ބައެއް ސިޔާސަތުތައް ބަދަލުވިޔަސް ބަޖެޓުގެ ލަނޑުދަނޑިތައް ހާސިލުވާނެ: ޒަމީރު

މާލީ އިސްލާހުތައް ތަންފީޒުކުރުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނައި ނަމަވެސް މައިގަނޑު ގޮތެއްގައި ހާސިލުކުރަން ކަނޑައަޅާފައި ހުރި އަމާޒުތައް ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ހަރަދުކުޑަކުރުމުގެ ބައެއް ސިޔާސަތުތަކަށް ބަދަލުތައް ގެނައި ނަމަވެސް ބަޖެޓުގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑީ)ވަނީ ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމަށްފަހު އެ ސިޔާސަތުތައް އަނބުރާ ގެންނާތީ އެކަމާމެދު މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ. 

މެންބަރުގެ ސުވާލުގައި އިޝާރާތްކުރައްވާފައިވަނީ އަންނަ އަހަރުން ފެށިގެން އަލަށް ރިޓަޔާ ކުރާ ފަރާތްތަކަށް، މިހާރު އިދާރާތަކުން ދެމުން އަންނަ ރިޓަޔަމެންޓު ޕެކޭޖުތަކުގައި ހިމެނޭ މަހުން މަހަށް ދޭ ފައިސާ ދިނުން ހުއްޓައިލުމަށް ސަރުކާރުން އަންގާފައި އޮތް އޮތުން ބަދަލުކުރުމަށެވެ. 

ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ އެ ނިންމުން ބަދަލުކުރެއްވުމަށް ރައީސް ނިންމެވީ ރިޓަޔަމެންޓު އުސޫލުތަކަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ގިނަ ބައެއްގެ ފަރާތުން ލިބުނު ހިޔާލުތަކަށް ރިއާޔަތްކުރެއްވުމަށްފަހު މި ބަދަލަކީ މިވަގުތު ގެންނަން ރައްޔިތުން ބޭނުންވާ ބަދަލެއްކަމަށް ފެނިވަޑައިނުގަންނަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ. 

ރައީސް މިފަދައިން ނިންމަވާފައިވާއިރު ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ރިޓަޔަމެންޓު ޕެންޝަން ސްކީމުތައް މިހާރު އޮތް ގޮތަށް އޮވެއްޖެނަމަ މުސްތަގުބަލުގައި ދައުލަތުގެ މާލިއްޔަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ހިރާހަކީ ޕެންޝަން ނިޒާމަށް ވެދާނެ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނަނީ ކުރިއްސުރެ ލަފާދެމުންނެވެ. 

މިކަމާ ގުޅޭ ގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ބަޖެޓަކީ ކުރިއަށް އޮތް އަހަރު ހަރަދުކުރާނެ ގޮތާއި އިތުރަށް ފައިސާ ހޯދާނެ ގޮތުގެ ޕްލޭނެއް ކަމަށެވެ. އަދި އެއިން ބައެއް ކަންކަމަކީ ތަންފީޒުކުރަން ފެށުމުން އިސްލާހުކޮށް ބަދަލުކުރަންޖެހިދާނެ ކަންކަން ކަމަށެވެ. 

ޒަމީރު އިތުރަށް ފާހަގަކުރެއްވީ ސަރުކާރުގެ ވިސްނުމަކީ ކުރިން އަންދާޒާކުރި ގޮތް ނޫން ގޮތަކަށް ސިޔާސަތުތައް ތަންފީޒުކުރަންޖެހުނު ނަމަވެސް ކަނޑައެޅި މައިގަނޑު އަމާޒުތައް ހާސިލުކުރުން ކަމަށެވެ. އެގޮތުން ކުރިން އަންދާޒާކުރި ގޮތް ނޫން ގޮތަކަށް ސިޔާސަތު ތަންފީޒުކުރުން ހިނގި ނަމަވެސް ބަޖެޓު ހުށަހެޅިއިރު ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުވާނެ ކަމުގައި ވިދާޅުވި އެވެ. 

"[ބަޖެޓަކީ] ހަރަދުކުރާނެ ގޮތުގެ އަދި އިތުރަށް ފައިސާ ހޯދާނެ ގޮތުގެ ޕްލޭނެއް އަޅުގަނޑުމެން މި އެކުލަވައިލަނީ. އޭގެ ތެރޭގައި ބައެއް ކަންކަމަކީ އަޅުގަނޑުމެން ރޯލް އައުޓްކުރަމުންދާއިރު އިސްލާހު ގެނެސް ނުވަތަ އަޅުގަނޑުމެން އޮރިޖިނަލީ ކުރި ޕްލޭނަށް ޓުވިސްޓެއް ގެނެސް ޖެނެރަލީ އަޅުގަނޑުމެން ގެންގުޅޭ އުސޫލަކީ އަޅުގަނޑުމެން ކަނޑައެޅި ލަނޑުދަނޑިތައް ނުވަތަ ގޯލްޕޯސްޓުތައް ހާސިލުކުރެވޭނެ ގޮތަކަށް ދިއުން،" ޒަމީރު ވިދާޅުވި އެވެ. 

"ޖެނެރަލީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ބަޖެޓު ހުށަހެޅިއިރު ކަނޑައެޅި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރެވޭނެއޭ އިނގޭތޯ،"

ޒަމީރު އިތުރަށް ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ މާލީ އިސްލާހުތައް ހުށަހަޅާފައި ހުރީ އެ އިސްލާހުތައް ތަންފީޒުކުރުމުގެ ސިޔާސަތުތަކަށް ބަދަލުނުގެނެވޭ ގޮތަކަށް ނޫން ކަމަށެވެ. އެހެންނަމަވެސް ކޮންމެ ދާއިރާއަކުން ހާސިލުކުރަން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.