ޕިންޓްރެސްޓުން ވަނީ ދުނިޔޭގެ 10 ގައުމެއްގައި އިރުއޮއްސޭ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. މި ފޮޓޯތަކުން ދުނިޔޭގެ ގިނަ ބަޔަކު އިއްތިފާގުވީ ރާއްޖޭގައި ފެންނަ ފަދަ ގުދުރަތީ އަޖަބު ކުލަތަކެއް އެހެން ގައުމެއްގައި ނުފެނަ ކަމަށެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ އެންމެ ހާއްސަ ވަގުތު ކޮޅަކީ ރާއްޖޭގެ އިއޮއްސޭ ވަގުތާއި އިރުއަރާ ވަގުތެވެ. ރާއްޖޭގެ "ގޯލްޑަން އަވާ" ގެ ގޮތުގައި މި ވަގުތު ކޮޅު ހާއްސަވުމުގެ ނަތީޖާއަކީ ގިނަ ބަޔަކު މި މަންޒަރު ބަލަން އަތިރި މައްޗަށް ނުކުތުމެވެ. ޖައްވުން ރަންކުލަ ފެންނަ ގުދުރަތީ އަޖައިބުން ފުރިގެންވާ މި ވަގުތު ކޮޅަކީ ރާއްޖޭގެ ބަދަލެއް ނުވާ "ސެލިން ޕޮއިންޓް" އެވެ. އެހެންވެ ރާއްޖޭގެ އިރުއޮއްސޭ މަންޒަރުގެ ފޮޓޯތައް ދުނިޔޭގައި މަޝްހޫރުކަން ބޮޑެވެ. މިފަހަރު މިވަނީ އެފަދަ ފޮޓޯއެއް ދުނިޔޭގައި އަނެއްކާވެސް މަޝްހޫރުވެފަ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓްރެވަލް+ ލެޝާ މަޖައްލާގައިވާ ގޮތުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޕިންޓްރެސްޓުން ވަނީ ރާއްޖެއަކީ އިރުއޮއްސޭ މަންޒަރު އެންމެ ރީތިކޮށް ފެންނަ ގައުމުގެ ގޮތުގައި ކަނޑައަޅާފަ އެވެ.
އުފެއްދުންތެރި ހިޔާލުތަކާއި ފޮޓޯތައް ހިއްސާކުރާ ޕްލެޓްފޯމް ޕިންޓްރެސްޓުން ބުނެފައިވާ ގޮތުގައި އެ ޕްލެޓްފޯމުން "ވޯލްޑް ބެސްޓް ސަންސެޓް" ހޮވަން ޝާއިރުކުރި ފޮޓޯތަކުގެ ތެރޭން ދުނިޔޭގެ ގިނަ ބަަޔަކަށް އެންމެ ގަޔާވީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯ އަކަށެވެ.
ޕިންޓްރެސްޓުން ރާއްޖެ އަށް މިވަނަ ދީފައިވަނީ ރާއްޖެއާ ޓޫރިޒަމްގައި ވާދަކުރާ ގިނަ ގައުމުތަކެއްގައި އިރުއޮއްސޭ މަންޒަރުތަކާއި ރާއްޖޭގެ މަންޒަރުތައް ހިމެނޭ ފޮޓޯ ތަކެއް އެ ވެބްސައިޓުގައި ޝާއިއުކޮށްގެންނެވެ. އެ ވެބްސައިޓުގައި ދުނިޔޭގެ 10 ހިސާބެއްގައި އިރުއޮއްސޭ މަންޒަރު ފެންނަ ފޮޓޯތައް ޝާއިއުކުރި އެވެ. މި ފޮޓޯތައް ޝާއިއު ކުރުމުން ނުކުތް ނަތީޖާއަކީ ރާއްޖޭގެ އިރުއްސޭ މަންޒަރު ފެންނަ ފޮޓޯ ބެލިމީހުންގެ އަދަދު ބޮޑުތަނުން އިތުރުވުމެވެ. ރާއްޖޭގައި އިރުއްސޭ މަންޒަރު ފެންނަ ފޮޓޯގަނޑު ކުރު މުއްދެތެއްގެ ތެރޭ 360،000 އަށްވުރެ ގިނަ ފަހަރު ވަނީ ބަލާފަ އެވެ.
ރާއްޖޭގެ މި ފޮޓޯއަކީ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެކެވެ. ރާއްޖޭގެ މި ފޮޓޯއަށް ޕިންޓްރެސްޓުގައި އެއްވަނަ ލިބުނުއިރު ދެވަނަ އަށް އެންމެ ރީތި ފޮޓޯއެއް ކަމަށް ބެލުންތެރިން ނިންމާފައިވަނީ އިންޑޮނޭޝިއާގެ ބާލީ އަށް އިރުއޮއްސޭ މަންޒަރު ފެންނަ ފޮޓޯ އެކެވެ. މީގެ އިތުރުން ދެން ހިމެނެނީ މޮރޮކޯ އާއި ޖަޕާން ފަދަ މަންޒިލް ތަކެވެ.