ޑޮލަރު މާރުކުރުން ލާޒިމުކުރާ ބިލު މަޖިލީހަށް ހުށަހެޅިއިރު އެމްއެމްއޭއިން އެބިލަށް ހިޔާލު ހޯދުމަށް ހުޅުވައިލިއިރު އޮތް ގޮތަށް ބައެއް ބަދަލުތައް ގެނެސް ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އާމްދަނީގެ 20 އިންސައްތަ މާރުކުރެވިދާނެކަމަށް ލިޔެފައިވޭ
ބޭރު ފައިސާ މާރުކުރުން ލާޒިމުވާ ގޮތަށް އެކުލަވައިލި ބޭރު ފައިސާގެ ބިލަށް ބައެއް އިސްލާހުތައް ގެނެސް، ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރެވޭ ގޮތަށް ބިލު ފަރުމާކޮށް މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކާ ބެހޭ އުސޫލުތައް ބަޔާންކުރާ މި ބިލުގައިވާ ގޮތުން ރާއްޖޭގައި ކުރެވޭ ހުރިހާ މުއާމަލާތްތަކެއް ހިންގަންވާނީ ރުފިޔާއިންނެވެ. ނަމަވެސް ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ބައެއް ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި، މާލީ އިދާރާތައް ފިޔަވައި އެހެން ވިޔަފާރިއަކުން ވިއްކާ މުދަލާ ހިދުމަތަށް މާލީ އަހަރެއްގެ ތެރޭގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓަކަށް ޖަމާކުރަންޖެހޭނެ އެވެ.
އަދި އެ ގާނޫނުގެ ދަށުން ވިޔަފާރިތަކުން މީރާއަށް ހުށަހަޅާ ހިސާބުތަކާއި ލިޔެކިޔުންތަކުގެ މައުލޫމާތު އެމްއެމްއޭއަށް ލިބިގަތުމުގެ ބާރުވެސް ދީފައިވެ އެވެ.
އަދި މި ބިލުގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓު ވިޔަފާރިތައް ދެ ކެޓަގަރީއަށް ބަހާލައި، ފުރަތަމަ ކެޓަގަރީގައި ރިސޯޓުތައް އެކަނި ހިމަނާފއިވެ އެވެ. ދެވަނަ ކެޓަގަރީގައި ޓޫރިސްޓު ހޮޓާތަކާއި ގެސްޓުހައުސްތަކާއި ޓޫރިސްޓު އުޅަނދުތައް ހިމަނާފައިވެ އެވެ.
ރިސޯޓުތަކުން އެތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ އެވެ. ނުވަތަ އެ ވިޔަފާރިއަކަށް އެ މަހަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރެވިދާނެ އެވެ. އެ ފައިސާ މާރުކުރަންޖެހޭނީ ކޮންމެ މަހެއްވެސް ނިމުމުން ޖެހިގެން ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.
ދެވަނަ ކެޓަގަރީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް އައި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ އެވެ. އަދި 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން މާރުކުރަންޖެހެނީ އެ ވިޔަފާރިއަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ އެވެ.
ބިލު ފުރަތަމަ މާރުކުރިއިރު ޑޮލަރު މާރުކުރަންޖެހޭ ޓޫރިޒަމް ނޫން އެހެން ދާއިރާތަކުގެ ވިޔަފާރީގެ ގޮތުގައި އޮތީ އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޭރު ފައިސާއިން ލިބޭ ކުންފުނިތަކެވެ. އެ އަދަދު ދަށްކުރުމާއެކު ޑޮލަރު މާރުކުރަންޖެހޭ ވިޔަފާރިތައް އިތުރުވާނެ އެވެ.
މިހާރު މާރުކުރުމުގެ ކަންކަނަް ކުރަނީ އެމްއެމްއޭއިން އެކުލަވައިލާފައިވާ ބޭރު ފައިސާގެ ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދުގެ ދަށުން ރިސޯޓު ކެޓަގަރީގައި ހިމެނޭ އެސްޓަބްލިޝްމެންޓުތަކުން ކޮންމެ މަހަކުވެސް އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހެ އެވެ. އަދި މިހާރު ރިސޯޓުތަކާ އެއް ކެޓަގަރީގައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސްތަކާއި ސަފާރީތައް ހިމެނެ އެވެ.
އައު އުސޫލާއެކު 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި ވިޔަފާރިތަކުން ބޭނުންވާނަމަ އެ ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ.