އޮލިމްޕިކްސްގައި ރާއްޖެއަށް މެޑަލް ހޯދައިދޭނެ އެތްލީޓުން ބިނާކުރުމަކީ އަމާޒެއް: ވަޒީރު ރާފިޢު

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް 15 އަހަރާ 20 އަހަރާ ދޭތެރޭ މިކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވި އަމަލީ މަސައްކަތްތައް ފަށަފައިވާކަމަށް.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ފޮޓޯ: ރައީސް އޮފީސް

ކުރިއަށްއޮތް 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތުގައި ކޮމަންވެލްތް، އޮލިމްޕިކްސް އަދި އޭޝިއަން ގޭމްސްފަދަ އިވެންޓުތަކުން ރާއްޖެއަށް މެޑަލް ހޯދައިދޭނެ އެތްލީޓުން ބިނާކުރުމަކީ ވުޒާރާގެ އަމާޒެއް ކަމަށް ކުޅިވަރާއި ޞިއްޙަތާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވެފައިވަނީ އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ވުޒާރާގެ 52 ހަފުތާގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހިސާބުން ބައިނަލްއަޤުވާމީ ހަރުފަތަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވި، އެކަންކަން ކުރުމުގެ ޢަމަލީ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.

އެގޮތުން މިކަން ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު 6 ކަމެއް ދެނެގަނެވި، 6 ލީޑަރެއްގެ ދަށުން 6 ޓީމެއް އެކުލަވާލާ އެޓީމުތަކުގެ މެދުގައި އެކަންކަން ބަހާލެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު މުޅިން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުޅިވަރާއިބެހޭ ސިޔާސަތުތައް މިހާރަށްވުރެން ހަރުދަނާ ކުރުމަށްޓަކައި ކުޅިވަރާއިބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށަާއި އަންނަ ހަފްތާގެ ތެރޭގައި އެކަމަށް ބަހުސްކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ނިސްބަތުން ގުނާލެވޭ އެންމެ މަތީ ފަންތީގެ އެތްލީޓުން ރާއްޖޭގައި ބިނާކުރުމަށްޓަކައި ހަރަދުކުރާނެ ޤައުމީ ކުޅިވަރު ފަންޑެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވުޒާރާގެ ތަސައްވުރު ހާސިލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ވުޒާރާގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެހެން ފަރާތްތަކާވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ތަޢުލީމާބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާބެހޭ ވުޒާރާ އާޢި އެޗްޑީސީ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ހާލަތު ރަނގަޅުކުރުމަށް އަހަރަކަށްފަހު އަހަރަކު ކުރެވޭނެ ކަންކަން ދެނެގަނެ، އެކަންކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.