"އެއީ އަހަރެންގެ... އެއީ އީމާގެ ފިރިމީހާ.. އިތުރަށް މިކަމާ ނުވިއްޔާ ރަނގަޅު ވާނީ..."
– އެޕިސޯޑް 79 -
ނަޒީރާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. މުޅި މީހާ ހުއްޓުން އަރާފައި ހުރެވުނީއެވެ. ފެނުން މަންޒަރު ޤަބޫލު ކުރާކަށް ނަޒީރާ ބޭނުމެއް ނުވިއެވެ. ދެލޯ ރަނގަޅަށް މަރާލުމަށްފަހު އަނެއްކާ ވެސް ދެލޯ ހުޅުވާ ބަލާލިއެވެ. ނަޒީރާގެ ކުރިމަތީގައި ފެންނަން ހުރީ ވާރިޝް އާއި ސުހާ އެވެ. ވާރިޝްގެ މޫނު މަތިން ކޮންމެ ވެސް ވަރެއްގެ ހާސް ކަމެއް ފެންނަން ހުރި ނަމަވެސް، ސުހާގެ މޫނު މަތިން ހާސް ކަމުގެ ޒައްރެއްގެ މިންވަރު ވެސް ފެންނާކަށް ނެތެވެ.
"ދަރިފުޅާ! މީ ކޮން ކަމެއް؟"
މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނަގަމުން ނަޒީރާ ބަލައިލީ ސުހާގެ މޫނަށެވެ.
"އެއީ އަހަރެންގެ... އެއީ އީމާގެ ފިރިމީހާ.. އިތުރަށް މިކަމާ ނުވިއްޔާ ރަނގަޅު ވާނީ..."
ސުހާގެ ޖުމުލަ އާއެކުގައި ނަޒީރާއަށް ހީވީ ގޭގެ ސީލިންގު ނަޒީރާގެ ބޯމައްޗަށް ވެއްޓިގެން ދިޔަހެންނެވެ.
"ތިހެން ނުވާނެ!" ނަޒީރާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
"ނުވިޔަސް ވިޔަސް، މީ ޙަޤީޤަތް.. ތެދު!" ސުހާ ހިނިތުންވެލަމުން ޖަވާބު ދިނެވެ.
ނަޒީރާއަށް ލިބިފައިވާ ހައިރާންކަން އިތުރު ވެގެން ދިޔައެވެ. ސުހާގެ ވާހަކަތައް ހުރި ގޮތުންނެވެ. މި ވަމުންދާ ގޮތް މަޑުމަޑުން ނަޒީރާއަށް ފަހުމް ވާން ފަށައިފިއެވެ. ސުހާ އާއި ނަޒީރާއާ ދެމެދުގައި އޮތް ގުޅުން ހީނަރު ވެގެން މި ދިޔައީ، މި ސަބަބާ ހުރެގެން ކަމުގައި ނަޒީރާއަށް ވިސްނެން ފެށިއެވެ.
"އަސްތާ! ނަޒީރާ.. އަޅޭ!"
ކޮޓަރީގެ ދޮރު ހުޅުވާލި ޒީމާއަށް ލިބުން ހައިރާން ކަމާއެކުގައި، އޭނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ނަޒީރާގެ ގައިގައި ބައްދާލިއެވެ.
"ނުވެސް ބުނޭ! މިއަދު އަންނަ ވާހަކަ ބުނި ނަމަ އެއްނު، ރަނގަޅު އެއްޗެއް ތައްޔާރު ކޮށްލެވޭނީ ވެސް.."
ޒީމާ އުފަލުން ފޮޅިފައި ހުރެ ބަލައިލީ ނަޒީރާގެ މޫނަށެވެ. ނަޒީރާގެ މޫނު ފެނިފައި ޒީމާ ކުޑަ ކޮށް ހިމޭންވިއެވެ.
"ކިހިނެއްވީ ނަޒީރާ؟ ހާދަ ފުން ވިސްނުމެއްގަ؟ ކަމެއް ގޯސް ވީތަ؟"
ނަޒީރާ އާއި ސުހާގެ މޫނަށް އެއްކޮށް ކަހަލަ ގޮތަކަށް ބަލައިލަމުން، ޒީމާ އަހައިލިއެވެ. އެވަގުތު އެތަނުގައި ހުރި ވާރިޝް ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ.
"ނޫން.. ކަމެއް ނުވޭ!"
ނަޒީރާ ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. ނަޒީރާގެ އަތުގައި ހިފައިގެން ޒީމާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ. ޒީމާ ހީކުރީ ސުހާގެ ފަރާތުން ނަޒީރާ ދެރަ ވާނެ ކަމެއް އޭނާއަށް ފެނުނީ ކަމަށެވެ. އެއީ ސުހާ ދުރު ވެގެން ނަޒީރާ އެ ވާހަކަ ޒީމާގެ ގާތުގައި މީގެ ކުރިން ވެސް ހިއްސާ ކޮށްފައި ވާތީއެވެ.
***
ދާއިން ހުއްޓާ ނުލައި ގުޅަމުން ދިޔައީ އަޔާޒަށެވެ. ނަމަވެސް އަޔާޒްގެ ފަރާތުން އެއްވެސް ޖަވާބެއް ދާއިން އަކަށް ނުލިބެއެވެ. ދާއިން ގުޅާކަށް އެނގި ހުރެ ވެސް، އެ ކޯލަށް ޖަވާބު ދޭކަށް އަޔާޒް ބޭނުން ނުވަނީއެވެ. އެއީ ލީޒާގެ ފިރިމީހާ ކަމުގައި އަޔާޒަށް އެނގިފައި އޮތީމައެވެ.
"ނުނަގާ ފޯނެއް! މިވަރަށް ގުޅާ އިރު އެނގޭނެ ގުޅާކަން.. ހަމަ ގަސްދުގަ އެ ނުނަގަނީ.. އަޔާޒަށް އެނގިފަ އޮންނާނީ އަހަރެން އަކީ ލީޒާގެ ފިރިމީހާ ގޮތުގައެއްނު! އެހެން ވީމަ، އަޔާޒް ފޯނަށް ޖަވާބު ނުދެނީއެ.. އަޔާޒް ހީކުރާނީ އަހަރެމެން މި އުޅެނީ އަޔާޒް އާއި ޝަރާ ގުޅުވަން ކަމަށް.. ދެން އަނެއް ކޮޅުން ޝަރާ އަކީ އަޔާޒްގެ ނަޒަރުގަ ބޮޑު ބޭވަފާތެރިއެއް.. އެކަމު، އަސްލު އަޔާޒްގެ ކުށެއް ވެސް ނެތް މާ ބޮޑު.. އަޔާޒަށް ޙަޤީޤަތް ނޭނގެނީ.. އެނގޭ ނަމަ،"
ދާއިން ބަލައިލީ ލީޒާގެ މޫނަށެވެ. އެވަގުތު އެ ދެމީހުން ވެސް ތިބީ ހޮސްޕިޓަލްގެ ވޯރޑު އޭރިއާގައެވެ.
"ތީ އަހަރެން ޤަބޫލު ކުރާ ވާހަކައެއް ނޫން.. އެހެން ނޫން ނަމަ، މިއަދު ޝަރާ އެ ޙާލުގައި ނޯންނާނެ.. ޝަރާ އެގެން ދަނީ މަރާ ހަނގުރާމަ ކުރަމުން.. އެކަމު ވެސް ޝަރާ އިންތިހާއަށް އަޔާޒް ދެކެ ލޯބިވޭ! އަޔާޒަށް އެއްވެސް ދެރައެއް ނޭދޭ! އެކަމު އަޔާޒް އެ އުޅެނީ ދޯ؟ ވަރަށް އުފާވެރި ދިރިއުޅުމެއްގަ.."
ލީޒާ ވާހަކަދެއްކީ ހިތްހަމަ ނުޖެހޭ ފާޑަކަށެވެ.
"އަހަރެން ވާހަކައެއް ބުނަންތަ؟"
ދާއިން ފުން ނޭވާއެއް ދޫކޮށްލަމުން ބަލައިލީ ލީޒާގެ މޫނަށެވެ. އެންމެ ފަހުން ދާއިން ނިންމީ އޭނާއަށް އިޙްސާސްވާ އެއްޗެއް ލީޒާއަށް ހިއްސާ ކުރާށެވެ.
"އަހަރެންނަށް އިޙްސާސް ވަނީ އަޔާޒް އޭނާގެ މިހާރު ވައިފް ދެކެ ލޯބި ނުވާހެން.. މަޖުބޫރުން އުޅޭހެން ހީވަނީ.."
ދާއިންގެ ޖުމުލައިން ލީޒާއަށް ލިބުނީ ހައިރާން ކަމެކެވެ. އެ ވާހަކަ އިތުރަށް އެނގެން ލީޒާ ޝައުޤުވެރި ވިއެވެ.
"އެއީ ކީއްވެ؟ އެހެން އިޙްސާސްވީ؟"
ލީޒާ ކަޅި ޖަހާ ނުލައި ބަލަން ހުރީ ދާއިންގެ މޫނަށެވެ.
"އަހަރެން އަޔާޒްއާ ވަކިން ބައްދަލުވިން... ކޮފީ އަކުން.. އަޔާޒްގެ ވާހަކަތަކުން އަހަރެންނަށް އެނގުނީ އަޔާޒް ޝަރާ ދެކެވާ ލޯބި.. ޝަރާ މަތިން ހަނދާން ނައްތާ ނުލެވިގެން އުޅޭކަން.. އަދި ވެސް އަޔާޒް އެ ލޯބީގައި ދިރިއުޅޭކަން.. ނަމަވެސް އަޔާޒްގެ ދެލޯ ކުރިމަތިން އެކަން ފެނިފަ، ޝަރާ އެކަމަށް އެއްބަސްވީމަ، އަޔާޒް އެކަން ހުރީ ޤަބޫލު ކޮށްގެން... ދެން އެހެން ނޫނަސް، އަދި އެނގޭތަ؟ އަހަރެން ކުރިން އަޔާޒަށް ގުޅީމަ ފޯނު ނެގީ އަޔާޒްގެ ވައިފް.. ނަގާފަ ވާހަކަ ދެއްކީ ވަރަށް ހަޑިކޮށް.. ވަރަށް ހުތުރު ކޮށް ވާހަކަދެއްކީ.. އެ ދުވަހު އަހަންނަށް އިޙްސާސްވީ އަޔާޒް ހުރެދާނެއޭ އަނބި ދަށު ވެފަ ވެސް.. އެއީ ވަރަށް ހަރުކަށި، ހަޔާތް ކުޑަ އަންހެނެއްހެން ގޮތަށް އަހަންނަށް ސިފަވީ.." ދާއިން ބުނެލިއެވެ.
"ވަޓް؟ އަސްލުވެސް ތަ؟" ލީޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. (ނުނިމޭ)