އެންސީއައިޓީން ބުނެފައިވަނީ އެ ހިދުމަތް ފޯރުކޮށްދެނީ ދިވެހި ރައްޔިތެއްގެ ފޮޓޯއެއް އަދި ޒާތީ އެއްވެސް މައުލޫމާތެއް ބޭރުގެ އެއްވެސް ފަރާތަކަށް ނުލިބޭނެކަން ކަށަވަރުވާނެ ފަދަ އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށެވެ.
ސަރުކާރުގެ މައިގަނޑު ޑިޖިޓަލް ޕްލެޓްފޯމުގެ ގޮތުގައި ތައާރަފުކޮށްފައިވާ އީފާސް ހިދުމަތުގައި ފޭސް ރިކޮގްނިޝަންއަށް ބޭނުންކުރަމުން އައި ސޮފްޓުވެއާ ފޯރުކޮށްދިން އިސްރާއީލު ކުންފުނި އެ މަސައްކަތުން ދުރުކޮށް އެ މަސައްކަތްކުރުމަށް ލެޓްވިއާ ކުންފުންޏެއްގެ ސޮފްޓުވެއާ ބޭނުންކުރަން ފަށައިފި އެވެ.
ރޭ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ނެރުނު ބޔާނެއްގައި ބުނެފައިވަނީ އީފާސް ހިދުމަތުގައި ބޭނުންކުރާ ފޭސް ވެރިފިކޭޝަން ހިދުމަތް ފޯރުކޮށްދެމުން އައީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްގެން ހިންގާ އިސްރާއީލު ކުންފުންޏެއްކަމަށްވާ ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޓް ލިމިޓެޑްގެ ސޮފްޓުވެއާއެއް ބޭނުންކޮށްގެން ކަމަށެވެ.
އެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން އަތުލާފައިވާކަން ހާމަކޮށް އެންސީއައިޓީން ބުނީ މިހާރު އެ ހިދުމަތް ފޯރުކޮށްދިނުން ހަވާލުކޮށްފައިވަނީ ލެޓްވިއާގެ ކުންފުންޏެއްކަމަށްވާ ރެގިއުލާ ފޮރެންސިކްސްއާ ކަމަށެވެ. އަދި އެ ކުންފުނީގެ އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު ފޭސް ވެރިފިކޭޝަން ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެންސީއައިޓީން ބުނެފައިވަނީ އެ ހިދުމަތް ފޯރުކޮށްދެނީ ދިވެހި ރައްޔިތެއްގެ ފޮޓޯއެއް އަދި ޒާތީ އެއްވެސް މައުލޫމާތެއް ބޭރުގެ އެއްވެސް ފަރާތަކަށް ނުލިބޭނެކަން ކަށަވަރުވާނެ ފަދަ އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށެވެ. އަދި އެ މަސައްކަތް ހިނގާނީ އެ އިދާރާގެ އެތެރޭގައިކަން އެ މަރުކަޒުން ޔަގީންކޮށްދެ އެވެ.
އަލުން ފޭސް ރިކޮގްނިޝަން ހިދުމަތް ފަށާފައިވާއިރު މިވަގުތު އެ ހިދުމަތް ލިބޭނީ ހަމައެކަނި ބްރޯޒާއެއް މެދުވެރިކޮށް އީފާސްއަށް ވަންނައިރު ކަމުގައި އެންސީއައިޓީން ބުނެފައިވެ އެވެ.
އެންސީއައިޓީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.މުހައްމަދު ކިނާނަތު ވިދާޅުވި ގޮތުގައި އެންސީއައިޓީން ބޭނުންވަނީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގަ އީފާސް ޕްލެޓުފޯމުގެ ދައުރު ފުޅާކުރުމަށްޓަކައި އެ ޕްލެޓުފޯމުގެ ހިދުމަތް ދުވަހުން ދުވަހަށް ރަނގަޅުކުރުމެވެ.