މި އަހަރު ފެށި މި ހިދުމަތުގައި މިހާތަނަށް 12 އެއާލައިނުން ބައިވެރިވެފައިވާއިރު، ޖުމްލަ 1،000 ޓަނުގެ މުދާ މިހާތަނަށް ވީއައިއޭ މެދުވެރިކޮށް އެއާ ފްރައިޓުކޮށް ޔޫރަޕަށް ބޭރުކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި އެމްޕީއެލް އަދި ކަސްޓަމްސް ގުޅިގެން ފޯރުކޮށްދެމުންދާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމެންޓު ހިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ބޭރުކޮށްފި އެވެ.
ޓާަކިޝް އެއާލައިނާ ގުޅިގެން ފުރަތަމަ ފެށި ހިދުމަތް ދިނުމުގައި މިހާރު 12 އެއާލައިނަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެންމެ ފަހުން މި މަސައްކަތާ ގުޅުނީ ވާޖިން އެޓްލާންޓިކް އެއާލައިނެވެ.
މި ހިދުމަތް ފަށައިގެން މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ބަންގުލަދޭޝްއިން ގެންނަ އަންނައުނެވެ. ނަމަވެސް މިފަހުން އިންޑިޔާއިން ގެނައި ބައެއް މުދާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާ ފްރައިޓުކޮށް ބޭރުކޮށްފަައިވެ އެވެ.
އެމްޕީއެލުން ބުނި ގޮތުގައި ފާއިތުވި އޮކްޓޯބަރު މަހުގައި އެކަނި 97 ކޮންޓެއިނަރު ނުވަތަ 418 ޓަނުގެ މުދާ ރާއްޖެއިން ވައިގެ މަގުން ބޭރުކޮށްފައިވެ އެވެ. އަދި މި ވިޔަފާރި ފުޅާކޮށް މަހެއްގެ މައްޗަށް 400 ކޮންޓެއިނަރު ބޭރުކުރެވޭ މިންވަރަށް ކުރިއެރުވުމުގެ ފުރުސަތު އެބައޮތްކަމަށް އެމްޕީއެލްއިން ބުނެ އެވެ.
ވެލާނާ އިންޓަނޭޝަން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނި ގޮތުގައި މި ހިދުމަތް ދިނުމުގައި އައު އެއާލައިންތަކުން ބައިވެރިވުމާއެކު މި ހިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ އެވެ. އަދި އެ ހިދުމަތާއެކު ވީއައިއޭން ދެމުން އަންނަ ކާގޯ ހިދުމަތްތައް ފުޅާވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެމްއޭސީއެލުން ބުނީ ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިނުގައި ވީއައިއޭގެ ހިއްސާ އޮތުމަކީ އެމްއޭސީއެލުން ރާއްޖޭގެ އިގުތިސާދުގައި މިހާރު ހިއްސާވާ މިންވަރު އިތުރުވާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ސަމާލުކަންދޭ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.