ނަަމާދަކީ ދުނިޔެވީ ކަންކަން ކުރުމަށްފަހު ކުރާ ކަމަކަށް ހަދައިގެންނުވާނެ: ހުތުބާ

ހުތުބާގައި ބުނީ މިހާރަކަށް އައިސް ދުނިޔެވީ ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ނަމާދާމެދު އިހުމާލުވާކަން ފާހަގަކުރެވޭކަމަށާއި، ނަމާދަކީ މީހާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވާ އިންކަން ނަބަވީ އިރުޝާދުން އެނގޭކަމަށެވެ.

ހުކުރު ނަމާދުގެ ޖަމާއަތެއްގެ ތެރެއިން، ފޮޓޯ: މިހާރު

ނަމާދަކީ އެމީހަކު ކުރަންޖެހޭ ދުނިޔެވީ ކަންކަން ކުރުމަށްފަހު ކުރަން އޮތް ކަމެއްގެ ގޮތުގައި ދެކިގެންނުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފި އެވެ. 

އިސްލާމްދީނުގެ ތަނބަކީ ނަމާދުކަން ފާހަގަކޮށް ހުތުބާގައި ބަޔާންކުރީ އެއީ ކޮންމެ މުކައްލަފެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ އަޅުކަމެއް ކަމާއި، ރަށުގައި ގާއިމުވެ ހުންނަ މީހާއާއި ދަތުރެއްގެ މަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާވެސް ނަމާދުކުރަންޖެހޭނެ ކަމަށެވެ. އަދި ނަމާދުނުކުރެވޭނެ ހަމައެކަނި ހާލަތަކީ ބުއްދި ފިލައިދިއުންކަމަށާއި، އެހެންކަމުން އެ އަޅުކަމަށް ވަގުތު ހުސްކުރަންޖެހޭނެ ކަމުގައި ހުތުބާގައި ބަޔާންކުރި އެވެ. 

"މި މަތިވެރި އަޅުކަމށް އަހަރެމެން ވަގުތު ހުސްކުރަންޖެހެނީ، ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން ކުރާ ކަމެއް ކަމުގައި އެއްވެސް ހާލެއްގައި ދެކިގެންނުވާނެ. އަޅާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައި،" ހުތުބާގައި ބުނެފައިވެ އެވެ. 

ދިވެހިންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކުރާ ބައެއްކަމަށާއި މިހާރުވެސް ގިނަ ދިވެހިންނަކީ އަވަދިނެތި މަސައްކަތުގައި އުޅޭ ބައެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ބުރަކޮށް މަސައްކަތްކުރާއިރު ނަމާދަށް ސަމާލުކަންދެވޭ މިންވަރާމެދު ވިސްނައިލަންޖެހޭ ކަމަށެވެ. 

ހުތުބާގައި ބުނީ މިހާރަކަށް އައިސް ދުނިޔެވީ ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ނަމާދާމެދު އިހުމާލުވާކަން ފާހަގަކުރެވޭކަމަށާއި، ނަމާދަކީ މީހާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވާ އިންކަން ނަބަވީ އިރުޝާދުން އެނގޭކަމަށެވެ. 

ދިރިއުޅުމަށް ކޮންމެ މަސައްކަތެއް ކުރި ނަމަވެސް ނަމާދު ވަގުތު ޖެހުމުން ނަމާދުކުރުމަށް އަވަސްވެގަންނަން ޖެހޭކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި މަސައްކަތުގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ހާޒިރުވާން އުދަގޫވާ މީހުންނަށް އެބަޔަކު ތިބި ތަނެއްގައި ނަމާދުކުރުން ލާޒިމުވާނެކަން ހުތުބާގައި ބަޔާންކޮށްދިނެވެ. 

ނަމާދަށް ރައްކާތެރިވުމަކީ އަމަލުތައް ސީދާވެ ބަރަކާތް ލައްވާނެކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އޭގެ ފުރިހަމަ ގޮތުގައި ނަމާދު އަދާކުރުމަކީ މީހާ ފާހިޝްކަންކަމާއި، މުންކަރާތްތަކުން ދުރުހެލިކޮށްދީ، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، ﷲއަށް ބިރުވެރިވެ ހުޝޫއަތްތެރިވުން ފަދަ ކަންކަން ދަސްކޮށްދޭނެ ކަމެއް ކަމަށެވެ. 

ޒުވާނުންނާއި ފުރާވަރުގެ ކުދިން މިސްކިތްތަކުން ފެންނަ މިންވަރު މަދުކަން ފާހަގަކޮށް ހުތުބާގައި ބުނެފައވަނީ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ނަމާދަށް ފަރުވާތެރިވާ މަންޒަރު ފެނުމަކީ ހިތަށް އުފާވެރިކަން ގެނުވާ ކަމެއް ކަމަށެވެ. 

ކައިރިކައިރީ ގިނަ އަދަދެއްގެ މިސްކިތް ބިނާކުރަމުންދާއިރު މިސްކިތްތައް ފަޅަށް ހުރުމަކީ ބިރުވެތިވާންޖެހޭ ކަމެއްކަން ފާހަގަކޮށް މިސްކިތަށް އަރާ މީހުން މަދުވުމާމެދު ހުތުބާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.