ގުޅިފަޅު ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ދަށަށް ބަދަލުކުރަނީ

އެޗްޑީސީއާއި އެފްޑީސީ އެއްކޮށްލަން ސަރުކާރުން ނިންމާފައިވާއިރު އެފްޑީސީގެ ދަށަށް ގުޅިފަޅު ބަދަލުކުރުމުން އެ ކުންފުނީގެ އެސެޓް ފޯޓްފޯލިއޯ ރަނގަޅުކުރެވި، ފައިސާ ހޯދުމަށް އިތުރު ޖާގަ ލިބޭނެ އެވެ.

ކ. ގުޅިފަޅު

މިހާރު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮތް ގުޅިފަޅު އެ ކުންފުނިން ވަކިކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ. 

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހިއްކައި ތަރައްގީކުރަމުން އަންނަ ގުޅިފަޅު އެފްޑީސީގެ ދަށަށް ބަދަލުކުރުމަށްތކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ލިޔެކިޔުންތައް ބަދަލުކުރުމުގެ މަސައްކަތްކަން އެ ކުންފުނިން ފާހަގަކުރި އެވެ. 

އެފްޑީސީން ބުނި ގޮތުގައި އެ ކުންފުނިންވަނީ ގުޅިފަޅާ ގުޅޭ ގޮތުން ހަދާފައި ހުރި އެއްބަސްވުންތައް މުރާޖައާކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ. 

އެޗްޑީސީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ އެއްބާވަތެއްގެ މަސައްކަތްކުރާ ދެ ކުންފުނިކަމަށްވާތީ އެޗްޑީސީގެ ދަށަށް އެފްޑީސީ ބަދަލުކުރަން ކެބިނެޓުން ނިންމާފައިވެ އެވެ. އެއީ ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ތެރެއިން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަަޅެކެވެ. 

ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މެދު ފަންތިއާއި މަތީ ފަންތި ނުހިމަނައި އަސާސީ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއެއް ހިންގާނެ ކުންފުންޏަކީ އެފްޑީސީ ކަމަށެވެ. 

އެޗްޑީސީން މީގެ ކުރިން ހިޔާ މަޝްރޫއު ފަދަ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގި ނަމަވެސް އެ މަޝްރޫއުތަކުން އެ ކުންފުންޏަށް ފައިދާނުވާކަން ފާހަގަކުރައްވައި ޑރ.ހައިދަރު ވިދާޅުވެފައިވަނީ އެ ސަބަބަށްޓަކައި އަސާސީ ބޯހިޔާވަހިކަމުގެ ހުރިހާ މަސައްކަތްތަކެއް އެފްޑީސީގެ ދަށަށް ބަދަލުކުރެއްވީ ކަމަށެވެ. 

އެފްޑީސީއަކީ ފާއިތުވި ދައުރުގައި އުފެއްދި ކުންފުންޏަަކަށްވާއިރު އެ ކުންފުނީގެ ޕޯޓްފޯލިއޯގައި ހުރި އެސެޓުތައް މަދުވުމުގެ ސަބަބުން ފައިސާ ހޯދައިގެން މަޝްރޫއުތައް ހިންގުމަށް ހުރަސްތަކެއް އެޅިފައިވެ އެވެ. ނަމަވެސް ގުޅިފަޅު އެ ކުންފުނީގެ ދަށަށް ބަދަލުކުުރުމުން އެ މައްސަލައަށް ހައްލެއް ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.