ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް މި އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހިމަނފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އެއްތަނެއްގައި ދިރިއުޅެމުން ގެންދާ ހިޔާފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް މިހާތަނަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގައި 32 ލިފްޓް ހަރުކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް މި އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހިމަނފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އެޗްޑީސީއަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކައި ހުރި ފައިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންދާ މައްސަލައިގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެމްޑީޕީ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި ހަރުކުރުމަށް 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.
ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މުޅި ޖުމްލަ މަސައްކަތަށް ހޭދަވާނެ އަދަދު ފަޒުލް ހާމައެއް ނުކުރައްވަ އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހަރުކުރާ ލިފްޓްތަކުގެ ތެރޭން އެއް ލިފްޓަކީ ބަލިމީހުން އަރުވައި ބޭލޭ ގޮތަށް ސްޓްރެކްޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަދި އަނެއް ލިފްޓަކީ އެއްފަހަރާ 14 މީހުންނަށް އެރޭވަރުގެ ބޮޑު ލިފްޓެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ އޭޕްރީލް 2022 ގަ އެވެ. މިތަނުގައި 40،000 މީހުން ދިރިއުޅެ އެވެ. ހިޔާ ފްލެޓުތަކުގައި 25 ބުރީގެ 16 ޓަވަރު ހުރެ އެވެ.