ އަހަރެންނަށް ހިތްވަރު ދޭން... އަދި އެވެސް އަހަރެންގެ މުޅި ޙަޔާތް ބިކަކޮށްފަ.. އަހަރެން މުޅި ދުނިޔެ މަތީން ފޫހިވެ، ލޯބި އެއީ އަހަރެންނަށް ބިރުވެރި ބަހަކަށްވެ، އަހަރެން ނަފުސާނީ ކޮށްލި މީހަކީ ހަމަ ތީ އެއްނު މަންމާ.. ކީއްވެ އަހަރެންނަށް އެވަރުގެ ބޮޑު އަނިޔާއެއް.. ކީއްވެ މަންމާ؟ ބުނެބަލަ ކީއްވެތަ؟"
ސުހާ ރޮމުން ވެއްޓިގަތީ ނަޒީރާގެ ފައިދަށަށެވެ. ނަޒީރާގެ ހިތުގާ ވަރަށް ބޮޑަށް ޖެހިއްޖެއެވެ. ނަޒީރާ ދެލޯ މަރާ ބާރުކޮށްލިއެވެ.
"މަންމަ ހީކުރީ ދަރިފުޅަށް އުފާވެރި ޙަޔާތެއް ލިބޭނެ ކަމަށް.. މަންމައަކަށް ނޭނގެ ދަރިފުޅަށް އެހެން ވާނެ ކަމެއް.. ދަރިފުޅަށް އެނގޭތަ؟ ދަރިފުޅު ބަލި ވެގެން މަންމަ ގުޅިން ވާރިޝްއަށް ވެސް.. އެކަމު ވާރިޝްގެ ނަމްބަރަކަށް ނުވެސް ގުޅޭ! މަންމައަށް ދަރިފުޅު ތިވަރަށް ލޯބިވާ ކަމެއް ނޭނގުނީ.. މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ.. މަންމަ ބޭނުމެއް ނޫން ދަރިފުޅަށް ދެރައެއް ލިބޭކަށް.. މަންމަ ބޭނުން ވަނީ ދަރިފުޅު އުފަލުގަ ބަހައްޓަން.. ދަރިފުޅު މިހާރު ތިހުރީ އުފާވެރި ދިރިއުޅުމެއްގަ އެއްނު؟ އަޔާޒް ވަރަށް ރަނގަޅެއްނު؟ އަނެއްކޮޅުން ދަރިފުޅު މަންމަ އަކަށް ވަނީ.. ވާރިޝް ވެސް މީހަކާ އިނދެގެން ދަރިއަކު ލިބެނީ.. ތީ މިހާރު އެއް ޢާއިލާއެއްނު؟ މަންމައަށް މާފުކޮށްފަ ކުރިން ވީ ކަމެއް ވީ ކަމަށް ހަދާފަ ދަރިފުޅު ތި ޙަޔާތުގަ ކުރިއަށް ދާންވީނު؟ ދަރިފުޅު ވެސް އަޔާޒް ދެކެ ލޯބިވެ އެއްނު؟ ދަރިފުޅު ވެސް ދެން ދަރިފުޅަށް ތި ލިބެން އުޅޭ ކުޑަ ކުޑަ ބޭބީގެ ބައްޕައާ ވަކިވާކަށް ބޭނުމެއް ނުވާނެއްނު؟ މަންމަ ދެން ދުވަހަކުވެސް ދަރިފުޅުގެ އުފަލަކަށް ހުރަހެއް ނާޅާނަން.. މާތް ﷲ ގަންދީ ހުވާ ކޮށްފަ މިބުނީ.. ދަރިފުޅުގެ ކޮންމެ އުފަލަކަށް މަންމަ މަރުޙަބާ ކިޔާނަން.."
ނަޒީރާ އޭނާގެ ވާއަތުން އޭނާގެ ނޭފަތުން ފޭބި ފެންތައް ފޮހެލިއެވެ. އޭރު ވެސް ނަޒީރާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ.
ސުހާ ފަހަތަށް ފިޔަވަޅެއް ނަގައިލިއެވެ. ނަޒީރާއަށް ބަލަހައްޓައިގެން ހުރެގެންނެވެ.
"މަންމާ.. އަހަންނަށް މާފު ކުރޭ!"
ސުހާގެ ޖުމުލައާ އެކުގައި ނަޒީރާއަށް ހައިރާން ކަމެއް ލިބުނެވެ.
"މަންމަ ދަސްކޮށް ދިން އެއްވެސް ރީތި އާދައެއް، އަހަރެންގެ ގައިގަ މިހާރަކު ނެތް... އަހަރެން މީ މުޅިން އެހެން ސުހާއެއް.. މަންމައަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. މަންމަ އަހަރެންގެ ކޮންމެ އުފަލަކަށް މަރުޙަބާ ކިޔަންޏާ، މަންމަ ޖެހޭނީ މަޑުން ހުންނަން.. ފެންނަ ހުރިހާ ކަމެއް، ޙަޤީޤަތް ސިއްރު ކުރަން.. އަހަރެން އަދިވެސް.. އަދިވެސް ލޯބި ވަނީ ވާރިޝް ދެކެ.."
ސުހާގެ ވާހަކަތަކުން ނަޒީރާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ.
"އަހަރެންނަށް އަޔާޒްގެ ފަރާތުން ލޯތްބެއް ނުލިބޭ! އެކަމު އަޔާޒް ގޯހެއް ނޫން.. އަހަރެން އަޔާޒަށް ލޯބި ދޭން އަޒުމު ކަނޑައެޅިތަނާހެން ވާރިޝް އައީ.. ދެން ހުރިހާ ކަމެއް އެނގުނީ.. ވާރިޝް ވެސް ލޯބި ވަނީ އަހަރެން ދެކެ.. އަހަރެން ވެސް ލޯބި ވަނީ ވާރިޝް ދެކެ.."
ސުހާގެ ވާހަކަ ތަކުން ނަޒީރާގެ ހިތަށް އުނދަގޫ ވާން ފެށިއެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، ނަޒީރާ ޖެހިގަތީ ކޮޓަރީ ފާރަށެވެ.
"އާނ! މަންމާ.. އަހަރެން ބޭނުމެއް ނޫން މި ދަރިފުޅުގެ ބައްޕައާ ވަކިވާކަށް.." ސުހާ އޭނާގެ ބަނޑުގައި ފިރުމާލިއެވެ.
"އެއީ މި ދަރިފުޅުގެ ބައްޕަ އަކީ.. މި ދަރިފުޅުގެ ބައްޕަ އަކީ އަޔާޒް އެއް ނޫން.. މީ ވާރިޝްގެ ދަރިއެއް.."
ނަޒީރާގެ ކަންފަތުގެ ހިނދުރީގައި ޖެހުން ބަސް ތަކުން ނަޒީރާގެ މެޔަށް ކުއްލި ތަދެއް އަރައިގަތެވެ. ހަމަ އެއާ އެކުގައި ނަޒީރާ ހުރި ތަނަށް ވެއްޓުނެވެ. ސުހާ ދުވެފައި ގޮސް ނަޒީރާގެ ގާތުގައި އިށީންނެވެ.
"މަންމާ.."
ސުހާ އޭނާގެ އަތުން ނަޒީރާގެ ހަށިގަނޑުގައި އަތް ޖައްސާލިއެވެ. އަދި ދެލޯ ބޮޑު ކޮށްގެން ސުހާ ބަލަން އިނީ ނަޒީރާގެ މޫނަށެވެ. ނަޒީރާގެ އެއްވެސް ހަރަކާތެއް ނެތުމާއި، ނޭވާ ވެސް ނުލާތީ ސުހާ އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަތެވެ. (ނުނިމޭ)
މިހާރު އެބަ ރަނގަޅުވޭ