އެއްވެސް ރައްޔިތަކަށް އާސަންދައެއް، ސަބްސިޑީއެއް، ރިޓަޔަމެންޓު ޕެންޝަން ނުކަނޑާނަން: ރައީސް

ރައީސް ވިދާޅުވެފައިވަނީ މިހާރު އެއްވެސް ރައްޔިތަކަށް ލިބޭ އާސަންދައެއް، ސަބްސިޑީއެއް އަދި ޕެންޝަނެއް އުނިނުކުރައްވާނެކަމަށާއި މުސްތަގުބަލުގައި މިހާރަށްވުރެ އެކަންކަން ރަނގަޅުކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އިގުތިސާދު ރަނގަޅުކުރަމުންގެންދާއިރު އެއްވެސް ރައްޔިތަކަށް ލިބޭ އާސަންދައާއި ސަބްސިޑީ އަދި ރިޓަޔަމެންޓު ޕެންޝަންވެސް ނުކަނޑުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އއ.އަތޮޅާއި ކ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި އެއިރު ސަރުކާރު ހިންގަމުން އައީ ފައިސާ ޗާޕުކޮށްގެން ކަމަށެވެ. 

އިގުތިސާދުގެ އަސާސްތައް ރަނގަޅުކުރެއްވުމުގެ ގޮތުން ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓައިލިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ސަރުކާރު ހިންގަމުން އަންނަނީ އިގުތިސާދުގެ އަސާސްތައް ހަރުދަނާކޮށްގެން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އިގުތިސާދުގެ ބިންގާތައް ހަރުދަނާވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖެ ހިނގަމުން އައި މަގުން ރާއްޖެ ކުރިއަށްގެންދިޔަނަމަ ދިވެހިރާއްޖެ ބަނގުރޫޓުވާނެކަމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އަައިއެމްއެފް) ފަދަ މާލީ އިދާރާތަކުން އޮތީ އަންގާފައި ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުން އެއިރު ރާއްޖެ ހިނގަމުން އައި މިސްރާބު ބަދަލުކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރަށް ކުރެވުނު އެންމެ ބޮޑު ކަމަކީ އަދި ހާސިލުކުރެވުނު ފެންނަން ނެތް އަތްނުލެވޭ އެންމެ ބޮޑު ކާމިޔާބަކީ ބަނގުރޫޓުވުމުގެ ތުންފަތްމަތިން ދިވެހިރާއްޖެ ސަލާމަތްކުރެވުން ކަމަށެވެ. 

އަދި މިހާރު މި އޮތް ހާލަތަށް އާދެވުނީ ދިވެހިރާއްޖެ އިސްކޮށްގެން ހިންގާ ހާރިޖީ ސިޔާސަތުގެ ތެރެއިން އެކުވެރި ގައުމުތަކާ ވަރަށް ގާތް ރަނގަޅު ގުޅުމެއް ގާއިމުކުރެވިގެން ކުރެވުނު މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކަންކަން ކުރިއަށްގެންދާނީވެސް އެ މަގުން ކަމަށެވެ. 

އިގުތިސާދު ރަނގަޅުކުރަމުންދާއިރު ރައްޔިތުންނަށް ލިބެމުންދާ އާސަންދަ އަދި ސަބްސިޑީއާއި ރިޓަޔަމެންޓު ޕެންޝަަން ފަދަ ކަންކަން އުނިނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ 2026 ގައި އިތުރު މުވައްޒަފުންގެ މުސާރަތައްވެސް ބޮޑުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

"މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް، އާމްދަނީ އިތުރުކޮށްދިނުން. ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ގައުމަށް އިގްތިސާދީ ގޮތުން ތަރައްގީ ގެނެސްދެމުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްދިއުން. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ 

"އެއްވެސް ސަބްސިޑީއަކަށް މިހާރު ލިބިމުންދާ އެއްވެސް ކަމަކަށް އުނިކަމަކަށް ނާންނާނެ. އޭގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ކުރަމުންދާ ހޭދަތައް ހުއްޓައިލައި އުނިކުރަމުންދާނެ،" 

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރުވެސް މި އަހަަރެކޭ އެއްފަދައިން ރަމަޟާން މަހު ކަރަންޓާއ ފެން ބިލުގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި ރައީސްވަނީ ހުރިހާ ގެއަކަށް މަސްދަޅު ކޭހެއް ރޯދަ މަހު ހަދިޔާކުރައްވަންވެސް ނިންމަވާފަ އެވެ. 

ސަބްސިޑީ ނިޒާމު އިސްލާހުކުރުމާއި އާސަންދައަށް ބައެއް ބޮޑެތި ބަދަލުތައް ގެނައުމަކީ ސަރުކާރުން ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާގެ މުހިއްމު ބައިތަކުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ތަންފީޒުކުރަން ހިމަނާފައިވާ ކަަންކަމެވެ. އެ ކަންކަން ތަންފީޒުކޮށްގެން ހަ ބިލިއަނެއްހައި ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި އޮތީ ހިމަނާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.