އެންސްޕާއިން ބުނީ 1،000 ޑޮލަރުގެ އެހީ ކުރީ ސަރުކާރުގައި ލިބުކަމަށް ބުނާ މީހާގެ އަތުގައި އަދި އެންސްޕާގައިވެސް އެ ފައިސާ އޭނާއަށް ދޫކުރިކަން އެނގޭނެ ލިޔުމެއް ނެތް ކަމަށެވެ.
ކެންސަރު ބަލިމީހެއްގެ ބޭސްފަރުވާއަށް އެންސްޕާއިން އެހީތެރިކަން ހަމަނުޖެހުނުކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ވާހަކަތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދޮގުކޮށްފި އެވެ.
ކުރިން ޕީޕީއެމް ހަރަކާތްތަކުގައި އުޅުނު އަދި ހިޔާ ސަރަހައްދުގައި ކުރީ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ބައިވެރިވި މީހަކު ސޯޝަލް މީޑިޔާގައި ބުނެފައިވަނީ އޭނާގެ ބަލި މަންމަައަށް ފަރުވާކުރަން ބޭސްފަރުވާގެ އެހީ ހަމަޖައްސަން އުޅުމުން މި ސަރުކާރުގައި އެހީތެރިކަން ލިބިފައިނުވާ ކަމަށެވެ. އަދި ކުރިން އެންސްޕާއިން އެހީގެ ގޮތުގައި ދިން 1،000 ޑޮލަރުގެ ބަދަލުގައި މިފަހަރު ދީފައިވަނީ 3،084 ރުފިޔާ ކަމަށެވެ.
މިކަމާ ގުޅިގެން އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި އޭނާ އާސަންދަ އަދި ވެލްފެއާ އެހީތެރިކަމަށް އެދި ހުށަހެޅުމުން އެންސްޕާއާއި އާސަންދައިން ދީފައިވާ އެހީގެ ތަފުސީލުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މި އަހަރުގެ ނޮވެންބަރު 28 ވަނަ ދުވހާ ހަމައަށް ނުވަ ފަހަރެއްގެ މަތިން އޭނާއަށް އެހީ ދޫކޮށްފައިވާކަން އެންސްޕާއިން ފާހަގަކުރި އެވެ.
އެންސްޕާގައި ހުރި ލިޔެކިޔުންތަކާ ހަވާލާދީ އެ އިދާރާއިން ފާހަގަކުރި ގޮތުގައި އެންސްޕާއާއި އާސަންދައިގެ އުސޫލުތަކުގެ ތެރެއިން އެ ބަލިމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރިއެމްބާސްކުރި ޓިކެޓުގެ ފައިސާ ފިޔަވައި އެހެން ހުރިހާ ފަހަރަކުވެސް އެންސްޕާއިން އެހީގެ ގޮތުގައި ދީފައިވަނީ 200 ޑޮލަރާއި 250 ޑޮލަރަށްވާ ދިވެހި ރުފިޔާކަން އެނގޭ ކަމަށެވެ. އަދި އެއްވެސް ފަހަރަކު 1،000 ޑޮލަރު ދިންކަން ލިޔުމަކުން އެނގެން ނެތް ކަމށެވެ.
އެންސްޕާގެ ވެރިންނާ ކަމާބެހޭ ކޮމިޓީން މިއަދު އެ ޓުވީޓުކުރި މީހާއާ ބައްދަލުކޮށް އެ ބަޔާނުގައި ފާހަގަކުރި އެހީތައް އެންސްޕާގެ ސިސްޓަމުން ދެއްކުމުން އެ އެހީތަކަކީ އޭނާގެ އެކައުންޓަށް ޖަމާވި އެހީތަކެއް ކަމަށް އެއްބަސްވެ އެ މައުލޫމާތުގެ ސައްހަކަމަށް އިއުތިރާފުވެފައިވާކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ކުރީގެ ވެރިކަމުގައި އޭނާއަށް 1،000 ޑޮލަރުގެ އެހީތެރިކަން ލިބުނުކަމަށް ޓުވީޓުގައި އަދި މިއަދުގެ ބައްދަލުވުމުގައި ތަކުރާރުކޮށް ބުނި ނަމަވެސް އެ އެހީތެރިކަން ހަމަޖެހުނު ގޮތެއްކަމަށް އޭނާ ބުނީ ކޭސް އަވަސްކުރަން އެއިރު އާސަންދަ ހިންގަވަން ހުންނެވި ބޭފުޅާގެ އަރިހުގައި ދެންނެވުމުން ކުއްޖަކު ގުޅާފައި އަންނަ ބުނުމުން ދިއުމުން އޭ4 ސައިޒު ގަނޑެއްގައި ސޮއިކުރުވާފައި ފައިސާ ހަވާލުކުރި ކަމަށެވެ.
އެންސްޕާގެ ބަޔާނުގައި ބުނެފައިވަނީ އެ ބުނާ 1،000 ޑޮލަރު ހަމަޖެއްސިކަން އެންސްޕާގެ އެއްވެސް ލިޔުމަކުން ފެންނަން ނެތްއިރު އެކަމަށް ދަލީލުކުރާ ލިޔުމެއް އެ ޓުވީޓުކުރި މީހާގެ އަތުގައިވެސް ނެތް ކަމަށް އޭނާ ބުނި ކަމުގަ އެވެ.
އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ގޮތަށް 1،000 ޑޮލަރު އެންސްޕާއިން ދޫކޮށްފައިވާނަމަ އެ ފައިސާ ހަމަޖައްސާފައިވަނީ އުސޫލުތަކާ ހިލާފަށް އެހީތެރިކަން ހަމަޖައްސައިދިނުމުގެ މިންގަނޑާއި ނިޒާމުން ބޭރުން ކަމަށްވެސް އެންސްޕާއިން ބުނެ އެވެ.