ތައިލެންޑު ސަފީރުކަމަށް ފުއާދު އައްޔަންކުރަން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައިލެންޑުގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ފުއާދު ތައުފީގުގެ ބަޔޮގްރަފީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެދުމަށް އަރުވަނީ

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

ތައިލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ފުއާދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ކޮމިޓީއަށް އޭނާގެ ނަންފުޅު ފޮނުވި އެވ. 

މި މަހުގެ ތިންވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވަނީ ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރުމަށް އޭނާގެ ކިބައިގައި ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމާވަކަން ކަށަވަރުކުރުމަށް އެކި އިދާރާތަކުން ހޯދަންްޖެހޭ މައުލޫމާތުތައް ހޯދުމުން އޭނާަގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ފުއާދަކީ ސްޓެޓިސްޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެކި ދާއިރާތަކުގައި ސަރުކާރަށާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ފުއާދުވަނީ ކުރައްވާފަ އެވެ. އަދި ވަރަށް އުދަގޫ ހާލަތްތަކުގައިވެސް ވަރަށް ސާބިތުކަމާއެކު ހިދުމަތްކުރެއްވުމުގެ ދިގު ރެކޯޑެއް ފުއާދުގެ އޮވެ އެވެ.

އެގޮތުން ފާއިތުވި ރިޔާސީ އިންތިހާބާއި އޭގެ ކުރިން އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އެ ޕާޓީ ދެފަޅިވެގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އިންތިހާބުގެ ހުރިހާ ކަމެއް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގައި ފުއާދުގެ ދައުރު ވަރަށް ބޮޑެވެ.

އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއި އެ ދުވަސްވަރު ކުރިމަތިލައްވަންޖެހުނު ޕްރެޝަރުތަކާއި އެއިރުގެ ސުޕްރީމް ކޯޓުން އޭނާއާމެދު ފިޔަވަޅުއެޅުން ފަދަ ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފުއާދު ތަޖުރިބާކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ފުއާދުގެ ދައުރު ހަމަވީ ނޮވެންބަރު 24 ވަނަ ދުވަހު އެވެ. އޭނާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އީސީގެ ދައުރު ހަމަވި ދުވަސް ނޫން އަނެއް ދުވަހު އެވެ.

ތައިލެންޑަށް ރާއްޖެއިން ކަނޑައަޅަފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރަން ފެންނަކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރީ އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު މަޖިލީހުގައި އޭނާއަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ. 

ވޯޓަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވަނީ ފުއާދަށް، މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި މަރުހަބާ ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.