މާލީ ގިނަ އިސްލާހުތަކެއް ތަންފީޒުކުރަން ނިންމާފައިވާއިރު އެ އިސްލާހުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އިސްވެރިއެއްގެ މަގާމު އަދާކުރުމަށް ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް ބޭފުޅަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ.
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ފަށާފައިވާ މަސައްކަތްތައް ވިލަރެސް ކުރުމަށް ރިފޯމް ކޮމިޝަނަރެއް ހޯދުމަަށް އެ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ދައުލަތުގެ މާލީ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމު ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި މި ވުޒާރާގެ ފަރާތުން އިކޮނޮމިކް ރިފޯމު އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމުގެ ޒިންމާތައް ކަމުގައި މިނިސްޓްރީގެ ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ އިގުތިސާދީ އަދި އެސްއޯއީ އަދި މާލީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރުން އެކުލަވއލާފައިވާ ނޭޝަނަލް ރިފޯމް އެޖެންޑާ އެކުލަވައިލާ ތަންފީޒުކުރުމެވެ. އަދި އިސްތިރާޖީ އެޑްވައިސް ދިނުމާއި އަޅަންވީ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީއަށް ބުނެދިނުމަކީވެސް ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.
އަދި އެންމެ ރަނގަޅު ސިޔާސަތުތަކާ އެއްގޮތަށް ގައުމީ ފެންވަރުގެ ސްޓޭކް ހޯލްޑަރުންނާއި އިންޓަނޭޝަނަލް ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމާއި، މެކްރޮއެކޮނޮމިކް އިސްތިގުރާރާއި ވިލުންތެރިކަން އިތުރުކުރުމަށް އެހީތެރިވެ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އޮނިގަނޑުތައް އިސްލާހުކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިއަށްގެންދިއުމަކީވެސް ރިފޯމް ކޮމިޝަނަރުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވެ އެވެ.
މާލީ އިސްލާހުތަކުގެ ތެރެއިން އާންމު ފައިސާ ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާމްދަނީ އިތުރުކޮށް ދައުލަތުގެ ހަރަދުތައް ކޮންޓުރޯލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ކުރިއަށްގެންދިއުމާއި، ދަރަނި މެނޭޖުކޮށް މާލީ ނާޒުކުކަން ކުޑަކުރުމަށް ބޭނންވާ އޮނިގަނޑު އެކުލަވައިލަންވެސްޖެހެނީ ކޮމިޝަނާ އޮފް ރިފޯމްއަށެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ ދާއިރާއިން ފުރަތަމަ ޑިގުރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކުރުމާއެކު ގުޅުންހުރި ދާއިރާއަކުން ދިހަ އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި، ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވައިލާ ތަންފީޒުކުރުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓުގައި ގެންނަން ކަނޑައަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން 11.5 ބިލިއަން ރުފިޔާގެ ފިސްކަލް ޖާގަައެއް އުފެދޭނެކަން ބަޖެޓުން ހާމަވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ގެންނަން ހަމަޖެހިފައިވާ މާލީ އިސްލާހުތައް ދެ ބައަކަށްވަނީ ބަހާލާފަ އެވެ. އެއިން ފުރަތަމަ ބައަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބައެވެ. ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފަސް ފިޔަވަޅެއް އެޅުމަށް ބަޖެޓުގައިވަނީ ހިމަނާފަ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް
ސަބްސިޑީ ނިޒާމު އިސްލާހުކުރުން
އާސަންދަ ނިޒާމު މުރާޖައާކޮށް ދެމެހެއްޓެނެވި ނިޒާމަކަށް ބަދަލުކުރުން
ތެލުގެ އަގު ހެޖްކުރަން ފެށުން
ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތަކުގެ ނިޒާމު އިސްލާހުކުރުން
އެސްއޯއީތައް އިސްލާހުކުރުން
މި ފަސް އިސްލާހު ތަންފީޒުކުރެވުމުން ބަޖެޓުގެ ހަރަދުތަކުން 6.6 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެ އެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތައް މިހާރުވަނީ ނިމިފަ އެވެ.
އެހެންކަމުން އަންނަ އަހަރު މި އިސްލާހުތައް އެކަށީގެންވާ ގޮތެއްގަައި ތަންފީޒުކޮށް ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެ އެވެ.