"ހިދުމަތްދިނުމަށް ބޭނުންވާ މީހުން ވަނީ ތަމްރީން ކުރެވިފައި. އަދި މިކަމަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމް އަދި އެހެނިހެން ފަރުވާވެސް އާސަންދައިން ކަވަރު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފަރުވާ އާސަންދައިން ކަވަރު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން މުޅި ރާއްޖޭގައި ލިބޭނޭހެން ސެޒޭޝަންގެ ހިދުމަތް ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
"ހިދުމަތްދިނުމަށް ބޭނުންވާ މީހުން ވަނީ ތަމްރީން ކުރެވިފައި. އަދި މިކަމަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމް އަދި އެހެނިހެން ފަރުވާވެސް އާސަންދައިން ކަވަރު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތާ ދުރަށް ދިއުމަށް ދޭ ފަރުވާގެ ހިދުމަތް ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކްއިޓްލައިންއެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަންނަ އާދީއްތަ ދުވަހުން ފެށިގެން 1676 އަށް ގުޅައިގެން މި ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ރޭވުންތެރިކަމާއި ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވި އެވެ.
"މުޖްތަމައުގެ ބައިވެރިވުން މިކަމުގައި އިތުރުކުރުމަށްޓަކައި، ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރުން އެހީތެރިވާނެ. އަދި މިގޮތުން އެންމެ ރަގަޅު މަސައްކަތަތަށް ކުރާ ކައުންސިލްތަކަށް އެދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ވޭޕު އެއްކޮށް މަނާކުރުމާ ހަމައަށް ވޭޕުގެ ބާވަަތްތަކުން ނަގާ ޑިއުޓީއާއި ދުންފަތުގެ އެކި އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެޅި އެންމެ މުހިންމު ފިޔަވަޅުކަން ވެސް މިނިސްޓަރު ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.