މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހަފުތާ ހޯމަދުވަހު ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލުކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން މީޑިޔާއާ ހިއްސާނުކުރެ އެވެ.
މިއަދު ބާއްވާނެކަމަށް އިއްޔެ އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލުކޮށް ދެން ޖަލްސާއެއް ބާއްވާނީ އަންނަ ހޯމަދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
އާންމު ގޮތެއްގަައި މަޖިލީހުގެ ޖަލްސާތައް އޮންނަނީ ކޮންމެ ހަފުތާއެއްގެ ހޯމަދުވަހާއި، އަންގާރަދުވަހާއި ބުދަދުވަހު އެވެ. އެ އުސޫލުގެ މަތިން އިއްޔެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމުވަނީ މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިއްޔެ ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން އިއުލާނު ކުރައްވާފަ އެވެ.
ނަމަވެސް ރޭގައިވެސް މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުނުކުރާތީ ބައެއް ނޫސްވެރިންވަނީ މިއަދު ޖަލްސާ ނޯންނަނީތޯ މަޖިލީހުގެ އިދާރާގައި ސުވާލުކޮށްފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހަފުތާ ހޯމަދުވަހު ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލުކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން މީޑިޔާއާ ހިއްސާނުކުރެ އެވެ.
މަޖިލީހުގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް ހުރުމާއެކު 30 ނޮވެންބަރުގައި މަޖިލީހުގެ ދައުރު ނިންމައިލުމުގެ ބަދަލުގައި ޑިސެންބަރު 15 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު ދަންމާލައި ޗުއްޓީގެ ތެރޭގައިވެސް މަސައްކަތްތައް ކުރަން މަޖިލީހުންވަނީ ނިންމާފަ އެވެ.
މަޖިލީހުގެ ކޮމިޓީ މަރުހަލާތަކުގައި މުހިއްމު ގިނަ ބިލުތަކެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އަދި މި ދައުރުގައި މުހިއްމު ބައެއް ބިލުތަކުގެ މަސައްކަތް މަޖިލީހުން ނިންމާފައިވެ އެވެ. އެއިން ބައެއް ބިލުތައް މިހާރު ތަސްދީގުކުރެވި އަމަލުކުރަންވަނީ ފަށާފަ އެވެ.