އެފްއެސްއެމްގެ ތެރެއިން ތެލުގެ ވައްކަން މިހާރުވެސް ހިނގަމުންދާކަމަށް މަޖިލީހުގެ ނައިބުރައީސް ނާޒިމު ކުރެއްވި ތުހުމަތާއެކު އެސްޓީއޯގެ ބޯޑު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފި އެވެ.
މިހާރުވެސް ތެލުގެ ވައްކަންތައް ސަރުކާރު ކުންފުނިތަކުގައި ހިނގަމުން އަންނަކަމަށް މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމު ތުހުމަތުކުރައްވައި މާލިއްޔަތު ކޮމިޓީއަށް އެސްޓީއޯގެ ބޯޑުގެ މެންބަރުން ހާޒިރުކުރަން ހުށަހެޅުއްވުމުން ކޮމިޓީން އެގޮތަށް ނިންމަައިފި އެވެ.
އެމްޕީއެލް އަދި އެފްއެސްއެމް ތެރެއިން ހިންގާފައިވާ ތެލުގެ ވައްކަމާ ގުޅޭ އޮޑިޓު ރިޕޯޓު ދިރާސާކޮށް އެ ރިޕޯޓާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް އޮޅުންފިލުވުމަށް މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޒިމު ވިދާޅުވީ މިހާރުވެސް ތެލުން ވައްކަންކުރުމުގެ މައްސަލަތައް ހިނގަމުން އަންނަ ކަމަށެވެ. އަދި ތެލުގެ ވައްކަންތައް ހިންގަނީ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔާދާ ހަވާލާދެއްވައި ނާޒިމު ވިދާޅުވީ ދާދިފަހުންވެސް އެފްއެސްއެމްގެ ތެޔޮ ޓޭންކަރަކުން އެމްޓީސީސީގެ ބާޖަކަށް 35،000 ލީޓަރުގެ ތެޔޮ އެޅިކަމަށް ބިލުކޮށްފައިވާއިރު، އެ ބާޖަށް އެންމެ ތެޔޮ ފޮދެއްވެސް އަޅާފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ބާޖުގައި ތިބި މުވައްޒަފުންނާއި އެފްއެސްއެމްގެ ތެޔޮ ޓޭންކުގައި ހަރަކާތްތެރިވި މުވައްޒަފުންވެސް ދެނެގަނެވިފައިވާކަމަށް ނާޒިމު ވިދާޅުވި އެވެ.
އޭގެ އިތުރަށް ފާއިތުވި ހަފުތާގައި މީޑިޔާއަށް ފެންމަތިވެފައިވާ ތެލުގެ ވައްކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި ނާޒިމު ވިދާޅުވީ މި މައްސަލައަކީ އެފްއެސްއެމްގެ ބޯޓުތަކުގެ ކެޕްޓަނުންނާ ހަމައިން ފެށިގެން އެ ކުންފުނީގެ މެނޭޖުމެންޓުގެ އިސްވެރިންނާ ހަމައަށް ވާސިލުވާ މައްސަލައެއް ކަމަށެވެ.
މި މައްސަލައަކީ ކުންފުނީގެ އެންމެ ދަށުން ފެށިގެން ގޮސް އެންމެ މައްޗާ ހަމައަށް މޫލާފައިވާަ މައްސަަލައެއްކަަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހުން ފަޅާއެރި ތެލުގެ ވައްކަމުގެ މައްސަލަ ތަހުގީގުކުރީ އެ ކުންފުނީގެ އޮޑިޓު ކޮމިޓީން ކަމަށާއި، އެ ތަހުގީގުގައި އެފްއެސްއެމްގެ އެމްޑީ ސުހައިލަށްވެސް ތުހުމަތުވުމުން މަގާމުން ވަކިކުރަން ނިންމުމުން އިސްތިއުފާދެއްވި ކަމަށެވެ.
"މި މައްސަލަަ ތަހުގީގުކުރީ އެސްޓީއޯ ބޯޑުގެ އޮޑިޓު ކޮމިޓީގެ ފަރާތުން. އޮޑިޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އެ ކުންފުނީގެ އެންމެ މަތީގައިވެސް މި މައްސަލަ އުޅޭކަމަށްވެސް ނިންމައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްތިއުފާދެއްވަން ނިންމެވިކަމަށްވަނީ،" ނާޒިމު ވިދާޅުވި އެވެ.
"މިއީ ހަމަ ރޭވިގެން އެފްއެސްއެމްގެ އެންމެ މަތިން ތިރިއާ ހިސާބަށް ބޯޓުތަކުގެ ކެޕްޓަނުންނާ ހަމައިން މެނޭޖުމެންޓާ ހަމައަށް މޫލާފައިވާ މައްސަލައެއް،"
ނާޒިމު ވިދާޅުވީ އެސްޓީއޯއިން ބެލި ބެލުމުން އެފްއެސްއެމްގެ ހިޔާނާތަކީ 50 މިލިއަން ރުފިޔާގެ ހިޔާނާތެއްކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން ކުންފުނީގެ އެމްޑީ މަގާމުން އިސްތިއުފާ ދިނުމަކުން މައްސަލަ ނުނިމޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމު އިތުރަށް ވިދާޅުވީ މިހާރު ބައެއް ކުންފުނިތަކާ މުއާމަލާތްކުރަން އިންވެސްޓުކުރަން ޖެހިލުންވާ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކާ މިހާރު މުއާމަލާތްކުރެވެނީ އަދި އެ ކުންފުނިތަކުން މަޝްރޫއެއްވެސް ހޯދެނީ ޖިޒީ ދައްކައިގެން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އެސްޓީއޯ ބޯޑުގެ މެންބަރުން އިތުރުން އެ ކުންފުނީގެ އޮޑިޓު ކޮމިޓީގެ މެންބަރުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަންވަނީ ފާސްކޮށްފަ އެވެ. އަދި އެމްޕީއެލްގެ ތެލުގެ ހިޔާނާތުގެ މައްސަލާގައި އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވުމަށް އެ ކުންފުނީގެ ބޭފުޅުން ހާޒިރުކުރަންވެސް ނިންމާފައިވެ އެވެ.