އެސްއޯއީތަކުގައި މުވައްޒަފުން ގިނަވެ | ރަށްރަށް ދަނީ ފަގީރުކަމަށް

ރަށްރަށުން ފެންނަނީ އެސްއޯއީ މުވައްޒަފުން ޓީޝާޓްލައިގެން ކޮފީ ބޯން ތިބޭ ތަނެވެ. އެސްއޯއީތަކަށް މުވައްްޒަފުން ގިނަ ކުރަން އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ފެށި ގޯސް މި އަމަލު ތަކުރާރުވެ މިވަނީ ހަމައިން ނައްޓާލާފަ އެވެ.

ރަށެއްގައި ބިދޭސީން މަސައްކަތް ކުރަނީ : ގިނަ ރަށްރަށުގައި އިގްތިސޯދީ މަސައްކަތް ވަނީ ހުއްޓިފަ

މަހެއް ބާނަން ހަފުތާ ބަންދުގައި ދިޔައީ އދ. ގައި ކަންނެލި މަސްވެރިކަމަށް މަޝްހޫރު މަހިބަދޫ އަށެވެ. އެ ރަށަށް ފައިބައި ކޮޓަރިއަށް ދަބަސް އެއްލާފަ ފުރަތަމަ ބަނދަރު މައްޗަށް ނުކުތީ ކައިރީގައި އޮންނަ އޮމަދޫއަށް ދާށެވެ. ދުވަހަކީ އާދީއްތަ ދުވަސް ކަމަށްވުމުން ސަރުކާރު މުވައްޒަފުންތައް ޓައީ އަޅައިގެން ދެ ކޮޅަށް ހިނގާތަން ފެނެ އެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ސަރުކާރުގެ އެންމެ މަޝްހޫރު އެއް ކުންފުނީގެ ޔުނީފޯމްގައި ތިބި ތިން މުވައްޒަފުންނެވެ. އެ މީހުން ތިބީ ރަށުގެ ބަނދަރުމަތީ ޖޯލީގައި ޖައްސާލައިގެން ހަމަ ޖެހިލައިގެންނެވެ. ފަހަރަކު ސިނގިރޭޓެއް ރޯކުރަމުން ދުން ބުރުވަމުން ދިޔައިރު ފުލުފުލުގައި ކޮފީ ޖޯޑުތައް އެ މީހުން ތިބި މޭޒު ކައިރިއަށް ނޭޕާލް އަންހެން ކުދިން އުފުލަމުން ދިޔަ އެވެ. ކޮފީ ބޮއިގެން ރަނގަޅަށް ދުފާލަ އެވެ. އަނެއްކާވެސް ސިނގިރޭޓެއް ރޯކޮށްލަ އެވެ. ބަނދަރުމަތީގައި ދޮޅު ގަޑިއިރު މަޑުކުރުމަށްފަހު ނައްޓާލީ އެވެ. އޭގެ ދެ ގަޑިއިރު ފަހުން އައިއިރު ކުރިން މި ބަނދަރުމަތީގައި ކޮފީބޯން ތިބި ދެ މުވައްޒަފުން އެތަނުގައި ތިއްބެވެ. ހީވަނީ މި މީހުންގެ ޒިންމާއަކީ ހަމައެކަނި ކޮފީ ބުއިމެވެ. މަސައްކަތަކީ އެއީ އެވެ. ސަރުކާރު މުވައްޒަފުން ގިނަވެގެން ގޮސް ހައްދުން ނައްޓާލައި ކުރާނެ ކަމެއް ނެތި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މިހާރު ފެންނަނީ މި މަންޒަރެވެ. 

މި މައްސަލަ ގޯހުން ގޯހަށް ދާން ފެށިކަމުގެ ސިގްނަލް އެންމެ ފުރަތަމަ ލިބެން ފެށީ މިދިޔަ ސަރުކާރުގަ އެވެ. މައްސަލައިގެ ރޯޅި ލައްވާލީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުންނެވެ. ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހު ފެކްޝަންގެ ވާދައިގެ ތެރޭންނެވެ. އޭގެފަހުން އައި މި ސަރުކާރުގައި ވެސް އެކަން ދެމެހެއްޓި އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ނިމި މިއަދު ބަލާއިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަވެ އިށީންނާނެ ގޮނޑިއެއް ނެތި ވަޒީފާގައި އެ ތިބީ "ރެފިއުޖީން" ގެ ގޮތުގައި ހޮޅުއަށި ހޫނު ކުރާށެވެ. 

ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުން ގިނަ ވެގެން ދާކަމުގެ ވާހަކަތައް ރަށު ތެރޭގައި ދައްކަން ފެށިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީ އެތެރޭގައި އުފެދުނު ވާދަވެރިކަމުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ގިނަ މެންބަރުން އެ ވާހަކފުޅު ފާޅުކަން ބޮޑުކޮށް މަޖިލީހުގައިވެސް ދެއްކި އެވެ. އެކަމަކު މި މައްސަލައިގެ ރަތް ސަމާލު އޭގެ ފަހުން ރަސްމީ ކަރުދާހަކުން ފެނުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާންމުކުރި "ޕްރި- އިލެކްޝަން އެސެސްމަންޓް 2023" ރިޕޯޓުންނެވެ. 

އެ ރިޕޯޓުން އެނގެން އޮތް ހަގީގަތަކީ 2021 ވަނަ އަހަރުގައި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި 10,000 އަށްވުރެ ގިނަ ވަޒީފާގައި މުވައްޒަފުން ތިބި ނަމަވެސް އެ އަދަދު މިދިޔަ އަހަރުގެ އަންދާޒާއަކީ 25,000 އެވެ. ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އޮތްގޮތުން ކައިރި ކައިރީގައި "ޑިސައިޑިން" އިންތިހާބު ތަކެއް އޮތުމުގެ ނަތީޖާއަކީ ސިޔާސީ މުހުތާދު ފުއްދަން މުވައްޒަފުން ނަގަން މަޖުބޫރުވުމެވެ. 

ރިޔާސީ އިންތިހާބަށްފަހު ޕީއެންސީ އިން ވެރިކަމުގެ ފުލް ކޮންޓްރޯލް ނެގިނަމަވެސް މަޖިލީސް ކޮންޓްރޯލް ހޯދަން ކުރަން ޖެހޭ މަސައްކަތް ގިނަވެ ޕްރެޝަރު އިންތިހާއަށް ކުރިމަތިވި އެވެ. ފަސް އަހަރު ކަމެއްނެތި މަގުމަތީގައި ތިބި އެކްޓިވިސްޓުން ވަޒީފާ ހޯދަން ސަރުކާރަށް ކުރަމުން ދިޔަ ޕްރެޝަރާއެކު މި ސަރުކާރުން ވެސް ވަނީ އެމްޑީޕީ ދީޔަ މަގުން ދަތުރުކޮށްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކަށް ސަރުކަރު ކުންފުނިތަކުން "ކޮފީބޯން ވަޒީފާ" ދީފަ އެވެ. ވެރިކަމަށް އައިއިރު މި ސަރުކާރުންވީ ވައުދަކީ ވަޒީފާއިން މީހުން ނުކެނޑުމެވެ. އެހެންވެ ނިސްބަތުން ވަޒީފާއިން އުނިވެފަިއވަނީ މަދުބައެއްކަން ތަފާސް ހިސާބުތަކުން އެނގެ އެވެ. އެކަމަކު މި އަދަދު މިގޮތަށް އޮއްވައި ގިނަ އަދަދެއްގެ "ޕާޓީ ކުދިން" އަށް އިތުރަށް ވަނީ ވަޒީފާ ދީފަ އެވެ. މި ކުދިންނާއި ކުރިން ވަޒީފާތަކުގައި ތިބި މީހުންނާއެކު ސަރުކާރު ކުންފުނިތަކުގެ ހޯލްތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. ހަގީގަތަކީމި އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް އޮންނަ ގޮތުން އިންތިހާބުތައް ކައިރިކައިރީގައި އޮތުމާއެކު ވެރިއަކަށް އަންނަ މީހަކަށް މާގިނަ "ޗޮއިސް" އެއް އެކަމުގައި ނެތްކަން އެއީ ހަގީގަތެވެ. މީގެ ނަތީޖާއަކީ މުވައްޒަފުން ގިނަވިނަމަވެސް ކުރާނެ މަސައްކަތް ނެތުމެވެ. 

ގިނަ އެސްއޯއީތަކުގެ މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތް

ޕްރައިވެޓައިޒޭޝަން ބޯޑުން އެންމެފަހުން މިދިޔަ އަހަރުގެ ނިޔަލަށް އާއްމުކުރި އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި ތިބީ 30,751 މުވައްޒަފުންނެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 34,659 އަށް އިތުރުވެފަ އެވެ. އެންމެ ގިނަ މުވައްޒަފުން ތިބީ އެންމެ ދަރަނި ބޮޑު މުޅި އިގްތިސޯދު ހަމައިން ނައްޓާލި ފެނަކަ ކުންފުނީގަ އެވެ. އެ ކުންފުނީގައި 7,132 މުވައްޒަފުން މިދިޔަ އަހަރުގެ ނިޔަލަށް އެބަތިއްބެވެ.

މިހާ ހިސާބުން ބައެއް މީހުން ސުވާލުކޮށްފާނެ އެވެ. ބަޔަކަށް ވަޒީފާ ދިނުމުން މައްސަލައަކީ ކޮބައި ހެއްޔެވެ؟ 

ސަރުކާރު މުވައްޒަފުން ގިނަ ކުރި ވަރަކަށް ބަޖެޓަށް ކުރާ ބުރަ ދަނީ އިތުރުވަމުންނެވެ. ގިނަ ކުންފުނިތަކަކީ ހިންގުން "ޕެރެލައިޒް" ވެފައިވާ ކުންފުނިތަކެވެ. ހިންގުމުގައި ހަމައެކަނި އެއް ޖީބުން ނަގައި އަނެއް ޖީބަށް އަޅާގޮތަށް ހަމައެކަނި ސަރުކާރުން ފައިސާ ދިނުމުން ހިނގޭގޮތަށް ހުރި ކުންފުނިތަކެވެ. މި ކުންފުނިތަކަށް ކިތަންމެ ފައިސާއެއް އެޅި ނަމަވެސް ކުރާނެ ކަމެއް ނޯންނާނެ އެވެ. ލިބޭނެ ކުރި އެރުމެއް ވެސް ނެތެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނިތަކަށް އެކަނި ދައުލަތުގެ ބަޖެޓުން ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 833 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އަދި ސަބްސިޑީގެ ގޮތުގައި ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ ދީފައިވާއިރު ހިލޭ އެހީގެ ގޮތުގައި ކުންފުނިތަކަށް ދިން އަދަދު 192 މިލިއަން ރުފިޔާއިން މަތިވެ އެވެ.

ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ސަރުކާރު ކުންފުންޏެއްގެ ހަރަދު ކޮންމެ މަހަކު ބަލަހައްޓާނަމަ ކޮންމެހެން ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ބޭނުމެއް ނެތެވެ. މިނިސްޓަރުގެ ސުވާލަކީ އެފަދަ ކުންފުނިތައް ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ހެދުން މާ ރަނގަޅުވާނެ ނޫން ހެއްޔެވެ؟ ރަނގަޅު ވާހަކަފުޅެކެވެ. ކޮންމެހެން ކުންފުންޏެއްގެ ނަމުގައި ބޭއްވުމަށްވުރެ އެގޮތްވެސް މިހާރަށްވުރެ ރަނގަޅުވާނެ އެވެ. 

މުވައްޒަފުން ގިނަވުމުން އިގްތިސޯދީ މަސައްކަތް ހުއްޓިފައި

ކުންފުނިތައް ބޮޑު ކުރާ ވަރަކަށް ރަށްރަށް ދަނީ ފަގީރުވަމުންނެވެ. މިހެން ވަނީ ކީއް ވެގެން ހެއްޔެވެ؟ 

ސަބަބަކީ ކުންފުނިތައް ބޮޑު ކުރާ ވަރަކަށް ރަށްރަށުގެ އާއްމުން ކުންފުނިތަކަށް ބަރޯސާވުން އިތުރުވެ އިގްތިސޯދީ މަސައްކަތްތައް މަޑު ޖެހޭކަން މިދިޔަ އަށް އަހަރުގެ ތަޖުރިބާއިން ފެންނަން އޮތުމެވެ،. 

ކަންނެލި މަސްވެރިކަމުގައި މަޝްހޫރު މަހިބަދޫ އަށް ބެލިނަމަވެސް ފެންނަނީ އެ ބިރުވެރި ހުވަފެން ހަގީގީތަކަށްވާ ތަނެވެ. ރަށުގައި ކުރިން ކަންނެލި މަސްވެރިކަމުން ފައިމައްޗަށް ދެތުވެ އަމިއްލަ މިނިވަންކަމުގައި އުޅެމުން ދިޔަ ގިނަ ބަޔަކު މިއަދު އެތިބީ ސަރުކާރު ކުންފުނިތަކުގެ "ޓީމް" ޓީޝާޓް ލައިގެންނެވެ. މި ޓީޝާޓް ގިނަ ބަޔަކުލާ ވަރަކަށް ރަަށްތައް ދަނީ ފަގީރު ވަމުންނެވެ.

މަހިބަދޫގައި ހުރި ދެތިން ދުވަހުން އެއް ދުވަހު ނަމާދުން ފައިބައިގެން ނުކުމެ މިސްކިތު ހަރިންމަތެރޭގައ މަޑުކޮށްލައިގެން ހުއްޓައި މުސްކުޅި ފުރާގެ މީހަކު އައިސް ވާހަކަ ދައްކަން ފެށި އެވެ. އޭނާގެ މައިގަނޑު ވާހަކައަކީ ރަށްރަށަށް ވަމުންދާ ގޮތުގެ ކަންބޮޑުވުމެވެ.

މި ރަށަށް މިސާލު ޖަހަމުން އެ ބޭބެ ބުނި ގޮތުގައި ކުރިން ކަންނެލި މަސްވެރިކަމުން މަހަކު އާއްމުކޮށް މި ރަށު މީހަކަށް 25،000ރ. އާ ގާތްކުރާ ވަރަށް ރަށަށް ވައްދަ އެވެ. އެކަމަކު މިހާރު އެ މީހުން ދޯނި ދޫކޮށްލައި ކޮންމެވެސް ސަރުކާރު ކުންފުންޏެއްގެ ޓީޝާޓް ލައިގެން ވަޒީފާ އަށް ނުކުރުމުން އެންމެ ގިނަވެގެން ވެސް ލިބެނީ 12،000ރ. އެވެ. މިއާއެކު ކުރިން ލިބުނު 25،000 ރުފިޔާ / ޑޮލަރަށް ހަދާލައިގެން އެ ފޮނުވަނީ ބިދޭސީ މީހާ ގައުމަށެވެ. އެ ފައިސާ މިހާރު މި ރަށުގެ ތެރޭގަ ބުރެއް ނުޖަހަ އެވެ. ރަށު ތެރޭގަ ފައިސާއެއް ނޭނބުރެ އެވެ. މިކަން ރަށުގެ އާއްމު ވިޔަފާރީގެ ވިކުރާ އިން ވެސް މިހާރު ފެނެ އެވެ. މި ރަށު ކެފޭ ރެސްޓޯރެންޓުގެ ފައިސާ ވަތްގަނޑު ވެސް މި ހީނަރުކަން ފެންނަން ފަށައިފި އެވެ. 

މި ބަދަލީ ހަމައެކަނި މި ރަށުން ފެންނަ މަންޒަރެއް ނޫނެވެ. މި ރަށާ ޖެހިގެން އޮތް އޮމަދޫ އިން ވެސް ފެންނަނީ މި މަންޒަރެވެ. އަދި އިންވެގެން އޮންނަ ކުބުރުދޫއިން ވެސް ފެންނަނީ އެ މަންޒަރެވެ. އެއަށްވުރެ ކުޑަކޮށް ދުރަށް ޖެހިލާނަމަ ހަންޏާމީދޫންގެ ރަށު ތެރޭން ވެސް މިކަން ފެންނަނީ މަންޒަރެވެ. މި ރަށްރަށުގެ ޖޯލިތަކާއި ހޮޅުއަށިތައް އަދި ކޮފީ މޭޒުތައް ފަޅު ފިލުވަނީ ސަރުކާރު ކުންފުނި މުވަޒަފުންނެވެ. ހީވަނީ އެއީ އެ މީހުންގެ ވަޒީފާގެ ބަޔާނުގައި ކޮފީބުއިމުގެ މާއްދައެއް އޮންނަހެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.