އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝަހީމު ވިދާޅުވީ 1446 ވަނަ އަހަރުގެ ހައްޖަށް ދިއުމުގެ ޖާގަ ހައްޖު ކޯޕަރޭޝަނުގެ ސިސްޓަމުގެ ތެރެއިން ލިބިފައިވާ އެންމެނަށް އަންނަ އަހަރު ހައްޖުވުމުގެ ފުރުސަަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ނިޒާމުގެ ތެރެއިން އަންނަ އަހަރު ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ލިބިފައިވާ އެންމެނަށް އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމު މިފަދައިން ވިދާޅުވީ އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބުނު ކޯޓާގެ ތެރެއިން ވަކި މިންވަރެއް ސަރުކާރަށް ނަގައިގެން ވަކި ބަޔަކު ގެންދަން އުޅޭކަމަށް މީސްމީޑިޔާގައި ވާހަކަތައް ފެތުރިފައިވާތީ އެކަމަށް ރައްުދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން 200 އަށްވުރެ ގިނަ ކޯޓާ ސަރުކާރަށް ދިނުމަށް ޑރ.ޝަހީމު ކޯޕަރޭޝަނަށް އެންގެވިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެކަމަށް ބާރު ލިބޭނެ އެއްވެސް ހެއްކެއް އާންމުވެފައި ނެތެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝަހީމު ވިދާޅުވީ 1446 ވަނަ އަހަރުގެ ހައްޖަށް ދިއުމުގެ ޖާގަ ހައްޖު ކޯޕަރޭޝަނުގެ ސިސްޓަމުގެ ތެރެއިން ލިބިފައިވާ އެންމެނަށް އަންނަ އަހަރު ހައްޖުވުމުގެ ފުރުސަަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މި އަހަރުން ފެށިގެން ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބޭ ހުރިހާ ކޯޓާއެއް ދެމުން އަންނަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފަސް އަހަރު ތެރޭ 1،000 ފަގީރުންނަށް ދައުލަތުގެ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދިނުމަށް ކޯޓާއިން މިންވަރެއް ސަރުކާރުން ނަގަ އެވެ.
ސަރުކާރުން އަންނަނީ ހައްޖަށް ދިވެހިން ގެންދިއުމަށް ސައުދީ ސަރުކާރުން ދޭ ކޯޓާގެ އަދަދު އިތުރުކުރުމަށް އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ސައުދީގެ ހާރިޖީވަޒީރު ޕްރިންސައ ފައިސަލް ބިން ފަރުހާދު އާލްސުއޫދާ ބައްދަލުކުރެއްވި ކުރެއްވުމުގައިވެސް އެކަމާމެދު މަޝްވަރާކުރެއްވި އެވެ.
މި އަހަރު ސައުދީން ރާއްޖެއަށް ދިނީ 1،150 މީހުންގެ ޖާގަ އެވެ. ބައެއް އަހަރުތަކުގައި އިތުރު 1،000 ކޯޓާ ސައުދީން ރާއްޖެއަށް ދީފައި އެބަހުއްޓެވެ. ނަމަވެސް 2018 ގެ ފަހުން އަދި އިތުރު ކޯޓާއެއް ރާއްޖެއަށް ލިބިފައިނުވެ އެވެ.