މޫޑީސް އިން ވަނީ ރާއްޖޭން އަޅަމުންދާ ފިޔަވަޅުތަކަށް ރޭޓިން ނެރުމުގައި ވަރަށް ބޮޑަށް ބަލާފަ އެވެ.
ރާއްޖޭން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ބައިނަލްއަޤްވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސް އިން ދިވެހިރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން Caa2 ގައި ދަމަހައްޓައިފި އެވެ. މޫ
ޑީސްއިން ނެރުނު ބަޔާނުގައި ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސް އިން އާންމުކޮށް ޝާއިޢުކުރި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފާއިތުވި މަސްތަކުގައި، ރާއްޖެ އަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއައި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑީސް އިން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.
އެހެން ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ބަޔާންކޮށްފައިވެއެވެ. މޫޑީސް އިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިންގ ކުރިއަށްއޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ދިވެހިރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިންގ ހޯދޭ މިންވަރަށާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.
މޫޑީސް އިން މީގެ ތިން މަސް ކުރިން ވަނީ ކްރެޑިޓް ރޭޓިން ދަށްކުރިއިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އިތުރު އެޖެންސީކަމަަށްވާ ފިޗް ރޭޓިންސްއިންވެސް ދިވެހިރާއްޖޭގެ ރޭޓިންވަނީ ދަށްކޮށްފަ އެވެ. މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ސީއޭއޭ1 އިން ސީއޭއޭ2 އަށެވެ. ދިވެހި ސަރުކާރުގެ ރޭޓިންގެ އިތުރަށް ސަރުކާރުން ކޮވިޑް-19ގެ ތެރޭގައި ދަރަނި އަދާކުރުމަށް މާލީ ބާޒާރުން ފައިސާ ހޯދުމަށް އިޝޫކުރި ސުކޫކު އިޝޫކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ސުކޫކު އިޝުއޭންސް ލިމިޓެޑްގެ ކްރެޑިޓް ރޭޓިންވެސް ދަށްކޮށްފައިވެ އެވެ.
މި ނިންމުން ނިންމާފައިވާ ސަބަބެއްކަމަށް މޫޑީސްއިން ބުނެފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ ހިމަނައިގެންވެސް ރިޒާވް ދަށްކަމަށާއި، ބޮޑުތަކުން ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ ފުރުސަތު އޮތީ ކުޑަކޮށް ކަމަށް މޫޑީސްއިން ބުނެ އެވެ.