އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ އަހަރުގެ ތެރޭގައި، މާފަންނު މަދަރުސާގައި ގްރައުންޑް ފްލޯގައި، ހޯލެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޑަކުދީންނަށް ހާއްސަ އެ ސުކޫލުގައި ހޯލު ހުންނަނީ ތިންވަނަ ބުރީގަ އެވެ. މިއަދު އޮތް ރަސްމިއްޔާތު ހުށައެޅި ތުއްތު ދެ ދަރިވަރުން ވަނީ އެހާ މަތީގައި ހޯލު ހުރުމުން އެ ކުދީންގެ މާމަމެންނާއި ކާފަމެންފަދަ ދުވަސްވީ މީހުންނަށް އެފަދަ ރަސްމިއްޔާތު ތަކުގައި ބައިވެރިނުވެވޭތީ އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އަދި ރައީސްގެ ކިބައިން އެދިވަޑައިގަތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިސްރަށްވެހިންނަށް ވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯގައި، ހޯލެއް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާހައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި އެ ރޮނގުން މުދައްރިސުން ބިނާކޮށް ތަމްރީނު ދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި މަގާމުތަކުގައި އެ ސްކޫލަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
މިހާރުގެ މާފަންނު މަދަރުސާ ހުޅުވުނީ 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މަދަރުސާ އުފެދުނު އިރު ނާސަރީއިން ފެށިގެން ގުރޭޑް ހަޔަކަށް ކިޔަވައި ދިނެވެ. އޭގެ ފަހުން ގުރޭޑް 10ގެ ނިޔަލަށް ވެސް މާފަންނު މަދަރުސާގައި ކިޔަވައި ދީފަ އެވެ.
ނަމަވެސް 2016 ވަނަ އަހަރުން ފަށައިގެން މާފަންނު މަދަރުސާ ހާއްސަ ކޮށްފައި ވަނީ، ނާސަރީ އާއި ޕްރީ ސްކޫލު އުމުރުފުރާގެ ދަރިވަރުންނަށެވެ.