މިއަދު އޮތް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ފުއާދު އައްޔަންކުރުމަށް ރުހުން ދޭން ފެންނަކަމަށް ވަނީ ފާސްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ތައިލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ފުއާދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ކޮމިޓީއަށް އޭނާގެ ނަންފުޅު ފޮނުވި އެވެ.
މިއަދު ކޮމިޓީގައި ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވަނީ ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރުމަށް އޭނާގެ ކިބައިގައި ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމާވަކަން ކަށަވަރުކުރުމަށް އެކި އިދާރާތަކުން ހޯދަންްޖެހޭ މައުލޫމާތުތައް ހޯދުމުން އޭނާަގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
ފުއާދަކީ ސްޓެޓިސްޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެކި ދާއިރާތަކުގައި ސަރުކާރަށާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ފުއާދުވަނީ ކުރައްވާފަ އެވެ. އަދި ވަރަށް އުދަގޫ ހާލަތްތަކުގައިވެސް ވަރަށް ސާބިތުކަމާއެކު ހިދުމަތްކުރެއްވުމުގެ ދިގު ރެކޯޑެއް ފުއާދުގެ އޮވެ އެވެ.
އެގޮތުން ފާއިތުވި ރިޔާސީ އިންތިހާބާއި އޭގެ ކުރިން އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އެ ޕާޓީ ދެފަޅިވެގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އިންތިހާބުގެ ހުރިހާ ކަމެއް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގައި ފުއާދުގެ ދައުރު ވަރަށް ބޮޑެވެ.
އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއި އެ ދުވަސްވަރު ކުރިމަތިލައްވަންޖެހުނު ޕްރެޝަރުތަކާއި އެއިރުގެ ސުޕްރީމް ކޯޓުން އޭނާއާމެދު ފިޔަވަޅުއެޅުން ފަދަ ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފުއާދު ތަޖުރިބާކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ފުއާދުގެ ދައުރު ހަމަވީ ނޮވެންބަރު 24 ވަނަ ދުވަހު އެވެ. އޭނާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އީސީގެ ދައުރު ހަމަވި ދުވަސް ނޫން އަނެއް ދުވަހު އެވެ.
ތައިލެންޑަށް ރާއްޖެއިން ކަނޑައަޅަފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރަން ފެންނަކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރީ އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ދެން އޮންނާނީ މަޖިލީހުން އޭނާއަށް ރުހުން ދިނުމެވެ.