ވޯޓަ ތީމް ޕާކް ބިން އަތުލައިފި | މިފަހަރު ބައެއް ހިއްކައިގެން ޒަމާނީ ޕާކެއް

ވޯޓާ ތީމް ޕާކެއް އަޅަން ދިނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ހުޅުމާލޭގެ އެންމެ މުހިންމު ބިން ތަޅުއެޅިފައި އޮންނަތާ އަށް އަހަރަށްފަހު މިވަނީ އާ މަޝްރޫއެއް ފަށަން ތައްޔާރުވެފަ އެވެ.

ކުރިން ތަރައްގީ ކުރަން ފެށި ވޯޓާ ތީމް ޕާކުގެ ކުރެހުމެއް

ހުޅުމާލޭގެ އެންމެ މުހިންމު ބިން ކަމަށްވާ ވޯޓާ ތީމް ޕާކް ހަދަން ފަށައި ހުއްޓިފައިވާ ބިމުގައި ވަރަށް އަވަހަށް "އައިލް އެޑްވެންޗާ ޕާކު" ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު މެލޭޝިއާ ކުންފުންޏަށް 25 މިލިއަން ޑޮލަރުގެ ޕާކެއް ތަރައްގީ ކުރަން ދިން ހުޅުމާލެއިން ފައިބާއިރު ހައިވޭއާ އިންވެގެން އޮތް މުހިންމު ބޮޑު ބިން އެގޮތުގައި އޮންނަތާ ގިނަ ދުވަސްތަކަށްފަހު އެޗްޑީސީ އިން ވަނީ މި ބިން ދީފައިވާ ކުންފުނީގެ އަތުން ނަގައި ތަރައްގީ ކުރަން ފަށަން ނިންމާފަ އެވެ.

އެންޓަޓެއިމަންޓާއި ކުޅިވަރުގެ ޒަމާނީ ވަސީލްތަކެއް ގާއިމް ކުރާނެ މި މަޝްރޫއުގެ މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ވިދާޅުވީ މި ބިން ހަވާލުކޮށްފައިވާ ކުންފުނީގެ އަތުން އެއްބަސްވުން ޓާމިނޭޓްކޮށް އެތަނުގައި އިލް އެޑްވެންޗާ ޕާކު" ގެ މަސައްކަތް ފަށަން ވަނީ ނިންމާފަ އެވެ. އަދި އެކަން ކުރަން އެ ސަރަހައްދުން އިތުރަށް ހިއްކާނެ ކަމަށާ ކުރިއަށް އޮތް އަހަރުތެރޭގައި އެ މަސައްކަތް ފެށިގެންދާނެ އެވެ.

"ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އުންމީދަކީ އެ މަސައްކަތް ފަށައިގަތުން. ފަށައިގަނެ އެތަން ބަދަލުކޮށްލުން. މިހާރު އެތަން ޑިޒައިން ކުރަން އެމްއޯޔޫއެއްގައި ބަޔަކާއެކު ވަނީ ސޮއިކުރެވިފަ. ބައެއް ސަރަހައްދުތަކުގެ އީއައިއޭ ވަނީ ހަދަން ފަށާފަ. އީއައިއޭ ނިމުނުހާ އަވަހަށް ހުޅުމާލޭން ނަގާ ވެލި އަޅައިގެން އެތަން ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ،" ފަޒުލް ވިދާޅުވި އެވެ.

އައިލް އެޑްވެންޗާ ޕާކު - އައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެކެވެ. މިއީ، އާންމު ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ތަފާތު ވަސީލަތްތައް ގާއިމްކުރުމުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިއީ، ޒުވާނުންނަށް މިފަދަ ކަންކަމުން ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވާދަކުރުމުގެ ފުރުސަތު ފަހިވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. މިތަން ހުންނާނީ ބީޗަށް އެކްސެސް ވެވޭ ގޮތަށެވެ. އޭގެ އިތުރުން، މިތަނުގައި ކުދި ފިހާރަތަކާއި، ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެ އެވެ. މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ރަނގަޅު އަސަރު ކުރާނެ އަދި ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވާނެ އެވެ.

ފަޒުލް ވިދާޅުވީ މި މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނީގެ އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލެއް ހޯދަން ސިޓީއެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށާ އެކަން ކުރިއަށްދާނީ ކޯޓް މަރުހަލާގެ ތެރޭންނެވެ.

"އެގްރިމެންޓް ބާތިލް ކުރުމުން ރެންޓުގެ ގޮތުގައި އެބައޮތް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދޭން. އެ ބޭފުޅުން ވެސް އަޅުގަނޑުމެން އަތުން ސީކް ކުރާ ކަންކަން އެބަހުރި. އަދި 500،000 ޑޮލަރު ހޯދަން ކްލެއިމް ކުރޭ. ވަރަށް އަވަހަށް ލީގަލްއިން އެ ކޯޓަށް ވެއްދުމުގެ ޕްރޮސެސް ކުރޭ. އެ ބޭފުޅުންވެސް އިންވެސްޓްމަންޓް ރިކަވާ ކުރަން ސިޓީ ފޮނުވާފައިވޭ،" ފަޒުލް ވިދާޅުވި އެވެ. 

ނުނިމުނު ވޯޓާ ތީމް ޕާކުގެ މަޝްރޫއު

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހަދާ ވޯޓާ ތީމް ޕާކެއް ހަދަން ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ މިރީ ހައުސިން ޑިވެލޮޕްމަންޓް ކިޔާ ކުންފުންޏަކަށް 35 އަހަރަށެވެ. އެޗްޑީސީން ވޯޓާ ތީމް މަޝްރޫއު ހަވާލުކުރީ 13 ޖުލައި 2017ގައި އެއްބަސްވުން ހެދީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއާ އެވެ. އޭގެފަހުން ފެނުނީ 4 ފެބްރުއަރީ 2018ގައި މަޝްރޫއުގެ ހުރިހާ ހައްގެއް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރި ތަނެވެ. އޭގެފަހުން އެ ތަނުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގޮސް ހުއްޓިގެން ދިޔަ އެވެ. އެޗްޑީސީ އިން ވޯޓާ ލެޝާ ކުންފުނީގެ އަތުން އެ ބިން އަތުލީ 22، އޮގަސް 2022 ގަ އެވެ. އެ ކުންފުނިން މި މައްސަލަ ކޯޓަށް ވެއްދި އެވެ. އޭގެފަހުން ފެނިގެން ދިޔައީ އެ ސައިޓުގައި ހުރި މަސައްކަތް ކުރަން ބޭނުންކުރި ވެހިކަލްތައް ވެސް ދަބަރަށް ވެ އެ ސަރަހައްދު ވީރާނާ ވެގެން ދިޔަ އެވެ. އެހެންވެ އެ މަސައްކަތް ކުރި ސައިޓު ސާފު ކުރުމުގެ މަސައްކަތް "ސޭލްސްމަން" ކިޔާ ކުންފުންޏަކަށް ހަވާލުކުރި އެވެ. އެކަމުގެ ތެރޭން ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތި ވެގެން ދިޔަ އެވެ. އެ މަޝްރޫއު މިރީއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބަލައި އޭސީސީ އަށް ހުށަހެޅިއިރު، ބިން ސާފުކުރުމަށް "ސޭލްސްމަން" ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ޝައްކުކުރެ އެވެ. އެހެންކަމުން އެޗްޑީސީ ވަނީ ވޯޓާ ތީމް ޕާކުގެ ކްލިއަރެންސް ޕްރޮޖެކްޓްގެ ރިޕޯޓް ޖުލައި 30، 2019 ގައިި އޭސީސީ އަށް ހުށަހެޅި އެވެ. އެ މައްސަލާގައި އޭރު ބުނެފައިވާ ގޮތުން ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވެ އެވެ. މި ތީމް ޕާކަކާއެކު 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ވެސް ތަރައްގީ ކުރަންވެސް ނިންމި އެވެ. އެތަން ތަރައްގީ ކުރަނީ ދިވެހިންނަށް އެ ތަނުގައި މަޑުކޮށްލެވޭ ގޮތަށް އަދި ހެޔޮ އަގުގައި ކޮޓަރި ހިމެނޭ ގޮތަށް ކަމަށް ކުރިން އެޗްޑީސީއިން އޭރު ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.