"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،"
ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގުމުގެ ސަބަބުން ނިކުންނަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ސީއީއޯ މުހައްމަދު ޝަކީލު ވަނީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކ.މާފުށީގައި ހަލާލު ޓޫރިޒަމްގެ މަޝްރޫއެއް ފަށަން ގަސްތުކޮށްފައިވާކަން އިއުލާނު ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މިއަދު މިކަމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން، އެ ކުންފުނި ހާއްސަ ވެފައިވާ ދާއިރާގެ ތެރޭގައި މަސައްކަތް ބެހެއްޓުމަކީ މުހިންމު ކަމަށެވެ.
"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގެސްޓް ހައުސް ހިންގުންފަދަ ކަންކަން ކުރުމަކީ ކުންފުންޏަށް ފައިދާ ހުރި ކަމެއްތޯ ކުންފުނީގެ ބޯޑުންނާއި ހިއްސާދާރުން ވިސްނާލަން ޖެހޭ ކަމަށެވެ. ޓޫރިޒަމަށް އިންވެސްޓު ކުރާނަމަ، އެފަދަ ކުންފުނިތައް ސަރުކާރުގައި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
މާފުށީގައި ގެސްޓްހައުސް އެޅުމުގެ އިތުރުން ޅުމާލޭގައި ލަގްޒަރީ އެޕާޓުމެންޓު ބިލްޑިން އެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވެސް ޝަކީލު ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވިދާޅުވި އެވެ.
ކޮމެޓީގައި ޝަކީލު ވިދާޅުވެފައި ވަނީ އޭނާގެ ވިސްނުންފުޅު ހުރީ ހިރާސް ކުޑަ ވިޔަފާރިތައް ކޯޕަރޭޝަނުން ފެށުމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ހަލާލު ޓޫރިޒަމް ފެށުމަށް ވިސްނަވާ ކަމުގައި އޭނާ ވިދާޅުވި އެވެ. އެކަން މާފުށީގައި ފެށުމަށް އެ ރަށު ކައުންސިލުގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް ހަދަން ހުށަހަޅާފައިވާކަމަށް ޝަކީލު ވިދާޅުވެފައިވެ އެވެ.