ނާޒިމުގެ ބޮޑު ތުހުމަތެއް؛ އެއާޕޯޓުގެ ކުނި ނެގުމާ ގުޅިފައި އޮތީ މަސްތުވާތަކެތި

ނާޒިމު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ކުނި ނެގުމުގެ މަސައްކަތާ ހަވާލުވާން ބޭނުންވެގެން މިހާރު އުޅެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް

އެއާޕޯޓުގެ ކުނިނެގުން ބޮޑު އަގުގައި ވަކި ކުންފުންޏަކާ ހަވާލުކުރި މައްސަލަ ގުޅިފައި އޮތީ މަސްތުވާތަކެއްޗާކަމަށް މަޖިލީހުގެ ނައިބުރައީސް އަަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ތުހުމަތު ކުރައްވައިފި އެވެ. 

މަސްތުވާތަކެތީގެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުން ގެންގުޅޭ ވިސްނުމާއި އުކުޅުތައްވެސް ވަރަށް ބޮޑަށް ތަރައްގީވެފައިވާ ކަމަށެވެ. އޭގެ ބައެއް މިސާލުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ދާދިފަހުން ރާއްޖެއަށް ކުރިއާ މެދުވެރިކޮށް ގެނައި މަސްތުވާތަކެތި ބަލައި ބަލިމީހަކު ފޮނުވި ފޮނުވުމާއި ސްޕީކަރެއްގެ އެތެރޭގައި ބަންދުކޮށްގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް ކުރި މަސައްކަތުގައި ކަން ކުރި ގޮތެވެ. 

އެގޮތުން ސްޕީކަރު އެތެރެކުރުމަށް ފައިސާ ދެއްކީވެސް އޭޓީއެމްއެއް މެދުވެރިކޮށް މޫނު ނިވައިކޮށްގެން ހުރި މީހެއްކަން ނާޒިމު ފާހަގަކުރެއްވި އެވެ. އަދި އެ ޕެކޭޖު އައުމުން އެއާ ހަވާލުވާން ދިޔަ މީހާ ގޮސް ތަން ބަލައިލުމަށްފަހު އެއާ ހަވާލުނުވުމުން އެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާކުރެވޭ ގޮތް ނުވިކަން ފާހަގަކުރެއްވި އެވެ. 

އިތުރު މިސާލެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވީ އެއާޕޯޓަށް ބޭރުން އަންނަ ދާގީނާގެ ތެރެއިން މަސްތުވާތަކެތި ހުންނަ ލަގޭޖު ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކޮށް، އެތަނުގައި ހުންނަ ބެލްޓަށް އެރުވުމަށްފަހު ސްކޭން ނުކޮށް ބޭރުކުރަމުން އައި އައުމެވެ. އޭނާ ވިދާޅުވީ މިހާރު އެ ރިންގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. 

ނަމަވެސް މިހާރު އިވެމުންދާ އެއާޕޯޓުގެ ކުނި އުކައިލުމުގެ މައްސަލައާވެސް ގުޅިފައި އޮތީ މަސްތުވާތަކެއްޗާ ކަމަށް އޭނާަ ތުހުމަތުކުރެއްވި އެވެ. ނާޒިމު އިޝާރާތްކުރެއްވި މައްސަލައަކީ ދުވާލެއްގެ މައްޗަށް 250،000 ރުފިޔާއަށް އެއާޕޯޓުގެ ކުނި އުކައިލުން އައި އެންޑް ސީ ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެކެވެ. 

އެ ކުންފުނިން އެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ދުވާލެއްގެ މައްޗަށް 230،000 ރުފިޔާއަށް ބެލީޒާ ޕްލަސް ކިޔާ އެހެން ކުންފުންޏަކާ އޮތީ ހަވާލުކޮށްފަ އެވެ. އެ މައްސަލަ މީސްމީޑިޔާގައި ފެންމަތިވެފައިވަނިކޮށް އެމްއޭސީއެލުންވަނީ އެއާޕޯޓުގެ ކުނި އުކާނެ އެހެން ކުންފުންޏެއް ހޯދުމަށް ބީލަމަށް ހުޅުވައިލާ އިއުލާނުކޮށްފަ އެވެ. 

ނާޒިމު ތުހުމަތުކުރެއްވި ގޮތުގައި މި މައްސަލަ ގުޅިފައި އޮތީ މަސްތުވާތަކެއްޗާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސޫޓް ކޭސްތަކުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ބަދަލުގައި ދެން މަސްތުވާތަކެތި ފެންނާނީ ގޮނޑުންނެވެ. އެތަނުން ހޮވައިގެން އެތަކެތި ރާއްޖެއަށް އެތެރެކުރަން މަގުފަހިކުރާނެ ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ. 

"ދާދި ފަހުން އަޅުގަނޑުމެންނަށް އިވިގެން އެބަދޭ އެއާޕޯޓުގެ ކުނި އުކައިލުމުގެ މައްސަލައެއްގެ ވާހަކަ ވެސް އާދެ، އެ ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ ޑްރަގްސްގެ މައްސަލަ އާ، ޑްރަގްސް އެތެރެ ކުރަން ބޭނުންވާ މީހުން ބޭނުންވަނީ އެއާޕޯޓުގެ ކުނި އުކައިލުމާ ވެސް މިހާރު ހަވާލުވާން،" ނާޒިމު ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.