ފިރާގު ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކަށް އެކަށީގެންވާ އަގެއްގައި ޑޮލަރު ނުލިބުމުގެ ސަބަބުން އެއާލައިންތަކަށް ފައިސާ ދައްކަން ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ބޭރުގެ އެއާލައިންތަކުގެ އެޖެންޓުކަން ކުރާ ދިވެހި ކުންފުނިތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިއްޖެ އެވެ.
ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއްގެ ޕެސެންޖަރު ސޭލްސް އެޖެންޓު (ޕީއެސްއޭ) ކަމާއި ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) ކަން ކުރާ އޭސް ޓްރެވަލްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ އެކަށީގެންވާ އަގެއްގައި ޑޮލަރު ނުލިބޭތީ ދިވެހި އެއާލައިން ކުންފުނި ތަކަށް ބޮޑު ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"އެއާލައިން އެޖެންޓުންނަށް އެއާލައިން ކޮމިޝަންގެ ގޮތުގައި މި އިންނަނީ 11-5 ޕަސެންޓް ވަރު. އެކަމަކު ޑޮލަރު ގަންނަން މި ޖެހެނީ ބޭންކް ރޭޓަށްވުރެ 23 ޕަސެންޓް ބޮޑުކޮށް. މިއީ މި މައްސަލައިގެ ސަބަބުން ކުންފުނިތަކަށް ގިނަ ދަތިތަކާ ކުރިމަތިވޭ. އަޅުގަނޑުމެންނަކީ ގިނަ އަދަދެއްގެ އެއާލައިން ގެންގުޅޭ ބައެއް. މިވަގުތުވެސް 85 މިލިއަން ރުފިޔާ [ގާތްގަނޑަކަށް 6-5 މިލިއަން ޑޮލަރު ވަރު] ސްޓަކް ވެފައި އެބަހުރި،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދައިދޭން ސިވިލް އޭވިއޭޝަންގައި ވެސް އެދިފައިވާނެ ކަމަށާ، އުންމީދުކުރަނީ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ. އެކަން ނުވާނަމަ ރާއްޖޭން ޓިކެޓު ވިއްކާ އަގު ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެއާލައިންތަކުން ވެސް އެކްސްޕެކްޓް ކުރާނީ ރާއްޖޭން ޓިކެޓު ތަކެއް ވިކޭނެ ކަމަށް. އެކަން ނުވަންޏާ ވާނެ ގޮތަކީ ގަމަށް ކާގޯ އެއާލައިން އަޅާއިރު ކުރިމަތިވާ މައްސަލަ ނުކުންނާނެ. ގަމަށް ވެސް މި ޖެހެނީ އެއްކޮޅަށް ފްލައިޓް އަޅަން ދެކޮޅުގެ އަގުގަ. ގަމަށް ގޮސް ގެންނާނެ އެއްޗެއް ނޯވޭ. އެ މައްސަލަ މިކަމުގައި ވެސް ނުކުންނާނެ،" ފިރާގު ވިދާޅުވި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މިގޮތުން އެންމެ ބޮޑު ފިޔަވަޅަކީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭ ގޮތަށް މަރުކަޒީ ބޭންކުން ހަމަޖެއްސުމެވެ. އަދި އެކަމަށްޓަކައި ގާނޫނެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.