މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުން އެއްވަނަ ލިބުނު ފޮޓޯގަނޑުން ފެންނަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރެކެވެ.
ދުނިޔޭގެ ގިނަ އަދަދެއްގެ ސައިންޓިސްޓުންނާއި ރިސާޗަރުން ހިމެނޭ ދަ ރޯޔަލް ސޮސައިޓީން މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި ގުދުރަތީ މާހައުލަތުގެ ފޮޓޯ މުބާރާތަކުން އެއްވަނަ ރާއްޖޭގެ ރީތި މަންޒަރަކަށް ލިބިއްޖެ އެވެ.
ގުދުރަތީ މާހައުލުގައި ދިރުން ތަކުގެ ދިރިއުޅުން ފެންނަ ފަދަ ފޮޓޯތައް ނަގައިގެން ހުށަހަޅާ ގޮތަށް މިދިޔަ އޮގަސްޓް މަހު ބޭއްވި މި ބޮޑު މުބާރަތުން އެއްވަނަ ލިބިފައިވަނީ ޖަރުމަނުގެ މެކްސް ޕްލޭންކް އިންސްޓިޓިއުޓް އޮފް އެނިމަލް ބިހޭވިއާގެ ޕޯސްޓްޑޮކްޓާގެ ރިސާޗަރެއް ކަމަށްވާ ފޮޓޯގްރާފަރު އެންޖެލާ އަލްބީ ނަގާފައިވާ ޑްރޯން ފޮޓޯ އަކަށެވެ.
ގުދުރަތީ އަޖައިބު ކުރުވަނި މި މަންޒަފުން ފެންނަނި ތާވަޅު ނުވަތަ މުށިމަސް ގަނޑެއްގެ ތެރެއަށް ކުދި މިޔަރުތަކެއް ވަދެ ޝިކާރަ ކުރަން އުޅޭ މަންޒަރެެވެ. މި ފޮޓޯ މިހާރު ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ.
ސީއެންއެން ފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީގައި މި ފޮޓޯގެ ރީތިކަމުގެ ވާހަކަ ދަނީ ލިޔަމުންނެވެ.
"ދަ ހަންޓް ފްރޮމް އަބަވް" ގެ ނަމުގައި ބައިވެރިވި ކުރި މި ފޮޓޯއާ ބެހޭ ގޮތުން އެންޖެލާ އަލްބީ ބުނެފައިވާ ގޮތުގައި
އޭނާ ފޮޓޯ ނެގިވަގުތު ކުދި މަސް ކާން ހަތަރު މިޔަރު އުޅުނެވެ. އެ މަންޒަރު ނެގިފައިވަނީ އެ މިޔަރުތައް އެންމެ ރަނގަޅަށް އެތުރިވަގުތު ބަލައިގެންނެވެ. އޭނާ ރާއްޖޭގައި ދިރާސާ ކުރަމުން ދިޔައީ މިޔަރުގެ ސުލޫކާ ބެހޭ ގޮތުންނެވެ.
އަލްބީ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަޅުތަކުން އިރުއަރާ ވަގުތާއި އިރުއޮއްސޭ ވަގުތުތަކުގައި މިފަދަ ހިތްގައިމު ރީތި މަންޒަރުތައް ފެނެ އެވެ. އަދި މި ފޮޓޯއިން އެ ފެންނަނީ މިޔަރު ޝިކާރަ ކުރަން ފަޅުތަކަށް ވަންނަ ވަގުތު ކަމަށް އޭނާ ބުނެފައިވެ އެވެ.
މި މުބާރާތުގައި ދެން ވަނަތައް ލިބުނު ފޮޓޯތަކުގެ ތެރޭގައި ކައުނުގެ އާދަޔާ ހިލާފު ހަރަކާތެއް ފެންނަ ފޮޓޯއަކާއި ގްރީން ލޭންޑުގެ އައިސް ގަނޑުމަތީގެ ފޮޓޯއެއްގެ އިތުރުން ގިނަ ފޮޓޯތަކެއް ހިމެނެ އެވެ.